"ލާރާ ބަލާބަ.." ބާރު ހިނގުމެއްގައި އެމީހުންނާ ދިމާލަށް އައި ހާޝިމް ފެނިފައި ފަޒްލާ ލާރާއަށް ދައްކާލިއެވެ."އޭނަ ވަރަށް ރުޅި އައިސް ކަންނޭގެ އެހެރީ ފަޒޫ..ހިނގާ ދާން އަވަހަށް..." ލާރާ ބިރުން އެތަނުން ދާން ހިނގައިގަތެވެ. ނަމަވެސް ހާޝިމް އެއަށް ވުރެން މާ ހުޝިޔާރެވެ. އޭނާ އައި ގޮތަށް އައިސް ލާރާގެ މެދުހަށީގައި ހިފާ އޭނާއާއި ދިމާލަށް ދަމައިގަތެވެ. ފަޒްލާ ވެސް ހަދާނެ ގޮތެއް ނޭނގިގެން ހާޝިމް އާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނީއެވެ. "ބުނިންދޯ މަ ރުޅި އަރުވަންޏާ ކަންތައް ވަރަށް ގޯސް ވާނެއޭ..މިފަހަރު ކާކު ކަލެ ސަލާމަތް ކުރަން އަންނާނީ.." ހާޝިމްގެ ބަރު އަޑުގައި ވަނީ ރުޅިވެރިކަމެވެ. އޭނާ ލާރާގެ އިސްތަށިގަނޑުގައި ހިފާ ދަމަމުން ގަސްތަކާއި ދިމާލަށް ދިޔައެވެ. "ހާޝިމް ޕްލީސް މަ ދިޔަދީ..މަ ހާޝިމް ދެކެ ލޯބި ނުވަންޏާ ކިހިނެއްތަ ރައްޓެހިވާނީ އެއް.." ރޮމުން ލާރާ ހާޝިމް ކައިރީ އާދޭސް ކުރިއެވެ. ނަމަވެސް އެއަޑަށް ހާޝިމް ދިނީ ބީރު ކަންފަތެވެ. ފަޒްލާ ވެސް ހާޝިމް ފަހަތުން ދުވަމުން ކަހަލަ ގޮތަކަށް އައެވެ. އެވަގުތު ހާޝިމް އެއްލާލި ގާބުރި ގޮސް ޖެހުނީ ފަޒްލާގެ ބޮލުގައެވެ. ހޯސްލާފައި ލޭތައް ފައިބަންފެށީ ހަމަ ސިކުންތުކޮޅެއްގެ ތެރޭގައެވެ. ލާރާގެ އުއްމީދުގެ ހުޅުކޮޅު ފަނޑުވަމުން ގޮސް ނިވުނީ ހަބަރު ހުސްވެގެން ބިންމައްޗަށް ވެއްޓެންދިޔަ ފަޒްލާ ފެނިފައެވެ. ގައިގާ ހުރި ބާރެއް ލާފައި އޭނާ ފަޒްލާ އަށް ގޮވަމުން ދިޔައެވެ.
ހާޝިމް އަތުގެ ހުރި ބާރެއްލާ ގަސްތަކުގެ ތެރެއަށް ލާރާ ހޫރާލިއެވެ. އެނބުރެމުން ގޮސް އޭނާ ޖެހުނީ ކައިރީ ހުރި ގަސްބުޑަށެވެ. އޭރުވެސް ރޮމުން ލާރާ އާދޭސް ކުރަމުން ދިޔައީ އޭނާ ދޫކޮށްލުމަށް އެދިއެވެ. އުއްމީދު ފަނޑުވެ މާޔޫސްވަމުން ދިޔަ ލާރާ ދެލޯމަރާ ބާޜުކޮށްލީ އޭނާއާ ދިމާލަށް ތިރިވަމުން އައި ހާޝިމް އާ ދިމާލަށް ބަލަން ބޭނުން ނުވުމުންނެވެ. ނޭވާ ބާރު ކޮށްލައިގެން އޮތް ލާރާއަށް ހަމަ ނޭވާއެއް ލެވުނީ ފަހަތުން އައިސް ހާޝިމްގެ ގަމީހުގެ ގިރިވާނުގައި ހިފާ އޭނާ ކޮޅަށްނެގި ޒުވާނާ ފެނިފައެވެ. ނިވިފައި ހުރި އުއްމީދުގެ ހުޅުކޮޅު ރޯކޮށްލަދިނީ އެ ނުދަންނަ ޒުވާނާއެވެ. އޭނާ ލާރާ އާ ދިމާލަށް އަތް ދިއްކޮށްލީ ހިތްހެޔޮކަމާ އެކުއެވެ. ލާރާ ޝުކުރު އަދާކުރަމުން އެ އަތުގައި ހިފާލީ އަމާންކަން ލިބުމުން އުފާކުރަމުންނެވެ." ތޭންކްސް..