މޯލްޑިވްސް 2.0 ގެ އަމާޒުތައް ހާސިލްވެ ޑިޖިޓަލް ދިވެހިރާއްޖެއެއްގެ ފަސޭހަތައް ހޯދެމުންދިޔަ ވަރަކަށް ރަށްތަކުގައިތިބެ، ހިދުމަތްތައް ހޯދައި އާމްދަނީގެ މަގުތައް ފަހިކުރުމުގެ ފުރުސަތު ދިވެހި ރައްޔިތުންނަށް އިތުރަށް ތަނަވަސްވަމުން ދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ މިއަދު ފާހަގަކުރާ ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައެވެ.

މި ހިތާބުގައި އެމަނިކުފާނު ވަނީ ލާމަރުކަޒީ ދުވަހުގެ ތަހުނިޔާ ހުރިހާ ދިވެހި ރައްޔިތުންނަށާއި، މި ދާއިރާގައި މަސައްކަތްކުރާ ހީވާގި ހިދުމަތްތެރީންނަށް އަރިސްކުރައްވާފައެވެ. އަދި ރައްޔިތުންގެ އަޑުއަހައިގެން، ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށް ސަރުކާރުން ކުރާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

އަދި ހަމަ އެހެންމެ ރާއްޖެ އުފެދިފައިވާ ގޮތަށް ބަލާއިރު، އެންމެ އިހުޒަމާނުއްސުރެ ވެސް ރާއްޖޭގައި ހިދުމަތްތައް ދެމުން އައީ ލާމަރުކަޒީ އުސޫލުންކަން ތާރީހީ ލިޔުންތަކުން ފެންނަން އޮތްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މިހާރުގެ ޤާނޫނުއަސާސީގެ ދަށުން މި ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ލާމަރުކަޒީ ނިޒާމަށް ރައްޔިތުންގެ އިތުބާރު ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި:

  • ކައުންސިލްތަކަށް އާމްދަނީ ލިބޭނެ މަގުތައް އިތުރުކުރުން
  • އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ހައްގު މަގާމު ހޯދައިދިނުން
  • ކައުންސިލް މުވައްޒަފުންގެ މުސާރަ ބޮޑުކުރުން
  • ކައުންސިލްތަކަށް ބޭނުންވާ ޒަމާނީ އާ އިމާރާތްތައް ބިނާކުރުމުގެ މަސައްކަތް ކުރުން

އުމްރާނީ ތަރައްގީއަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ހިދުމަތް ފުރިހަމަކޮށް, މަގު ހެދުމާއި ބަނދަރު ހެދުމުގެ ގިނަ މަޝްރޫއުތަކެއް އެއްފަހަރާ ހިނގަމުންދާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައާއި، މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް މުޅި ރާއްޖޭގައި ކުރިއަށްދާ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި ވިދާޅުވެފައިވެއެވެ.