ގިނަ އަދަދެއްގެ ބިދޭސީ ޑޮކްޓަރުންނާއި ނަރުހުން ހޯދަން އިއުލާން ކޮށްފިއެވެ.
މިނިސްޓްރީން ކުރި އިއުލާނެއްގައި ފަސް ދާއިރާއަކުން ޖުމްލަ 25 ބިދޭސީ ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދަން އިއުލާނުކޮށްފައި ވާއިރު ބިދޭސީ ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދަން އިއުލާން ކުރި ދާއިރާތަކަކީ އެނެސްތެޓިސްޓް، ގައިނިކޮލޮޖިސްޓް، އިންޓާނަލް މެޑިސިން، ޕީޑިއަޓްރިޝަން އަދި ރޭޑިއޮލޮޖިސްޓެވެ.
އެ މީހުންގެ އަސާސީ މުސާރައިގެ ގޮތުގައި 30،990 ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަދި އެކޮމޮޑޭޝަނަށް 7،000 ރުފިޔާ އާއި ސާވިސް އެލަވަންސަށް 425 ރުފިޔާ އަދި ފުޑް އެލަވަންސަށް 2،400 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން ބިދޭސީ 50 ނަރުހުން ހޯދަން އިއުލާނުކޮށްފައި ވާއިރު ބޭރުގެ 25 މެޑިކަލް އޮފިސަރުން ހޯދުމަށް ވެސް ވަނީ އިއުލާނު ކޮށްފައެވެ.
ނަރުހުންނަށް މަހަކު 9،060 ރުފިޔާ ދިނުމަށް ކަނޑައަޅާފައި ވާއިރު ސާވިސް އެލަވަންސްގެ ގޮތުގައި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 120 ރުފިޔާ، އެކޮމަޑޭޝަނަށް 3،000 ރުފިޔާ އަދި ކެއުމަށް 1،800 ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން މެޑިކަލް އޮފިސަރުންނަށް އަސާސީ މުސާރަ 15،090 ރުފިޔާ ދިނުމަށް ކަނޑައަޅާފައި ވާއިރު ސާވިސް އެލަވަންސްގެ ގޮތުގައި ދުވާލަކު 275 ރުފިޔާ އާއި އެކޮމޮޑޭޝަނަށް 3،000 އަދި ފުޑް އެލަވަންސަށް 1،800 ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
އިއުލާނުގައިވާ ގޮތުން ނަރުހުން އަދި މެޑިކަލް އޮފިސަރުން ހޯދަމުން ދަނީ ކޮވިޑް ފެސިލިޓީތަކުގައި މަސައްކަތް ކުރުމަށެވެ.