ރިސޯޓުތަކުގެ ކުލި ކުޑަކުރާނަމަ ދައުލަތަށް ލިބޭ އާމްދަނީން 590 މިލިއަން ރުފިޔާ ގެއްލޭނެ މީރާއިން ބުނެފިއެވެ.

ރިސޯޓުތަކުގެ ބިމު ކުލި ކުޑަކުރުމަށް މަޖިލީހަށް ހުށަހެޅި ބިލާ ގުޅޭ ގޮތުން އިގްތިސާދީ ކޮމިޓީގައި ވާހަކަދައްކަވަމުން މީރާގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އަސްމާ ޝަފީއު ވިދާޅުވީ އެވްރެޖްކޮށް އަހަރެއްގެ މައްޗަށް ރިސޯޓު ކުލީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ލިބޭ ކަމަށާއި ރިސޯޓު ކުލި ކުޑަކުރުމުން ލިބޭ އާމްދަނީގެ ގާތްގަނޑަކަށް 40 ޕަސެންޓުގެ ދަށްވާނެ ކަމަށެވެ.

ލަންކާގެ ހާލަތަށް މިސާލު ޖައްސަވާ ގަވަރުނަރު އަލީ ހާޝިމް ވަނީ ރިސޯޓުތަކުގެ ކުލި ކުޑަކުރުން ކަހަލަ ދައުލަތަށް އާމްދަނީ ދަށްވާ ކަންކަން މި ވަގުތު ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް މިއަދު ވިދާޅުވެފައެވެ.

އެ އިސްލާހާ ގުޅޭ ގޮތުން މަޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރު ވިދާޅުވީ ރިސޯޓު ކުލި ކުޑަކުރަން ތާއީދުކުރައްވާ ކަމަށާއި މިއީ މިނިމަމް ވޭޖާ ގުޅިގެން ރިސޯޓުތަކަށް ލުއި ގޮތްތަކެއް ފަހިކުރަން ގެނައި ބަދަލެއް ނަމަވެސް މިކަމުގެ ފައިދާ ތިން އަތޮޅެއްގެ ރިސޯޓުތަކަށް ނުލިބޭ ކަމަށެވެ.

ރިސޯޓު ކުލީގެ ގޮތުގައި މީގެ ކުރިން ނ، ރ، ބ، ޅ، ކ، އއ، އދ، ވ، މ، ފ އަދި ދ. އަތޮޅުން ރިސޯޓުހަދަން 200،000 އަކަ މީޓަރަށްވުރެ ކުދި ބިންތަކުގައި އަކަ މީޓަރަކަށް ނަގަނީ އަށް ޑޮލަރާއި އެއް މިލިއަން ޑޮލަރާއި ދެމެދުގެ އަގުތަކެވެ. ނަމަވެސް އެ އަދަދު މިހާރު ވަނީ ކުޑަކޮށް ހަ ޑޮލަރާއި 750،000 ޑޮލަރާ ދެމެދު އަގަކަށް ބަދަލުކޮށްފައެވެ.

މީގެއިތުރުން ހަތަރު ލައްކަ އަކަ މީޓަރަށް ވުރެ ކުޑަ ބިންތަކުގައި އަހަރަކަށް 1.5 މިލިއަން ޑޮލަރު ކުރިން ނެގި ނަމަވެސް އެ އަދަދު ވަނީ 1.1 މިލިއަން ޑޮލަރަށް ކުޑަކޮށްފައެވެ. އަދި ހަތަރު ލައްކަ ޑޮލަރަށް ވުރެ އަގު ބޮޑެތި ބިންތަކަށް އަހަރަކަށް ދެ މިލިއަން ޑޮލަރު ނެގިއިރު އެ އަދަދު ވަނީ 1.5 މިލިއަން ޑޮލަރަށް ކުޑަކޮށްފައެވެ.

ރިސޯޓްތަކުގެ ކުލި ކުޑަކުރަން ހުށަހަޅައިގެން އުޅޭއިރު މިހާރުވެސް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ 17 ބިލިއަން ރުފިޔާ ނުލިބި އެބަހުއްޓެވެ.