ކައުންސިލްތަކަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރަން ލާމަރުކަޒު ގާނޫނުން ލިބޭ ބާރުތައް ތަންފީޒު ކުރުމަށާއި ގޮވާލައި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ގަރާރެއް ހުށަހަޅައިފިއެވެ.
ޝިޔާމް ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒު އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށުކަ އުންސިލްތަކަށް މަތިކޮށްފައިވާ ޒިންމާތައް ފުރިހަމައަށް ތަންފީޒުކުރުމަށް ހުރަސްތަކެއް ދިމާވަމުންދާ ކަމަށެވެ. ހާއްސަކޮށް މާލީ ގޮތުން ކައުންސިލްތަކަށް މަސައްކަތް ކުރުމުގައި ދަތިތައް ކުރިމަތިވަމުންދާ ކަމަށާއި، ސިވިލް ސާވިސްގެ ތެރެއިން ބޮޑެތި ދަތިތައް ކުރިމަތިވާ ކަން އެ ގަރާރުގައި ފާހަގަ ކޮށްފައި ވެއެވެ. ކައުންސިލްތަކަށް މުވައްޒަފުން ނެގުމުގައި ދިމާ ވާ ދަތިތައް ފާހަގަކޮށް އެ ކަމަށް ޖަވާބު ދާރީ ވުމަށް ސީއެސްސީން 3 ނުވަތަ 5 ހަފްތާ ނަގާ ކަމަށް އެ ގަރާރުގައި ވެއެވެ. ހަމައެއާއެކު ކައުންސިްތަކުގައި މުވައްޒަފުން މަދު ވުމުން ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައާއި ކައުންސިލްގެ މުވައްޒަފުން ކުރަންޖެހޭ މަސައްކަތުގެ މުސާރަ ނުބައްދަު ކަމަށް ވެސް އެ ގަރާރުގައި ވެއެވެ.
ލާމަރުކަޒީ ގާނޫނަށް އަމަލު ކުރަން ފެށުމާ އެކު އެލްޖީއޭ އިން ކައުންސިލްތަކުގެ އޮނިގަނޑު ހެދުމަށް ފަހު ފޮނުވުމަށް މިދިޔަ އަހަރު އެދިފައި ވީ ނަމަވެސް ކައުންސިލްތަކުގެ ފަސް އަހަރުގެ މި ދައުރަށް އަހަރެއް ވެގެން ދިޔަ އިރު ވެސް އެ އޮންގަނޑު ފާސްވެފައި ނުވާ ކަން ޝިޔާމް ހުށަހެޅި ގަރާރުގައި ފާހަގަކޮށްފައި ވެއެވެ. މީގެ އިތުރުން އޮނިގަނޑު ހަދަން ފޮނުވާފައިވާ ގޮތަށް ރިއާޔަތްކޮށް ވެސް ޝިޔާމްގެ ކަނބިޑުވުން ހިއްސާކޮށްފައި ވެއެވެ. އެއީ އޮންގނޑު ހަދަން ފޮނުވާފައިވަނީ ކުދި އާބާދީ ހުރި ރަށްރަށަށް އެކަށީގެންވާ ގޮތަށް ކަމަށާއި ބޮޑެތި އަބާދީ ހުރި ރަށްރަށަށް އެކަން ކުރުމަކީ ދަތިތަކެއް ހުރި ކަމެއް ކަން ފާހަގަކޮށްފައި ވެއެވެ.
މީގެ އިތުރުން ވެސް ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން ހަދާފައި ނެތް ކަން ފާހަގަ ކޮސް މިހާރު ސަރުކާރުން ރަށްރަށުގައި ކުރިއަށް ގެންދާ ކަންކަމުގެ މައުލޫމާތު ކައުންސިލްތަކާ ހިއްސާ ނުކުރާ މައްސަލަ ވެސް އެ ގާރަރުގައި ފާހަގަ ކޮށްފައި ވެއެވެ. އަދި މިހެން ވުމުން ކައުންސިލްތަކަށް ލިބިދޭ ބާރުތައް ހަނިވެފައި ވާ ކަމަށާއި ރައްޔިތުންނަށް ދެ ހިދުމަތްތަކަށް ހުއްޓުމެއް އަންނަ ކަމަށް ވެސް އެ ގަރާރުގައި ވެއެވެ.
ޝިޔާމް މި ގަރާރު ހުށަހަޅުއްވާ އިރު، ދާދި ފަހުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ކައުންސިލް ހިންގުމުގެ ހުރި ދަތިތައް ފާހަގަ ކުރައްވާފައެވެ. އެ ގޮތުން ފާއިތުވި އަހަރު ދުވަހު އެންމެ ބިޑު އުނދަގުލެއް ކުރިމަތިވީ މުވައްޒަފުންގެ ދަތި ކަމާއި އެ ކަމަށް ހައްލު ހޯދުމަސް ސިވިލް ސާވިސް ކޮމިޝަނާ އެކު މުއާމަލާތް ކުރުމުގައި ކަމަށް ވިދާޅުވެފައި ވެއެވެ.