ރަޝިއާއިން ޔޫކްރައިންގައި ކުރަމުންދާ ހަނގުރާމައަށް ނިމުން ގެނައުމަށްޓަކާ ކުރަން ޖެހޭ މަޝްވަރާތައް ކުރައްވަން ބޭނުންފުޅު ވަނީ ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިން ފިޔަވާ ދެވަނަ ދެމީހަކާ ނޫން ކަމަށް، ޔޫކްރައިންގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.
ސުވިޓްޒަލަންޑްގައި ކުރިއަށްދާ ވޯލްޑް އިކޮނޮމިކް ފޯރަމްގައި ވީޑިއޯ ލިންކެއް މެދުވެރި ކުރައްވާ، ތަގުރީރު ކުރައްވަމުން ޒެލެންސްކީ އިތުރަށް ވިދާޅުވީ، އެފަދަ މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް، ރަޝިއާއާއެކު ރޭވުމުގެ ތަކުލީފު ބޮޑުވެފައި ވާ ކަމަށެވެ.
ދުނިޔޭގެ ފެންވަރުގައި ކުރިއަށް ގެންދާ އެންމެ ވަރުގަދަ ވިޔަފާރި ފޯރަމަށް ދެއްވި މެސެޖުގައި ޒެލެންސްކީ ވަނީ ރަޝިއާއާ ދެކޮޅަށް ތަންފީޒު ކުރަމުންދާ ދަތިކުރުމުގެ ފިޔަވަޅުތައް އަދިވެސް އިތުރަށް ވަރުގަދަ ކުރުމަށް ގޮވާލައްވާފައެވެ. އަދި އެކަމަކީ، އަމާޒު ހާސިލު ކުރުމަށް ގަދަ ބާރު ބޭނުން ކުރުމުގެ އަމަލުން އެހެން ގައުމުތައްވެސް އެއްކިބާ ކުރުވާނެ ކަމެއް ކަމަށް ޒެލެންސްކީ ވަނީ އިޝާރާތް ކުރައްވާފައެވެ.
ރަޝިއާގެ އަސްކަރިއްޔާއިން ހާއްސަ އޮޕަރޭޝަނެއްގެ ނަމުގައި ޔޫކްރައިންއަށް އެރިތާ މިއަދަށް 3 މަސް ފުރިފައި ވާ އިރު، ކޮންމެ ރެއަކުވެސް ދެއްވަމުން ގެންދަވާ ރޭގަނޑުގެ ހިތޯބުގައި ޒެލެންސްކީ ވަނީ، ރަޝިއާއިން ދަނީ ވަރުގަދަ ހަނގުރާމައެއް ކުރަމުން ކަމަށް ވިދާޅުވެފައެވެ. އެގޮތުން ވީހާ ގިނަ އަދަދެއްގެ ބައެއްގެ ފުރާނައަށް ގެއްލުންވީ، ވީހާވެސް ބޮޑަކަށް އުމްރާނީ ބިނާވެށި ސުންނާފަތި ކުރުމުގެ އަމަލު ހިންގަމުން ދާ ކަމަށް ޒެލެންސްކީ ވަނީ ސިފަ ކުރައްވާފައެވެ.
ފެބުރުއަރީ 24 ވަނަ ދުވަހު ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރައިންއަށް އަރައިގަތް ފަހުން 2275 މިސައިލް ބޭނުން ކޮށްގެން 1474 ހަމަލާއެއް ޔޫކްރައިންއަށް ދީފައި ވާ ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ. އެ މިސައިލް ހަމަލާތަކުގެ ބޮޑު ބައި އަމާޒުވީ އާންމު ރައްޔިތުންނަށް ކަން ވެސް ޒެލެންސްކީ ވަނީ ފާހަގަ ކުރައްވާފައެވެ.
ފާއިތުވީ 77 އަހަރު ދުވަހުގެ ތެރޭގައިވެސް ވިލާތުގައި އެފަދަ ހަނގުރާމައެއް ކޮށްފައި ނުވާ ކަމަށް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ. ޔޫކްރައިންއަށް ވެރިވެގެންފައި ވާ މީހުން މަސައްކަތް ކުރަމުން ދަނީ އެ ގައުމުގައި އޮތިއްޔާ އޮތްހާ އެއްޗެއް އަތުލައިގަތުމަށް ކަމަށް ކަމަށާ، އޭގެ ތެރޭގައި ޔޫކްރައިންގެ ރައްޔިތުންނަށް ލިބިދީފައި ވާ ދިރިހުރުމުގެ ހައްގުވެސް ހިމެނޭ ކަމަށް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ.
ޔޫކްރައިންގައި ކުރަމުންދާ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ކުރިއަށް ގެންދިޔަ ދޭދޭ މަޝްވަރާތައް ހުއްޓުމަކަށް އައިތާ މިހާރު މަހަކަށްވުރެ ގިނަ ދުވަސް ވެފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.