ޓޫރިޒަމް ބިމު ކުލި ނުދައްކާ 13 ރިސޯޓަކާއި ދަނޑުވެރިކަމަށް ދޫކޮށް ކުލި ނުދައްކާ ހަތަރު ކުންފުންޏެއްގެ ނަން މީރާ އިން އާއްމުކޮށްފައެވެ.

އެ ނަންތައް އާންމުކޮށްފައި ވަނީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް އާއްމު ކުރަން މީރާ އިން އެކުލަވާލާފައިވާ "ނޭމް އެންޑް ޝޭމް" އުސޫލުގެ ދަށުން މީރާގެ ޓެކްސް ސެންޓަރުގެ ބޯޑުގައެވެ.

ކުލި ނުދައްކާ 13 ރިސޯޓުގެ ތެރޭގައި ހިމެނެނީ ތްރީއޭ ކުންފުނީގެ ފިލިތެލާއި އަތަމާ މެރިން އިންޓަނޭޝަނަލްގެ ކިހާ މޯލްޑިވްސް އާއި އޭބީއެންގެ ބްރެނިއާ ކޮއްޓަފަރާއި ރީކޯ މޫސަގެ ރަހާ ރިސޯޓާއި ބޮން ފްރީގެ ޖޭޑަބްލިއު މެރިއޮޓް ރިސޯޓުގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމްގެ އާއިލީ ވިޔަފާރި، މެދުފުށި އިންވެސްޓްމަންޓުގެ މެދުފުށި އައިލެންޑް ރިސޯޓު އަދި ޕްލެޓިނަމް ކެޕިޓަލްގެ އެރިއަދޫ ރިސޯޓެވެ.

މީގެއިތުރުން އައްޑޫ ސައުތު ޕާމް މޯލްޑިވްސް އާއި ސަންލޭންޑުގެ ކޮކޯ ޕާމް ދުނިކޮޅު، ބިޔާދޫ އާއި ސަންލޭންޑުގެ މަކުނުދޫ އައިލެންޑް ރިސޯޓު އާއި ތެލުވެލިގާ ރިޓްރީޓާއި ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމްގެ ބައްޕަ އަބްދުﷲ އަލީގެ ހޮނޑާފުށި އައިލެންޑް ރިސޯޓެވެ.

ކުލި ނުދައްކާ ދަނޑުވެރިކަން ކުރާ ރަށްތަކަށް ބަލާއިރު މަސްމީރު އަކުއާ ކަލްޗާ ކޮމްޕެނީގެ ށ. އެރިޔަދޫ އާއި އޯޝަން ކުއާޓިއާ ޕްރޮޕަޓީސްގެ ޅ. ގާއެރިފަރުގެ އިތުރުން ސީނު މޯލްޑިވްސްގެ ށ. މެދުކުނބުރުދޫގެ އަދި މުހައްމަދު ވަހީދު، ށ. މަޑިދޫ ހިމެނެއެވެ.

މި ފަހަރު އާއްމު ކުރި ލިސްޓުގައި ހިމެނޭ ފަރާތްތަކަކީ 100،000 ރުފިޔާއަށް ވުރެ ގިނަ އިން ފައިސާ ދައްކަން ޖެހޭ ފަރާތްތަކެވެ. ރިސޯޓްތަކުގެ ކުލި ކުޑަކުރަން ހުށަހަޅައިގެން އުޅޭއިރު މިހާރުވެސް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ 17 ބިލިއަން ރުފިޔާ ނުލިބި އެބަހުއްޓެވެ.