މައްސަރު ދުވަސްވަރު އަންހެނުން ބޭނުން ކުރާ ސެނިޓަރީ ނެޕްކިން ނުވަތަ "ޕެޑް" އުފައްދަން ބޭނުންވާ ރޯ މެޓީރިއަލް ނުލިބި، ސެނިޓަރީ ނެޕްކިންއާ ނުލާ އުޅުމަށް، އެ ގައުމުގެ ދަރިމައިވާ އުމުރުގެ އަންހެނުންނަށް މަޖުބޫރުވެއްޖެއެވެ.

ސެނިޓަރީ ނެޕްކިން އުފައްދަން ބޭނުންވާ ރޯ މެޓީރިއަލް ލިބޭ ގޮތް ނުވެފައި ވަނީ، އިގުތިސޯދީ ތަކުލީފުތައް ކުޑަ ކުރުމުގެ ނަމުގައި "ލަގްޒަރީ" އުފެއްދުންތައް އިމްޕޯޓް ކުރުން ކޮންޓްރޯލް ކުރުމަށް ޕާކިސްތާނުގެ ސަރުކާރުން އެޅި ފިޔަވަޅުގެ ސަބަބުންނެވެ.

އިމްޕޯޓް ކުރުން މަޑުޖައްސާލީ "ލަގްޒަރީ" އުފެއްދުންތަކެއް ކަމަށް ޕާކިސްތާނުގެ ސަރުކާރުން ބުނި ކަމުގައި ވީ ނަމަވެސް، އެ ލިސްޓުގައި، އަދުގެ ދުނިޔޭގައި ޒަރޫރީ އެތައް އުފެއްދުމެއް ހިމެނެއެވެ.

ޕާކިސްތާނުގައި "ބަޓާފްލައި" ގެ ނަމުގައި ސެނިޓަރީ ނެޕްކިން އުފައްދަމުން ދަނީ، ބައިނަލްއަގުވާމީ ފެންވަރުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައި ވާ ޕްރޮކްޓާ އެންޑް ގޭމްބްލްގެ "އޯލްވޭޒް "އާއި ސޭންޓެކްސް" އިންނެވެ. ޕާކިސްތާނުގެ ސެނިޓަރީ ނެޕްކިންގެ ބާޒާރަށް ބަލާއިރު 84 ޕަސެންޓް ހިއްސާ ކުރަނީ އެ ބްރޭންޑްއެވެ.

ސެނިޓަރީ ނެޕްކިން އުފައްދަނީ ޕާކިސްތާނުގައި ކަމަށް ވީ ނަމަވެސް، އެ އުފައްދަން ބޭނުން ކުރާ މުހިންމު 2 ބާވަތަކީ އެ ގައުމަށް އިމްޕޯޓް ކުރާ ބާވަތްތަކެކެވެ. ސޭންޓެކްސްގެ ޗީފް އޮޕަރޭޓިންގް އޮފިސާ މުޙައްމަދު ކަމްރާން ވިދާޅުވީ، މިހާރު ހުރި ސްޓޮކް ހުސްވުމުން، އިތުރު ސަޕްލައިއެއް ނުލިބި، އާ ބެޗެއް އުފެއްދޭނެ ގޮތެއް ނެތި، ކާރުހާނާ ބަންދު ކުރަން ޖެހޭނެ ކަމަށެވެ.

ސޭންޓެކްސްގެ އޮފިޝަލު ވިދާޅުވީ، އެކަން މުރާޖާ ކުރުމަށް ޕާކިސްތާނުގެ ވިޔަފާރިއާ ބެހޭ ވުޒާރާއަށް ހުށަހަޅާފައި ވާ ކަމަށާ، އެކަމަށް 15-20 އާ ދެމެދު އަދަދެއްގެ ދުވަސް ހޭދަވާނެ ކަމަށެވެ. އަދި އެދެވޭ ޖަވާބެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ކަމްރާން ވަނީ ވިދާޅުވެފައެވެ.