ތީނައަށް ނާދެވުނު ނަމަ މިއަދު ...." ލާރާއަށް ބުނެވުނީ އެވަރަށެވެ. އޭނާއަށް ގިސްލެވެން ފެށުނެވެ. އެ ޒުވާނާ ލާރާ އޭނާއާ ކައިރި ކޮށްލީ ހިމާޔަތް ކޮށްދޭނަމޭބުނާ ފަދައިންނެވެ. "ހައިއްޓޭ...."އެވަގުތު ފަހަތުން މާއިޝްގެ އަޑު އިވުނެވެ. "މާއިޝް..މަ މިހިރީ މިކޮޅުގަ..އައި ފައުންޑު ހާ..އާދެބަ..." މާއިޝް އަށް އެހިސާބަށް އާދެވުނުއިރު ހައިކަލް އަތްދަނޑިމައްޗަށް ލާރާ ލައިގެން ބޭރަށް ނިކުންނަނީއެވެ. "ކަމޯން އޯޕެން ޔޯ އައިސް ގާލް.." ހަބަރު ހުސްވެފައި އޮތް ލާރާ ފެނިފައި މާއިޝްވެސް ހާސްވިއެވެ. "ހިނގާ ހޮސްޕިޓަލަށް ގެންދަން އަވަހަށް..މީޝްމެން ގޮސްފި ފަޒޫ ގޮވައިގެން.." މާއިޝް އަވަހަށް ކާރަކަށް ގުޅާލިއެވެ. އެމީހުންނަށް މަގަށް ނިކުމެވުނު އިރުވެސް ކާރެއް ނާދެއެވެ. "މާއިޝް ސައިކުގަ ހިނގާ ދާން..ވީ ކާންޓް ވޭސްޓް ޓައިމް ހިއާ..ވަރަށް ބްލީޑް ވޭ އެބަ.."ހައިކަލް އެހެން ބުނުމުން މާއިޝް ސައިކަލަށް އަރާ ސްޓާޓް ކޮށްލިއެވެ. ހޮސްޕިޓަލަށް ދެވެންދެންވެސް ހައިކަލް އިނީ އަތްދަނޑިމަތީގައި ލާރާ ބާއްވައިގެންނެވެ.
"މިހާރު ރަނގަޅު..ހޭއަރައިފި..އެކަމް އަދިވެސް ވާހަކަ އެއް ނުދެއްކެ ލާރު އަކަށް..ފަޒޫ މިހާރު ރަނގަޅު.." ފޯނުގައި ހުރެގެން މީޝާ ވާހަކަ ދެއްކިއެވެ. "މީޝް ދޭބަ ލާރު ކައިރިއަށް..ރައީވެސް ވެއްޖެ އެތެރޭގަ.. ލާރު މަންމަ ވަރަށް އެބަ ރޮއޭ.." ވޯޑްއިން ނިކުންނަމުން މާއިޝް މީޝާއާ ކައިރިވެލާފައި އެހެން ބުނުމަށްފަހު ހައިކަލް ގޮވައިގެން ގެއަށް ދާން ނިކުތެވެ." ހިނގާ ޗޭންޖް ކޮށްލައިގެން އަންނަން ދޯ..ހުސް ލޭ ތިއޮތީ ގަމީހުގަ..." ސައިކަލަށް އަރާ ސްޓާޓް ކޮށްލިއިރުވެސް އަނގައިން ބަހެއްނުކިޔާ ހައިކަލް އިނުމުން މާއިޝް ވާހަކަދެއްކިއެވެ." ހައިއްޓޭ..ޝީ އިޒް ފައިން ނައު.." "ނޫން މާއިޝް..މައަދު އަހަރުންނަށް ގަޑިއަށް އެހިސާބަށް ނުދެވުނު ނަމަ ނޭނގެ އެ ގާލްއަށް ވާނެ ގޮތެއްވެސް..މާއިޝް ދަންނަންތަ އެމީހުން.." ހައިކަލް ވާހަކަ ދެއްކިއެވެ. " ހާން އެއީ ލާރާ..މަ ކްލާސް މޭޓެއް..ދެން ބީޗުގަ އޮތީ ފަޒްލާ..އެއީވެސް ކްލާސް ކުއްޖެއް..އެކަމް މަ މިހިތައް އަރަނީ އެހުރިހާ ކަމެއް އެކުރީ ކާކުބާއޭ.." މާއިޝްވެސް ކަންވީގޮތުން އަދިވެސް ގަބޫލުކުރަން ދަތިވެފައި އިނދެގެން ވާހަކަ ދެއްކިއެވެ. "އައި ޑޯންނޯ..އެކަމް އެ ދެމީހުންނަށްވެސް އިނގޭނެ އެ ކާކު ކަން..ލެޓްސް ވެއިޓް ފޯ ދެއާ އާންސާ..." ހައިކަލް ވެސް ބުނާނެ އިތުރު އެއްޗެއް ނޭނގުމުން ދެން އިތުރު އެއްޗެއް ނުކިޔައެވެ.
