މިއަހަރު ހައްޖަށް ދިޔުމުގެ ފުރުސަތު ދެވޭނީ އުމުރުން 65 އަހަރުން ދަށުގެ ފަރާތްތަކަށް ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.

އެކޯޕަރޭޝަނުން ބުނީ، 1443 ވަނަ އަހަރު ދިވެހި ރާއްޖެއަށް ލިބިފައިވާ ހައްޖު ކޯޓާގެ ތެރެއިން އިސްލާމިކް މިނިސްޓްރީން އެ ކޯޕަރޭޝަން ކަނޑައަޅާފައިވާ ހައްޖު ކޯޓާ އިން، ހައްޖު ޖާގަ ލިސްޓުގައި ހިމެނިފައިވާ ފަރާތްތަކަށް ޖާގަ ހަމަޖެއްސުމުގައި ތިން ގޮތަަށް އަމަލުކުރުމަށް ނިންމާފައިވާ ކަމަށެވެ.

ލިސްޓުގައި ހިމެނިފައިވާ ފަރާތްތަކަށް ޖާގަ ހަމަޖެއްސުމުގައި އަމަލުކުރަން ނިންމާފައިވާ ގޮތް:

  • މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ 'ހައްޖު އަދި އުމްރާގެ ހިދުމަތް ހޯދުމާއި ބެހޭ އުސޫލު' ގައި ބަޔާން ކޮށްފައިވާ ގޮތަށް ތަރުތީބުން ޖާގަ ދޫކުރާނެ.
  • ޖާގަ ލިބޭ ފަރާތްތަކަށް ހައްޖު ދައުވަތުގެ ލިޔުމެއް ދޭނެ، (ދައުވަތު ގަބޫލުކުރުމަށް ފުރިހަމަކުރަންޖެހޭ ފޯމުގައި ޖާގަ ބަލައިގަންނަކަމަށް ފާހަގަ ޖަހާ ސޮއިކުރުމަށްފަހު ފޯމު ހުށަހެޅުއްވުމުން ޖާގަ ގަބޫލުކުރެވުނީ)
  • މިއަހަރު ހައްޖުވުމުގެ ފުރުސަތު ދެވޭނީ ހައްޖު ޖާގަ ލިސްޓުގައިވާ ފަރާތްތަކުގެ ތެރެއިން އުމުރުން 65 އަހަރުން ދަށުގެ ފަރާތްތަކަށް

އެކޯޕަރޭޝަނުން ބުނީ، ސައޫދީ އަރަބިއާގެ ގަވާއިދުތަކާއި އެއްގޮތަށް މިއަހަރުގެ ހައްޖު ދަތުރުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަކީ ވެސް ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ވާން ވާނެ ކަމަށެވެ.

މި އަހަރު ހައްޖަށް މީހުން ގެންދިއުމަށް އަމިއްލަ ޖަމާއަތްތަކަށް ހުޅުވާއިގެން ޕްރޮޕޯސަލް ހުށައަޅައި އިވެލުއޭޓް ކުރުމަށް އެކަށީގެންވާ މުއްދަތެއް ނެތް ނެތުމުން މިހާރުގެ ހާލަތަށް ރިއާޔަތްކޮށް ރާއްޖެއަށް ލިިބިފައިވާ ކޯޓާއަށް މި އަހަރު ހައްޖަށް މީހުން ގެންދިއުމަށް ސަރުކާރުން ކަނޑައަޅާފައި ވަނީ ހައްޖު ކޯޕަރޭޝަނަށެވެ.

އާއްމުންނަށް ހުޅުވާލައިގެން ހައްޖަށް ގެންދިއުމަށް ހާއްސަ ކޮށްފައިވާ 100 ކޯޓާއަށް މިހާރު ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ކިޔޫއި ތިބި ފަރާތްތަކަށްވެސް މި އަހަރު ހައްޖަށް ގެންދިއުމަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އާއްމުންނަށް ހުޅުވާލައިގެން ހައްޖަށް ގެންދިއުމަށް ހާއްސަކޮށްފައިވާ 100 ކޯޓާގެ ތެރެއިން ހައްޖަށް ދިއުމަށް އެދި ހުށަހެޅުމުގައި އަމަލުކުރާނެ އުސޫލެއް ހައްޖު ކޯޕަރޭޝަނުން އާއްމު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި އަހަރު ރާއްޖެ އަށް ލިބިފައި ވަނީ 453 ކޯޓާކަން ސައުދީން ރަސްމީކޮށް އަންގާފައިވާ ކަމަށާއި އެކަމަކު އެ ގައުމުގެ ކަމާ ގުޅުންހުރި ފަރާތްތަކާ މަޝްވަރާކޮށްގެން އިތުރު ކޯޓާ ހޯދުމުގެ މަސައްކަތް ރާއްޖެ އިން ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