މި އަހަރު ރާއްޖޭން ހައްޖަށް ގެންދަން ލިބުނު ކޯޓާ އެއްކޮށް ހައްޖު ކޯޕަރޭޝަނަށް ދީފައިވާ އިރު، އެ ކޯޓާގެ ތެރެއިން އާންމުންނަށް ހުޅުވާލި 100 ފުރުސަތަށް ކުރިމަތިލުމުގެ ފުރުސަތު މިއަންނަ ހޯމަދުވަހު ހުޅުވާލާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ 100 ކޯޓާގައި ހައްޖަށް ގެންދާނެ މީހުން ކަނޑައަޅާނީ ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތު ފުރިހަމަވާ މީހުންގެ މެދުގައި އާންމުކޮށް ހުޅުވާލައިގެން ނެގޭ ގުރުއަތަކުން ކަމަށެވެ. އެގޮތުން ނެގޭ ގުރުއަތުގައި 100 ޖާގައަށް މީހުން ނެގޭނެ ކަމަށާއި ވެއިޓިން ކިއޫއެއްގެ ގޮތުގައި އިތުރު 25 ޖާގައަށް މީހުން ނަގާނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.

ފުރަތަމަ 100 ޖާގަ އަށް ނެގޭ މީހުންގެ ތެރެއިން މީހަކަށް އެއްވެސް ސަބަބަކާ ހުރެ ހައްޖަށް ދިއުމަށް އުޒުރުވެރިވެއްޖެނަމަ ވެއިޓިން ކިއޫ ތަރުތީބުން ޖާގަ ދޭނެ ކަމަށާއި ގުރުއަތުން ހޮވޭ މީހެއްގެ ޖާގަ އެހެން މީހަކަށް ބަދަލެއް ނުކުރެވޭނެ ކަމަށްވެސް ހައްޖު ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. އަދި ހައްޖު ކޯޕަރޭޝަނުން ބުނީ ފައިސާ ދައްކަން ކަނޑައަޅާ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ މީހެއްގެ ޖާގަ ވެސް ގެއްލޭނެ ކަމަށެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ އާންމުކޮށް ހުޅުވައިލި 100 ކޯޓާގައި ހައްޖަށް ގެންދިއުމަށް ކަނޑައެޅިފައިވާ އަގަކީ 76،960 ރުފިޔާ ކަމަށާއި އެ ކޯޓާގައި ހައްޖަށް ދިއުމަށް ގުރުއަތުން ހޮވުނުކަން އަންގާ ތާރީހުން ފެށިގެން ގިނަވަގެން ތިން ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ޖެހޭނެ ކަމަށެވެ.

100 ކޯޓާ އަށް ކުރިމަތިލެވޭނީ ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައި ނުވާ، މި އަހަރުގެ ޖޫން 15 އަށް 65 އަހަރުވެފައި ނުވާ އަދި ކޮވިޑްގެ ދެ ވެކްސިން ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް ކަމަށް މީގެ ކުރިން އެ ކޯޕަރޭޝަނުން ވަނީ އިއުލާނުކޮށްފައެވެ.