މީގެ ތިން އަހަރު ކުރިން އަނިޔާވެރިކޮށް މަރާލި ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މައްސަލައިގައި ހެކިބަސް ނަގައި ނިންމާލައިފިއެވެ.

ގާސިމްގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ޅ. ހިންނަވަރު / ބޮޑުހިޔާގެ، އަދުހަމް މުހައްމަދެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

އެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު އޮތީ އަދުހަމާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ އިތުރު ހެއްކެއްގެ ހެކިބަސް ނެގުމެވެ. އެގޮތުން ހެކިބަސް ދީފައި ވަނީ ގާސިމްގެ މެޑިކޯ ލީގަލް ރިޕޯޓާއި މަރު ރިޕޯޓު ތައްޔާރުކުރި ޑޮކްޓަރުގެ ބަދަލުގައި މިހާރު މަސައްކަތްކުރާ އެހެން ޑޮކްޓަރެކެވެ.

މެޑިކޯ ލީގަލް ރިޕޯޓާ ހަވާލާދީ އެ ޑޮކްޓަރު ވިދާޅުވި ގޮތުގައި:

  • ހޮސްޕިޓަލަށް ގެނައި އިރުވެސް ގާސިމް އޮތީ މަރުވެފައި
  • ގާސިމްގެ ވިންދު ހުއްޓި، ނޭވާލުމުގެ އެއްވެސް ނިޝާނެއް ނެތް
  • ގެނައިތާ 20 މިނެޓު ފަހުން ސީޕީއާރު ދީފައިވޭ

އޭނާ ވިދާޅުވީ، ގާސިމްގެ ހަށިގަނޑަށް އެންމެ ބޮޑު އަނިޔާއެއް ލިބިފައިވަނީ ކަރަށް ކަމަށެވެ. އެގޮތުން، ކަރުގެ ވާތު ފަޅިން ހުރަހަށް ހަ ސެންޓިމީޓަރު ދިގު، ތިން ސެންޓިމީޓަރު ހުޅުވިފައިވާ އެ ޒަހަމް ދެ ސެންޓިމީރަށް ފުނަށް ކަނޑައިގެން ދިއުމުގެ ސަބަބުން، ގާސިމްގެ ލޭނާރުތަކަށް ގެއްލުންވެ، ވަރަށް ބޮޑަށް ލޭ އޮހޮރިފައިވާ ކަމަށާއި، އެއާއެކު ހަށިގަނޑުގައި ހުންނަން ޖެހޭ ވަރަށް ލޭ ނެތި ގާސިމް މަރުވެފައި ވަނީ ހެމޮރެޖިކް ޝޮކެއް ޖެހިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ދެވަނަ އަށް އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ގާސިމްގެ ދެ އަތުގެ އިނގިލިތަކަށެވެ. އެގޮތުން ކަނާއަތްތިލައިގެ ހުރަހަށް ކަނޑައިގެން ގޮސްފައިވާއިރު، ވައަތުގެ ތިން އިނގިލީގެ ހުރަހަށް ކަނޑައިގެން ގޮސްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެ މައްސަލައިގައި އަދުހަމްގެ ފަރާތުން އެއްވެސް ދިފާއީ ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ. އެހެންކަމުން މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވަނީ ހެކިބަސް ނެގުމުގެ މަރުހަލާ ނިމިފައިވާ ކަމަށް ވިދާޅުވެފައެވެ. ގާޒީ ވިދާޅުވި ގޮތުގައި ދެން އޮންނާނީ އަންނަ މަހުގެ 23 ގައި ހެއްކާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ފަހު ހުލާސާ ބަޔާން އިއްވުމެވެ.

އދ މާމިގިލި/ ކަނީރުމާގެ އުމުރުން 59 އަހަރުގެ ގާސިމް ހަސަންގެ ކަރަށް ވަޅި ހަރައި މަރާލި މައްސަލައިގައި މީގެ ކުރިން ކުށަށް އިއުތިރާފްވެ، މައްސަލައިގެ ތަހުގީގު އަވަސްކޮށް، އަވަސް ނިޔާގެ އެއްބަސްވުމެއް ދައުލަތާ އެކު އެކުލަވާލަން ވެސް އެއްބަސްވެފައިވެއެވެ. އެކަމަކު ފަހުން އޭނާ ވަނީ ކުށަށް އިންކާރު ކޮށްފައެވެ.

ކުށަށް އިއުތިރާފުވެ ފަހުން އެކަމަށް އިންކާރުކުރީ އޭނާ ޖަލުގައި ހުރި ގޮޅީގައި ތިބި ގައިދީން ބިރު ދައްކާ މަޖުބޫރު ކުރުވުމުން ކަމަށާއި، ނަމަވެސް މިހާރު ޖަލުގައި އެކަނި ގޮޅިއެއްގައި އޮންނާތީ އެެއްވެސް ނުރަކަލެއް ނެތްކަމަށްވެސް އަދުހަމް އޭރު ބުނެފައިވެއެވެ.