ތިމާވެށީގެ ނަޒަރުން ބަލާއިރު މެންސްޗުރަލް ކަޕްސް ނުވަތަ ޕީރިއަޑް ޕޭންޓީޒްއަކީ އިޔާދަ ކުރަނިވި އުފެއްދުންތަކެއް ނަމަވެސް، ނިސްބަތުން ގިނަ ބަޔަކު އަދިވެސް ބަރޯސާވަނީ އެތައް ޒަމާނެއް ވަންދެން ބޭނުން ކުރަމުން ދިޔަ ސެނިޓަރީ ނެޕްކިން ނުވަތަ ޕެޑްއަށެވެ.

ކުއްލި ހާލަތުގެ އިގުތިސޯދީ ޕްލޭންގެ ދަށުން އެ ގައުމަށް ލަގްޒަރީ މުދާ އެތެރެ ކުރުން، ޕާކިސްތާނުން މަނާ ކުރީ މީގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. މި ފިޔަވަޅަކީ ބޭރު ފައިސާގެ ރިޒާވް ހީނަރުވުމާއި، ޕާކިސްތާނު ފައިސާ (ރުޕީޒް)ގެ އަގު ދަށަށް ދާ ދިއުމާ ގުޅިގެން ތަންފީޒު ކުރަން ފެށި ފިޔަވަޅެއް ކަމަށް މައުލޫމާތު ލިބެއެވެ.

ޓްވިޓާ މެދުވެރި ކުރައްވާ މި ނިންމުން އިއުލާން ކުރައްވަމުން ބޮޑުވަޒީރު ޝަހްބާޒް ޝަރީފު ވިދާޅުވީ، އެ ނިންމުމަކީ ޕާކިސްތާނުގެ އިންތިހާ އަގުހުރި ބޭރު ފައިސާގެ ރިޒާވް ހިމާޔަތް ކޮށްދޭނެ ނިންމުމެއް ކަމަށެވެ. ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ތަންފީޒު ކުރާނެ ކަމަށާ، މާލީ ގޮތުން ތަނަވަސް މީހުންގެ އެއްބާރުލުން އެ ކަމަށް ދީ، ނިކަމެތީންނަށް މި ދަނޑިވަޅުގައި އުފުލަންޖެހޭ ތަކުލީފު ކުޑަ ކުރުމަށްވެސް ޝަހްބާޒް ވަނީ ގޮވާލައްވާފައެވެ.

މި ހައްސާސީ ދަނޑިވަޅުގައި ލަގްޒަރީ މުދަލުގެ ގޮތުގައި ޕާކިސްތާނަށް އެތެރެ ކުރުން މަނާ ކޮށްފައިވާ ގިނަ އަދަދެއްގެ ތަކެތި އެކުލެވޭ ލިސްޓެއް އެބައޮތެވެ. އެ ލިސްޓުގައި ހިމެނޭ ބައެއް އުފެއްދުންތަކަށް ބަލާއިރު ކާރު، މޯބައިލް ފޯނު، ގެވެހި ކަންވާރު، އަފްގާނިސްތާނު ފިޔަވާ އެހެން ގައުމުތަކުން އެތެރެ ކުރާ ތާޒާ މޭވާއާއި ހިއްކި މޭވާ، ބޫޓު، ހެޑްފޯނާއި ލައުޑްސްޕީކަރު، ސޯސް، ދޮރާއި ކުޑަދޮރުކަނި، ރޯމަހާއި ގަނޑުކުރި މަސް، ޓިޝޫ، ފަރުނީޗަރު، ޝޭމްޕޫ، ޖޫސް، ޕާސްތާ، މިއުޒިކް ކުޅޭ ސާމާނާއި ސެލޫންތަކަށް ބޭނުންވާ ސާމާނުގެ އިތުރުން ޗޮކްލެޓް ފަދަ އެތައް ބާއްވަތެއް ފާހަގަ ކުރެވެއެވެ.