ނުނިމި، ގިނަ ދުވަސްވެފައި ހުރި މައްސަލަތައް ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭ ބަލައި ނިންމާނެ ކަމަށް، ކްރިމިނަލް ކޯޓުން ބުނެފިއެވެ.

މިހާރު އޮންނަ ގޮތުން ނަމަ، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ކްރިމިނަލް ކޯޓުން މައްސަލަތައް ބަލައި، އަޑުއެހުންތައް ބާއްވަން ފަށަނީ ހެނދުނު 9 ޖަހާއިރެވެ. އަދި އެންމެ ފަހު އަޑުއެހުން ބާއްވަނީ މެންދުރުފަހު 2 ޖަހާއިރެވެ. އެގޮތުން، މާދަމައަށް ވެސް 68 މައްސަލައެއް ތާވަލުކޮށްފައި ވާއިރު، އަޑުއެހުންތައް ފަށަނީ 9 ޖަހާއިރަށެވެ. އަދި އެންމެ ފަހު އަޑުއެހުން ބާއްވަން ތާވަލު ކޮށްފައި ވަނީ މެންދުރުފަހު 2:30 ގައެވެ.

މިއަދު ކުރި އިއުލާނެއްގައި ކްރިމިނަލް ކޯޓުން ބުނީ، އެ ކޯޓުގައި ގިނަދުވަސްވެފައި ހުރި މައްސަލަތައް ނިންމުމަށްޓަކައި މިހާރު މަސައްކަތް ކުރަމުންދާ ތާވަލުގެ އިތުރުން، ރަސްމީ ކޮންމެ ދުވަހަކު މެންދުރުފަހު 2 އިން ހަވީރު 5 އަށް، ތިން މަސް ދުވަހުގެ މުއްދަތަކަށް މައްސަލަތައް ތާވަލު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެ ކޯޓުން ބުނި ގޮތުގައި، އެ ނިންމުމަށް އަމަލުކުރަން ފަށާނީ އަންނަ ބުދަ ދުވަހުން ފެށިގެންނެވެ.

ބައެއް މައްސަލަތައް ގިނަވެ، ދިގުލައިގެން ގޮސްފައިވުމުގެ ސަބަބުން، އިންސާފު ލިބުން ލަސްވާ ކަމަށް ބުނެ، އާންމުންވެސް އެތައް ފަހަރެއްގެ މަތިން ޝަކުވާ ކޮށްފައިވެއެވެ.

އާންމުންނަށް އިންސާފު ހޯދައިދިނުން އަވަސްކޮށް، ޝަރުއީ ދާއިރާ އިސްލާހު ކުރުމަކީ މި ސަރުކާރުގެ ވައުދުތަކުގެ ތެރެއިން ވައުދެކެވެ.