މީހުންނަށް ނޭނގި، ސިޔާސީ ޕާޓީތަކަށް ވެއްދުމާއި، މެންބަރުންނަށް ނޭނގި އެހެން ޕާޓީތަކަށް ބަދަލު ކުރަމުންދާ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި އިތުރު ފިޔަވަޅުތައް އެޅުމާ މެދު މަޝްވަރާ ކުރެވެމުން ދާ ކަމަށް، އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގް ވިދާޅުވެއްޖެއެވެ.

ސިޔާސީ ޕާޓީތަކުގައި ރަޖިސްޓްރީވެފައި ތިބި މީހުންނަށް ނޭނގި ޕާޓީތަކަށް ބަދަލު ކުރުމާއި، ނޭނގި ސިޔާސީ ޕާޓީތަކަށް ވެއްދުމުގެ މައްސަލަ މިފަހުން ބޮޑުވެފައިވާއިރު، އެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، އިލެކްޝަންސް ކޮމިޝަނުން ވަނީ އަލަށް ސިޔާސީ ޕާޓީތަކަށް ވަންނަ ފަރާތްތަކުގެ މައުލޫމާތު، މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އެ ކޮމިޝަންގެ ވެބްސައިޓުގައި ހާމަކުރަން ފަށައިފައެވެ.

"ދަ ޕްރެސް" އިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ފުވާދު އިއްޔެ ވިދާޅުވީ، މީހުންނަށް ނޭނގި ސިޔާސީ ޕާޓީތަކަށް ވައްދައި، ޕާޓީ ބަދަލުކުރުމުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި މިވަގުތު އަޅަން ނިންމި ފިޔަވަޅަކީ ޕާޓީތަކަށް ވަންނަ ފަރާތްތަކުގެ މައުލޫމާތު ކޮމިޝަންގެ ވެބްސައިޓުގައި ހާމަކުރުން ކަމަށާއި، އިތުރު ފިޔަވަޅުތައް އެޅުމާ މެދު މަޝްވަރާ ކުރެވެމުން ދާ ކަމަށެވެ.

"އިތުރު ފިޔަވަޅުތައް އެޅުމަށް މަޝްވަރާ ކުރެވިފައިވޭ، ނަމަވެސް އިތުރު ފިޔަވަޅު އަޅާނީ ކުރިއަށް ތަނުގައި ނަތީޖާ ދައްކާ ގޮތަކަށް ބަލާފަ."
ފުވާދު ތައުފީގް | އިލެކްޝަންސް ކޮމިޝަންގެ ރައީސް

އޭނާ ވިދާޅުވި ގޮތުގައި، އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި ނަންތައް ހާމަ ކުރުމުގެ އިތުރުން، އެ ފޯމުތަކުގައިވާ މީހުންގެ މައުލޫމާތު ސައްހަތޯ ބެލުމަށްޓަކައި އެހެނިހެން މަސައްކަތްތައްވެސް އެ ކޮމިޝަނުން ކުރަމުން އެބަ ދެއެވެ.

"އެ ފޯމްތަކުގައިވާ މީހުންގެ މޯބައިލް ނަންބަރަށް ޓެކްސްޓް މެސެޖެއް ފޮނުވުން، ފޯމުގައިވާ މައުލޫމާތާއި އައިޑީ ކާޑުގައިވާ މައުލޫމާތު ދިމާވޭތޯ ބެލުން، ފޯމުގައިވާ މައުލޫމާތު ފުރިހަމަކޮށްފައި ވޭތޯ ބެލުން، ފޯމުގައި ފާހަގަކުރެވޭ މައްސަލައެއް ހުރިތޯ ބެލުން." ފުވާދު ވިދާޅުވިއެވެ.

ފުވާދު މިފަދައިން ވިދާޅުވިއިރު، މީހުންނަށް ނޭނގި ޕާޓީތަކަށް ވެއްދުމުގެ މައްސަލަ ވަނީ އިއްޔެ މަޖިލީހަށް ވައްދައިފައެވެ. އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން އެ މައްސަލަ ހުށަހަޅުއްވާފައި ވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ. ނަމަވެސް އެ މައްސަލަ ވަނީ އިއްޔެ ބޭރު ކޮށްލައިފައެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ދާދިފަހުން ވަނީ އެ ޕާޓީގެ ބައެއް މެންބަރުންތަކެއް އެހެން ޕާޓީތަކުގެ ދަފްތަރުގައި ހިމެނިފައިވާ މައްސަލައެއް އިލެކްޝަންސް ކޮމިޝަންގެ ސަމާލުކަމަށް ގެނެސްފައެވެ.