"ލާރާ..އެއީ ކާކުކަން ބުނެދިނީމަ އެމީހަކަށް ހައްގު އަދަބު ދެވޭނީ.."ކައިރީ ހުރި ޕޮލިސް އޮފިސާ މަސައްކަތް ކުރަމުން ދިޔައީ ހަގީގަތް ހޯދުމަށެވެ. "ނޭނގެ ކާކު ކަމެއް..މޫނެއް.....މޫނެއް ނުފެ...ނުފެނޭ..." އެވަގުތު ވޯޑަށް ވަންނަން އައި ހައިކަލް އަށް ލާރާ ދިން ޖަވާބު ވަރަށް ރަނގަޅަށްވެސް އަޑުއިވުނެވެ. " އޯކޭ..އެހެންމަ އަޅުގަނޑުމެންގެ ޓީމް މަސައްކަތް ކުރާނެ އެމީހަކު ހޯދަން..މައުލޫމާތު ލިބުނުހާ އަވަހަކަށް އަންގާލާނަން" އެހެން ބުނުމަށްފަހު ޕޮލިސް އޮފިސާ ނިކުމެގެން ދިޔައެވެ. "ލާރާ ކީއްވެ ނުބުނީ ހާޝިމްގެ ނަން..."ހަމައެކަނި ލާރާއަށް އިވޭނެހެން ފަޒްލާ ބުންޏެވެ. "އައި ކާންޓް ޓޭކް އަނަދާ ރިސްކް ފަޒޫ..ކުރިންވެސް އިންޒާރުދިން..އަނެއްކާވެސް ހަމަ މިހެން ވާކަށް މަ ބޭނުމެއްނޫން..." ލާރާވެސް ވާހަކަ ދެއްކީ އެހެން މީހަކަށް ނީވޭނޭ ވަރަށް މަޑުންނެވެ.
ހައިކަލްގެ ސިކުނޑީގައިވެސް ވަނީ އެއްމެ ސުވާލެކެވެ. ލާރާ އަށް އެމީހަކު މޫނު ރީއަޗަށް ފެނިވެސް ނަން ނުބުނީ ކީއްވެބާއެވެ.އެވަގުތު ނަރުސް ކުއްޖެއް އިންޖެކްޝަން ޓްރޭއެއް ހިފައިގެން އެތަނަށް އައެވެ. "ކޮންމެސް ދެމީހަކު މިތާ މަޑުކޮށްލާފަ ދެންތިބި މީހުން ބޭރުގަ މަޑުކޮށްލަދެއްވާ.." ނަރުސް ކުއްޖާ އެހެން ބުނުމުން ހަސީނާއާއި މީޝާ އެތެރެގައި ބޭތިއަބުމަށްފަހު އެއްމެން ބޭރަށް ނިކުތެވެ. "ފަޒޫ ހިނގާ ގެއަށް ދާން ދޯ..ޔޫ ނީޑް ރެސްޓް.." މާއިޝް ބުންޏެވެ. ފަޒްލާ ފުރަތަމަ އިންކާރު ކުރުމުން މާއިޝް ވިސްނައިދިނެވެ."ޔޫ ބޯތް ވެއިޓް ހިއާ..މަ މި އަންނަނީ ފަޒޫ ގެއަށް ވައްޓާލާފަ.." އެހެން ބުނުމަށްފަހު މާއިޝް ފަޒްލާ ގޮވައިގެން ބޭރަށް ނިކުތެވެ. "ކޮބާ ރައީ.."މާއިޝް ދިޔުމުން އާދިލް ގާތު ހައިކަލް އެހިއެވެ. " ގެއަށް ދިޔައީ ސޫޕް ހަދަންވެގެން އެ ގާލްއަށް ދޭން..މިހާރު އަންނަން އުޅޭނެ ކަންނޭނގެ.." އެހެން ބުނެވުނު އިރު ރައިފާ އަންނަތަން ފެނުނެވެ.
