ބީއެމްއެލްގެ މިދިޔަ އަހަރުގެ ސާފު ފައިދާއިން ހިއްސާދާރުންނަށް ޖުމްލަ 258 މިލިއަން ރުފިޔާ ބަހަން ފާސްކޮށްފިއެވެ. މިރޭ ޖެން ހޮޓަލްގައި ބޭއްވި އެ ބޭންކުގެ އަހަރީ އާންމު ޖަލްސާގައި ފާސްކުރި އަދަދާއެކު ބޭންކުގެ ކޮންމެ ހިއްސާއަކަށް 48 ރުފިޔާ ލިބޭނެއެވެ.

މިރޭގެ ޖަލްސާގައި އަމިއްލަގޮތުން 57 ހިއްސާދާރަކު ބައިވެރިވި އިރު ޕްރޮކްސީ މެދުވެރިކޮށް 17 ހިއްސާދާރަކު ވަނީ ބައިވެރި ވެފައެވެ. މިއީ އެ ކުންފުނީގެ 58 ޕަސެންޓް ތަމްސީލު ކުރާ ހިއްސާދާރުންނެވެ.

ބީއެލްއެލްގެ ތާރީހުގައި ވެސް ހިއްސާއަކަށް ބަހާ އެންމެ ބޮޑު އަދަދު މިރޭ ފާސްކުރުމާއެކު ދިވެހި ސަރުކާރަށް ޑިވިޑެންޓުގެ ގޮތުގައި 131 މިލިއަން ރުފިޔާ ލިބޭނެއެވެ. ސަރުކާރަކީ ބޭންކުގެ މެޖޯރިޓީ ހިއްސާދާރެވެ.

މިރޭގެ ޖަލްސާގައި ބީއެމްއެލްގެ ބޯޑުގައި މިހާރު ވެސް ތިބި ސަރުކާރު ތަމްސީލު ކުރާ 8 މެންބަރުންނާއި އާންމު ހިއްސާދާރުން ތަމްސީލު ކުރާ ތިން މެންބަރުން އިތުރު ދައުރަކަށް ވަނީ އިންތިހާބުވެސް ކޮށްފައެވެ.

މިދިޔަ އަހަރު ފައިދާގެ ގޮތުގައި، ޓެކުހަށް ކެނޑުމަށް ފަހު ބީއެމްއެލަށް 1.9 ބިލިއަން ރުފިޔާ ލިބުނު އިރު 543 މިލިއަން ރުފިޔާ އެ ބޭންކުން ވަނީ ސަރުކާރަށް ދައްކާފައެވެ. މިދިޔަ އަހަރު ބޭންކަށް ލިބުނު ފައިދާ 1.9 ބިލިއަނަށް އެރުމުން އެއީ 470 ޕަސެންޓް އިތުރު ވުމަކަށް ވުމުގެ އިތުރުން ވި ބޭންކްގެ ތާރީހުގައި ރެކޯޑް އިތުރުވުމެކެވެ.

މިދިޔަ އަހަރު ބީއެމްއެލްގެ އެސެޓުގެ އަގު 7.6 ބިލިއަން ރުފިޔާ އިތުރުވި އިރު އެ ބޭންކުގެ ކަސްޓަމަރުން ޖަމާކުރި ފައިސާވެސް ވަނީ 5.3 ބިލިއަން ރުފިޔާ އިތުރުވެފައި ކަމަށް ހިސާބުތަކުން ދައްކައެވެ.

ބީއެމްއެލްއަށް މިހާ ބޮޑު ފައިދާއެއް ލިބުމުގައި ލޯންތަކުގެ އިންޓަރެސްޓާއި، ކްރެޑިޓް ކާޑާއި އަދި އެނޫންވެސް މާލީ މުއާމަލާތްތަކުގެ އިންޓަރެސްޓް ބޮޑު ދައުރެއް އަދާ ކުރެއެވެ. ރާއްޖޭގެ ބޭންކިން ނިޒާމުގައި އިންޓަރެސްޓް ރޭޓް ބޮޑު ނަމަވެސް، ބީއެމްއެލްގެ ބައެއް ފެސިލިޓީތަކުގައި އިންޓަރެސްޓް ރޭޓް އެހެން ބޭންކްތަކަށް ވުރެ ކުޑަކަން ފާހަގަ ކޮށްލެވެއެވެ.