ޖުޑީޝަރީ އާއި ކޯޓުތަކާ ބެހޭ ތިން ގާނޫނަކަށް އިސްލާހު ގެނައުމުގެ ބިލުތައް ހިމެނޭ ގޮތަށް، ޖުމްލަ 17 ގާނޫނަކަށް ސަރުކާރުން އިސްލާހު ހުށަހަޅައިފިއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ބުނި ގޮތުގައި، ސަރުކާރުގެ ފަރާތުން މަޖިލިހުގެ މި އަހަރުގެ ދެވަނަ ދައުރަށް ހުށަހަޅަން ގަސްދުކުރާ ބިލުތަކުގެ ލިސްޓެއް ރައީސް އޮފީހުން އިއްޔެ މަޖިލީހަށް ފޮނުވާފައި ވެއެވެ. އެގޮތުން 17 ގާނޫނަކަށް އިސްލާހު ހުށަހަޅާފައިވާއިރު، ފަސް ބިލެއް ވަނީ މަޖިލީހަށް ހުށަހަޅައިފައެވެ.

އެއާއެކު، ސަރުކާރުން ވަނީ މަޖިލީހުގެ މި ދައުރަށް 22 ބިލެއް ހުށަހަޅައިފައެވެ.

އޭގެ ތެރެއިން ޖުޑީޝަރީ އާއި ކޯޓުތަކާ ބެހޭ ތިން ގާނޫނަކަށް ވެސް އިސްލާހު ހުށަހަޅާފައިވެއެވެ. އެއީ ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހާއި، ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހާއި، ޖޭއެސްސީގެ ގާނޫނަށް ހުށަހެޅި އިސްލާހެވެ.

ޖިނާއީ ކުށްތަކާ ބެހޭ ގާނޫނުތަކަށް ހުށަހެޅި އިސްލާހުތަކަށް ބަލާލާއިރު، ޖިނާއީ އިޖުރާއަތުގެ ގާނޫނަށާއި، ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށާއި، ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލު ކުރުމުގެ ގާނޫނަށާއި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ އިތުރުން، ގޭންގު ކުށްތައް މަނާކުރުމާ ބެހޭ ގާނޫނަށާއި ބިރު ދެއްކުމާއި، ތޫނު ހަތިޔާރާއި، ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް ވެސް އިސްލާހު ހުށަހަޅާފައިވެއެވެ.

އެއަށްފަހު، ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށާއި، މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ހަރަދުކުރުން ހުއްޓުވުމުގެ ގާނޫނަށް ވެސް އިސްލާހު ގެނައުމަށް ސަރުކާރުން ވަނީ ނިންމައި ބިލްތައް ފޮނުވައިފައެވެ.

އޭގެ އިތުރުން ސަރުކާރުން ހުށަހެޅި ބައެއް އިސްލާހުތައް:

  • ގާނޫނީ ފަންނުގެ ގާނޫނަށް ހުށަހަޅާ އިސްލާހު
  • ދައުލަތުގެ މާލިއްޔަތު ގާނޫނަށް ހުށަހަޅާ އިސްލާހު
  • އާބިޓްރޭޝަންގެ ގާނޫނަށް ހުށަހަޅާ އިސްލާހު
  • ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް ހުށަހަޅާ އިސްލާހު
  • ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް ހުށަހަޅާ އިސްލާހު
  • އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހަޅާ އިސްލާހު

ސަރުކާރުން ހުށަހެޅި ބިލުތައް:

  • ކުނި ނައްތާލުމާއި މެނޭޖުކުރުމުގެ ބިލު
  • މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލު
  • ފޮރިން އިންވެސްޓްމެންޓުގެ ބިލު
  • ހެލްތު ސާވިސަސްގެ ބިލު
  • ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލު