ގަވާއިދާ ހިލާފަށް ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ވަންނަ ބޭރު ގައުމުތަކުގެ އުޅަނދު ފަހަރަށް ފިޔަވަޅު އަޅަމުން ގެންދާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ.ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ސައްލެ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ސަލީމް ވަނީ އިންޑިއާގެ ބޯޓު ފަހަރަށް ރާއްޖޭގެ ގަވާއިދުގެ ބޭރުން ރާއްޖޭގައި މަސްވެރިކަން ކުރުމުގެ ފުރުސަތު އެއްވެސް ވަރަކަށް ދީފައިވާނެތޯ ސުވާލުކުރައްވާފައެވެ. އަދި ގަވާއިދާއި ހިލާފަށް މަސްބާނާ އިންޑިއާގެ ބޯޓެއްވީމަ އެކަން ނުފެންނަ ކަމަކަށް ހަދައި ދޫކޮށްލާނެ ހާލަތެއް އަންނާނެތޯ ސަލީމް ސުވާލުކުރެއްވިއެވެ.

އެސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އުތުރުން އިންޑިއާ އާއި ރާއްޖެ ހިއްސާކުރަނީ އެއް ބޯޑަރެއް ކަމަށާއި، އެ ދެމެދުގައި 200 މޭލު ނުހުންނަ ކަމަށެވެ.

ރާއްޖޭގެ އުތުރުގައި އިންޑިއާ އޮންނަނީ. އެހެންވީމާ އިންޑިއާ އިންޑިއާ ސަރަަހައްދުގައި މަސް ނަގާ ބާނަންޏާ ރާއްޖޭގެ އުތުރުން މަސްބާނާ ނަގަނީ ކަމަށް ވެދާނެ. ރާއްޖެއާ އިންޑިއާއަކީ އުތުރުގައި އެއް ބޯޑަރެެއް ހިއްސާކުރާ ބައެއް. އަޅުގަނޑުމެންނާ އިންޑިއާގެ ސަރަހައްދާ 200 މޭލެއް ނޯވޭ. އެއަށްވުރެ މާކުޑަ ސަރަަހައްދެއް 30 އެތައް މޭލެއް.
ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު

މިނިސްޓަރު ވިދާޅުވީ އިންޑިއާގެ ބޯޓު ފަހަރު ރާއްޖެއަށް ވަންނަކަމުގެ ޝަކުވާ މަސްވެރިންގެ ކިބައިން ލިބޭ ކަމަށެވެ. އަދި ހަމަ އެގޮތަށް ރާއްޖޭގެ ބޯޓުތަކުން އިންޑިއާގެ ސަރަހައްދަށް ވެސް ވަދެ އެކަން އެނގުމުން ނުކުންނަ ކަމަށެވެ.

އިންޑިއާގެ ބޯޓުތައް ގިނަވުމުގެ ޝަކުވާއެއް ކޯސްޓްގާޑުން ފާހަގަކޮށްފައި ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ގަވާއިދާ ހިލާފަށް ރާއްޖޭގެ ސަރަހައްދަށް ވަދެ މަސްވެރިކަންކުރާކަމުގެ ޝަކުވާ ވެސް ކޯސްޓްގާޑުން ކޮށްފައި ނުވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ގާނޫނު ތަނެއް ނުދޭ ވަކިގައުމެއްގެ ބޯޓެއްވީމަ ވަކި ޚާއްސަ ހުއްދައެއް ދޭކަށް. ގާނޫނުން އަޅަންޖެހޭ ފިޔަވަޅުތައް އެއީ ކޮން ޤައުމެއްގެ، ކާކުގެ ކޮން ދޯންޏެއްތޯ ނުބަލައި އަޅުގަނޑުމެން އަޅަމުން އެބަގެންދަށް
ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު

ރާއްޖެ އަކީ ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށް ވެފައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވާއިދާ ހިލާފަސް މަސްވެރިކަން ކުރަން ދޭތެރެ ދޭތެރެއިން އުޅަނދުތައް ވަދެއެވެ.

އާންމުކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަ މި ބާވަތުގެ އުޅަނދުތައް އިތުރަށް ބަލާ، ފާސް ކުރާ އިރު މަސްތުވާތަކެތި ފެންނަ ނިސްބަތްވެސް މަދެއް ނޫނެވެ.