"ހައިއްޓޭ..އާދެބަ މިތާ މަޑުކޮށްލަން..ރައީއާ އެކީ..މީޝް މި އަންނަނީ ހަސިންތަ އާއެކީ އެގެޔަށް ވަދެލާފަ.." މީޝާ އެހެން ބުނުމުން ހައިކަލް އެތެރެއަށް ވަނެވެ. ފަހަތުން އާދިލް ވެސް ހިނގައިގަތުމުން މީޝާ އާދިލްއަށް ގޮވާލިއެވެ. "އާއްޑޭ އާދެ މީޝް އެކީ ދާން..އެތެރޭގަ 2 މީހުންނަށް ތިބެވޭނީ.."
ހައިކަލްއަށް ވޯޑަށް ވަދެވުނުއިރު ލާރާއަށް ސޫޕްކޮޅު ދެވޭތޯ ރައިފާ އުޅެއެވެ. " އަދި މީތިކޮޅު ބޯލަބަ.." އެވަގުތު ނަރުސް ކުއްޖެއް ބޭސް ސިޓީ ގެނެސްދިނެވެ. "ހައިއްޓޭ މަޑުކޮއްލާ އިނގޭ..މިއަންނަނީ ބޭސް ނަގައިގެން..." އެހެން ބުނުމަށްފަހު ރައިފާ ބޭރަށް ނިކުތެވެ. ހައިކަލް ލާޜާ ކައިރީ ހުރި ގޮނޑީގައި އށީނެވެ."ހާއި..ހައިކަލް"ހައިކަލް އަމިއްލައަށް ތަޢާރަފްވެލިއެވެ. " ލާރާ..... ތޭންކްސް ފޯ ވަޓް ޔޫ ޑިޑް ފޯ މީ.." ތައާރަފް ވެލަމުން ލާރާ އަނެއްކާވެސް ޝުކުރު އަދާކުރިއެވެ. " ތޭންކްސް ބުނާ ވަރުގެ ކަމެއް ނޫނެއްނުން އެއީ..މިހާރު ކިހިނެއް؟ " "ހާދަ އޮލަ ވާހަކައެއްގަ ދެމީހުން؟ ލާރު ދޫކޮށްލަން އެއުޅެނީ ރެޑީ ތަ ގެއަށް ދާން؟.." އެތެރެއަށް ވަންނަމުން އައި ރައިފާގެ އަޑަށް ހައިކަލް ދައްކަމުންދިޔަ ވާހަކަ ހުއްޓާލިއެވެ. " ފައިނަލީ..ކޮންއިރެއް ރެޑީ ވެގެން އިންނަތާ.." ގެއަށް ދެވެން އުޅޭކަން އިނގުމުން ލާރާ އުފަލުން ފޮޅުނެވެ.
"އައެމް ސޯ ޓަޔަޑް މިއަދު.." ގެއަށް ވަދެވުނު ގޮތަށް ސޯފާއަށް ވެއްޓެގަންނަމުން އާދިލް ބުންޏެވެ "އަސްލުވެސް ވަރަށް ޓަޔަޑް..ދެން ހަވީރު ބޭރަށް ދާނީ ދޯ.." ފަހަތުން މީޝާވެސް ވާހަކަދެއްކިއެވެ. " ނޯ ނޯ އައި އެމް ނޮޓް ގޮއިން...މަ މިދަނީ ފެންވަރައިގެން ޖައްސާލަން.." ވެފައި ހުރި ވަރުބަލި ކަމުން ހައިކަލް ބޭނުންވީ އަރާމު ކޮށްލާށެވެ.
