މަދިރި ހެފުން ގާތީ، އަންހެނުންނަށްވުރެ ބޮޑަށް، ފިރިހެނުންގެ ހަށިގަނޑުގައި ކަމަށް އެނާލްސް އޮފް އިންޓާނަލް މެޑިސިންގައި ޝާއިއު ކޮށްފައި ވާ އާ ދިރާސާއެއް ބުނެފިއެވެ.

އެ ދިރާސާގައި ރިސާޗަރުން ބުނެފައި ވާ ގޮތުގައި، މަދިރީގެ ޝިކާރައަކަށް ފިރިހެނުން ވާ ނިސްބަތް އިތުރު ވަނީ، ޖިސްމާނީ ގޮތުން ފިރިހެނުންގެ ހަށިގަނޑު ހެދިހުރިލެއް ބިޔަ ކަމުގެ ސަބަބުންނެވެ.

ހަށިގަނޑު ބިޔަވުމުގެ ސަބަބުން، ހަށިގަނޑުން އުފައްދާ ހޫނު ނުވަތަ ކާބަންޑައިއޮކްސައިޑް އިތުރުވާ ކަމަށާ، އެކަމަކުގެ ސަބަބުން އެ ދިމާއަކަށް ގޮސް ޝިކާރަ ކުރުމަށް މަދިރި ޝައުގުވެރި ވާ ކަމަށް ދިރާސާގައި ބުނެފައި ވެއެވެ.

މީގެ ކުރިން ހީވެފައި އޮންނަ ގޮތަކީ، މަދިރީގެ ޝިކާރައަކަށް ވުން ގާތީ އަންހެނުން ކަމަށެވެ. އެހެނީ އަންހެނުންގެ ހަށިގަނޑުގައި އެކުލެވޭ އެސްޓްރޯޖަން މާއްދާއަކީ މަދިރި މާ ދޯޅަ މާއްދާއެއް ކަމަށް ވުމެވެ.

ހަށިގަނޑުގެ ފޮނިކަމަކީ މަދި ހެފުމާއި ނުހެފުން ގުޅިފައި އޮތް ކަމެއް ނޫން ކަމަށްވެސް ފަހުގެ ދިރާސާގައި ބަޔާން ކޮށްފައިވެއެވެ.

2000 ވަނަ އަހަރު ލޭންސެޓްގެ ދިރާސާއެއްގައި، މާބަނޑު އަންހެނުންނާއި އެނޫން އަންހެނުން އަޅާ ބަލާފައިވެއެވެ. އެ ފަހަރުގެ ހޯދުންތަކުގައި މާބަނޑު އަންހެނުންގެ ހަށިގަނޑަށް މަދިރި ޝައުގުވެރިވި ނިސްބަތް، އެ ނޫން މީހުންނަށް ވުރެ 2 ގުނަ އިތުރު ކަމަށް ވަނީ ދައްކާފައެވެ.

ސަބަބެއް ކަމަށް ވަނީ މާބަނޑު މީހާ ނޭވާލުމުގެ ތެރޭގައި ކާބަންޑައިއޮކްސައިޑް ބޭރު ކުރާ މިންވަރު އިތުރުވުމާއި، ހަށިގަނޑުގެ ފިނިހޫނުމިން މަތިވެ، މަދިރިއަށް އެމީހުން ހޯދަން ފަސޭހަ ވުމެވެ.

އިންސާނުންގެ ހަށިގަނޑުގައި ހަފަނީ ހަމައެކަނި އަންހެން މަދިރިއެވެ. އިންސާނާގެ ހަށިގަނޑުގައި ދަތް އަޅާ، ލޭ ބުއިމުގެ ތެރޭގައި މަދިރީގެ ހަށިގަނޑަށް ޕްރޮޓީންސް މާއްދަ ދަމާލައެވެ. އެއީ މަދިރީގެ ބިހަށް މުހިންމު މާއްދާއެކެވެ. ކަން މިހެން އޮތް ނަމަވެސް، އުނދަގުވާހާ ކައިރީގައި ފިރިހެން މަދިރިވެސް އުދުހޭނެއެވެ.

މަދިރިއަކީ ކިތަންމެ ކުޑަ މަހުލޫގަކަށް ވީ ނަމަވެސް، އަދި މަދިރި ހެފުމަކީ މާ ސީރިއަސް ކަމެއްގެ ގޮތުގައި ބައެއް މީހުންނަށް ސިފަ ނުކުރެވުނު ކަމުގައި ވީ ނަމަވެސް، މަދިރިއަކީ ނުރައްކާ ބަލި ފަތުރާ އެއްޗެކެވެ. މަދިރީގެ ސަބަބުން ޖެހޭ އެންމެ އާންމު، އަދި ބައެއް ހާލަތްތަކުގައި އިންތިހާއަށް ފުރާނައަށް ނުރައްކާ ކުރިމަތި ކުރުވާ އެއް ބައްޔަކީ ޑެންގޫއެވެ. މި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރެއް ކަމުން، މަދިރި އުފެދި، އަލާވާގޮތަށް ހުންނަ ތަންތަން ނައްތާލުމަށް ފަރުދީ ފެންވަރުގައި ސަމާލުކަން ދޭންޖެހެއެވެ.