މުދާ އަރުވައިގެން ދަތުރުކުރާ ޕިކަޕު ނުވަތަ ލޮރީ ފަދަ އުޅަނދުތަކުން ވައްކަން ކުރަމުންދާކަމުގެ މައްސަލަތައް އިތުރުވަމުން ދާތީ ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.
ފުލުހުން ބުނީ، މުދާ އަރުވައިގެން ދަތުރު ކުރަމުންދާ ޕިކަޕު ނުވަތަ ލޮރީ މަގުމަތީގައި މަޑުކޮށްގެން އޮންނަ ވަގުތުތަކުގައި އެ އުޅަނދުތަކުގައި ހުންނަ މުދާ ވަގަށް ނަގާ މައްސަލަތައް ރިޕޯޓް ކުރަމުން ދާ ކަމަށެވެ. އެ ގޮތުން އެންމެ ފަހުން ރިޕޯޓުކޮށްފައިވާ އެފަދަ މައްސަލަތަކަށް ބަލާ އިރު، ވަގަށް ނަގާފައި ވަނީ ސިނގިރޭޓް ކޭސްތަކެއް ކަމަށް ފުލުހުން ބުނެއެވެ.
އެހެންކަމުން، މުދާ އަރުވައިގެން ދަތުރުކުރާ ފަރާތްތަކުން މިފަދަ ކަންކަމަށް ސަމާލުކަންދެއްވައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސް ކުރެއެވެ.
ވައްކަމާއި ފޭރުމުގެ މައްސަލަތަކަކީ މި މުޖުތަމައުން ގިނައިން ފެންނަ ކުށްތަކެވެ. އެ ގޮތުން ފިހާރަތައް ފަޅައިގެން އެތަނުގައި ހުންނަ މުދަލާއި ވަތްގަނޑުގައި ހުންނަ ފައިސާ ފޭރޭ މައްސަލަަތައް ފެނެއެވެ. ހަމައެއާއެކު ބައެއް އޮފީސް ފަދަ ތަންތަނުގައި ހުންނަ ތިޖޫރީ ފަދަ ތަކެތި ވަގަށް ނަގާ މައްސަލަތަކަކީ ވެސް ފެންނަ މައްސަލަތަކެވެ. މީގެ އިތުރުން އެކި ކަހަލަ ސްކޭމްތައް ޖައްސައިގެން ފައިސާ ހޯދާ މައްސަލަތަކަކީ ވެސް މި ފަކަށް އައިސް އާންމުވެފައިވާ މައްސަލަތަކެވެ.