"ލާރު..ކޮންތާކަށްދާން ތި ރެޑީވަނީ.." ރީތިވާ މޭޒުކައިރީ ހުރެގެން އިސްތަށިގަނޑުގައި ފުނާ އަޅަން ހުރި ލާރާ ފެނިފައި ކޮޓަރިއަށް ވަންނަން އައި ފަޒްލާ އެހިއެވެ. "ތާކަށް ދާކަށް ނޫން...ތާކަށް ދާނެ ހިތްވަރު މަގޭގެ ހުންނާނެތަ ދެން.." ހެނދުނުގެ ހާދިސާ ހަނދާންވުމުން ލާރާ އަށް ރޮވެން ފެށުނެވެ. " ލާރު ތިހެން ނުބުނޭ..އަދި އަހަރުންވެސް މިތިބީ އެއްނުން..މިއަދުވެސް ﷲ އިރާދަފުޅުން ކަމެއް ވުމުގެ ކުރިން ލާރު ސަލާމަތް ވެއްޖެއެއްނުން.." ފަޒްލާ ބެލީ ލާރާ އަށް ހިތްވަރު ދެވޭތޯއެވެ.
"ދަރިފުޅާ..މީޝާއަށް ގުޅާފަ ބުނެލަބަ މަންމަ ބުންޏޭ އެ ހުރިހާ ކުދިން މިރޭ ކާން އަންނާށޭ އިނގޭ..ދަރިފުޅު އެޑްމިޓް ކުރުމާ އެތަނުން ދޫކޮށްލުމާ ހަމަޔަށް ވެސް އެކުދިން އެތާ ތިބި ދުރަށް ނުގޮސް..." ހަސީނާ އެހެންކިޔަމުން ކޮޓަރިއަށް ވައިން އިރު ދަރިފުޅު އިން ހާލުފެނިފައި ރޮވެންފެށުނެވެ. ކިތަންމެ ކެއްކުރަން ބޭނުންވިޔަސް މައި ލަގޮނޑިއަށް އެމަންޒަރު ބަލަން ކެއްވާނީ ކިހިނެއް ހެއްޔެވެ. އުމުރުން 10 އަހަރުވީއްސުރެން ބަފަޔަކާ ނުލާ ލާރާ ބަލާބޮޑުކުރީ ޒައްރެއްގެ މިންވަރުގެވެސް ހިތާމަ އަކާ އެފަކީރާ ކުރިމަތިލާން ނުޖައްސައެވެ. އެކަމް މިއަދު އެ ދަރިފުޅުގެ އުފާވެރި މޫނު މިލައިފިއެވެ.
ހަސީނާ ލާރާ ގެ ކައިރިއަށް އައިސް ހިތްވަރުދިނެވެ. މަންމަގެ ވޭނުން ފުރިގެންވީ އަޑު އިވުމުން ލާރާއަށް ހިތަވަރުލިބުނެވެ. އެ މަންމައަށް ޓަކައި ހިތްވަރުކުރަން އޭނާ އަޒުމް ކަނޑައެޅިއެވެ.
"މީޝް މަންމަ ބުނީ ކާން އަންނާށޯ މިރޭ ތިއެއްމެން..އަންނައްޗޭ އިނގޭ.." މީޝާއަށް ގުޅައިގެން ހުރެ ލާރާ ވާހަކަ ދެއްކިއެވެ. "އޯކޭ..އަހަރުން ދާނަން..އެކަމް ހައިކަލް ގޮތެއް ނޭނގެ..ހަވީރު ބޭރަކަށްވެސް ނުދާނަމޭ ކިޔާފަ ކޮޓަރިއަށް އެވަނީ.." ލާރާ ޖަވާބު ދިނެވެ. " އޭނަ ގެންނާތި ކޮންމެސް..ޕްލީސް..ބުނެބަ މަ ބުނެގެންނޭ އަޅެ އާދޭތޯ..." ލާރާ ބޭނުންވީ ހައިކަލްވެސް އަންނާށެވެ. "ހައިއްޓޭ..ދޮރުހުޅުވަބަ.." ހައިކަލް އުޅޭ ކޮޓަރި ދޮރުގައި ޓަކިޖަހަމުން މީޝާ ހައިކަލް އަށް ގޮވަމުން ދިޔައެވެ. "ކިހިނެއްވީ އަނެއްކާ.." ދޮރުހުޅުވާލި ގޮތަށް ހައިކަލް ކުރީ ސުވާލެކެވެ. "ލާރާ ގުޅާފަ މިއޮތީ.."އަތުގައި އޮތް ފޯން ހައިކަލް އާއި ދިމާލަށް ދިއްކޮށްލަމުން މީޝާ ބުންޏެވެ. "ލާރާ އޭ..މަށާވާހަކަ ދައްކަން..؟ކިހިނެއްވީ އަނެއްކާ.." ވާނުވާގައި ހުރެފައި ހައިކަލް ބުންޏެވެ. " ސާބަސް ވާހަކަ ދެއްކީމަ އިނގޭނެ އެއްނުން ކީއްކުރަންކަން ވެސް..އޮން މި ހިފާބަލަ ދެންވެސް.." މީޝާ ދިއްކޮށްލި ފޯންގާއި ހިފާމުން ހައިކަލް އަނެއްކާވެސް ސުވާލެއްގެ ނަޒަރުން މީޝާއަށް ބަލާލިއެވެ.
