އަތޮޅު ކައުންސިލްތައް އުވާލުމުން، އަންނަ އަހަރު ރަށްރަށުގެ ކައުންސިލްތަކާ، ސިޓީ ކައުންސިލްތަކަށް ދޭ ބްލޮކް ގްރާން ކުރިއަށްވުރެ ބޮޑުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ށ. ބިލެތްފަހީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ރަށު ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓް ކުރިއަށްވުރެ ބޮޑުކުރައްވާނެކަމަށެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ދޭ ފައިސާގެ އަދަދުވެސް އިތުރުވެގެން ދާނެކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ކައުންސިލްތަކުގެ ބްލޮކް ގްރާންޓް 5 އިންސައްތައިން 10 އިންސައްތައަށް ބޮޑުވާނެކަމަށެވެ. އަދި ސަރުކާރުން ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކާއެކު ރަށްރަށުގެ ކައުންސިލްތަކުން އޭގެ ފައިދާ އެންމެ ބޮޑު ގޮތެއްގައި ރައްޔިތުންނަށް ކުރާނެ ފަދަ ގޮތަކަށް މަސައްކަތްކުރެއްވުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގަންނަވާފައެވެ.
އެންމެ މުހިންމު މަގްސަދަކީ ހަގީގީ މާނައިގައި ލާމަރުކަޒީ ނިޒާމު ބާރުވެރިކުރުވުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މާލެއަށް ހުރިހާ ބާރެއް ބަރޯސާވެފައި އޮތުމީ ލާމަރުކަޒީ ނިޒާމު ކަމުގައި ގަބޫލުފުޅުނުކުރައްވާ ކަމަށެވެ. އިތުރަށް ރައީސް ވިދާޅުވީ ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރެއްވުމަށް މީގެ ކުރިން ކައުންސިލްތަކުން މާލެއަށް ދަތުރުކުރާކުރުން ބަދަލުކޮށް، ސަރުކާރު ހިންގެވުމުގައި ތިއްބަވާ ބޭފުޅުން އަތޮޅުތަކުގެ ރައްޔިތުންގެ ގާތަށް ވަޑައިގަންނަވާނެގޮތަށް ނިޒާމު ހިންގުމަށް ގެނެވުނު ބަދަލުގެ ފައިދާ ކުރާކަމަށެވެ.