ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިންގެ މީހަކުވެސް ނުވަތަ ބަޔަކުވެސް އެމްއެންޑީއެފްގެ ބަޑި ގުދަނަށް ނުވަންނަ ކަމަށާއި، ނުވެސް ވައްދާނެ ކަމަށް، އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން މިހެން ބުނެފައިވަނީ، އެމްއެންޑީއެފްގެ ބަޑި ގުދަނަށް އިންޑިއާ ސިފައިން ވަދެ، އެ ތަނުގައި ހުރި ހަތިޔާރުގެ ތަފްސީލާއި އަދަދުތައް ބަލާފައިވާ ކަމަށް، އެމްއެންޑީއެފްގެ ކުރީގެ އިސްވެރިޔަކާ ހަވާލާދީ ނޫސްވެރިޔަކު ކުރި ސުވާލަކާ ގުޅިގެންނެވެ.

އެމްއެންޑީއެފުން ބުނީ، ދިފާއީ ބާރުގެ ހަތިޔާރުތަކާއި އެފަދަ ތަކެތީގެ ތަފްސީލަކީ އެއްވެސް ފަރާތަކަށް ދޭނެ އެއްޗެއް ނޫން ކަމަށެވެ.

އެހެން ނަމަވެސް ސިފައިން ހަތިޔާރުގެ ތަމްރީނާއި، ހަތިޔާރު ހޯދުމާއި، ހަތިޔާރާ ގުޅޭ ޓެކްނިކަލް ސަޕޯޓު ބޭރު ގައުމުތަކުގެ އެހީގައި އަބަދުވެސް ހޯދަމުން ދާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ބަޑި ގުދަނަށް އިންޑިއާ ސިފައިން ވަން ކަމަށް އެމްއެންޑީއެފްގެ ކުރީގެ އިސްވެރިއެއް ތުހުމަތު ކުރައްވާފައި ވާއިރު، އިދިކޮޅުން ދަނީ ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލައި، "އިންޑިއާ އައުޓް"ގެ ނަމުގައި ހަރަކާތްތައް ހިންގަމުންނެވެ.