"ހަލޯ..ހައީ..މިރޭ މިގެއަށް އައިސްދީބަ އިނގޭ މީޝްމެން އަންނައިރު..." ހައިކަލް ހަލޯއޭ ބުނުމުން ލާރާ ވާހަކަ ދެއްކިއެވެ."ތިގެއަށޭ..މީޝް ނުވެސް ބުނޭ ތިގެއަށް ދާން އުޅޭވާހަކަ އެއް..ކަމެއްވީތަ..."ހައިކަލްވެސް ކުރީ ސުވާލެކެވެ. ނަމަވެސް މާ ވާހަކަ ދިގު ކުރަން ނުހަދާ އައިސް ދިނުމަށް އެދުމަށްފަހު ލާރާ ފޯން ކަނޑާލީއެވެ.
"ހައިއްޓޭ ކޮބާ ރެޑީ ވީތަ؟" ކޮޓަރިއަށް ވަންނަން އައި އާދިލްގެ ހިނގުން ހުއްޓުނީ ރީތިވާ މޭޒުކައިރީ ހުރި ހައިކަލް ފެނިފައެވެ. އެހެންޔާ އަބަދު ސޯޓު ބުރިއަކާއި ޓީޝާޓެއް ލައިގެން އުޅޭ ހައިކަލް މިއަދު ވަރަށް ވެސް ތަފާތެވެ. ކަޅުކުލައިގެ ގަމީހަކާއި ހަމަ އެކުލައިގެ ޖީންސެއްލާފައި ހުރި އިރު ގަމީހުގެ އަތްކުރިވަނީ އަތުގެ އުޅަނބޮއްޓާއި ހިސާބަށް އޮޅާލާފައެވެ. ކަނދުރާއާޢި ހިސާބަށް އަރާ އިސްތަށިގަނޑުވަނީ ފުނާ އަޅާ އޮމާންކޮށްފައެވެ.
"ހައިއްޓޭ..ތީހަމަ ކަލޭ ތަ؟..ހާދަ ފަރިވަނީ ތި...މިއަދު ފެންނަ ކޮންމެ މީހަކު މަށަށް މަށަށް ގޮވާނެ.." އާދިލް ދިމާކުރަންފެށީއެވެ. "އެހެންޔާ އާއްޑެ ގެ މީޝްމަ އަތުލައިގަންނާނީ..." ހައިކަލް ވެސް އާދިލް އަކަށް ދުލެއްނުކުރިއެވެ. އެއާއިއެކު ދެކުދިންގެ ހުނުމުގެ އަޑު މުޅި ކޮޓަރި ތެރޭގައި ގުގުމާލައިގެން ދިޔައެވެ.
"ކޮންކަމަކާ މާ އަޑުގަދަ ކޮށްލައިގެން.."ކޮޓަރި ދޮރުގައި ލެނގިލައިގެން ހުރި މާއިޝްގެ އަޑަށް ހައިކަލް އާއި އާދިލްއަށް އެދިމާލަށް ބަލާލެވުނީ އެކު އެކީއެވެ. " މާއިޝް އާދޭ އާދޭ .. މިކިޔަނީ މި ހައިއްޓޭ މާ ރީތިވާ ވާހަކަ މިއަދު.." " އެތެދެއް..ހައިއްޓޭ..ކަމުދާ ކުއްޖެއް ފެނުނީތަ މިރަށުން އެހާ ފަރިވަނީ ތި.." އާދިލް ބުނި އެއްޗާ ވިއަދާފައި ކޮޓަރިއަށް ވަންނަން އައި މާއިޝް ބުންޏެވެ."ޕިސް ޕިސް މި މީހުންނާ ހެދި ނެތޭނުން ރީތިވެސް ވެވޭކަށް..މަ ގެނައި އެއްޗެއްނުންތަ ލެވޭނީއެއް" ދެކުދިން ދިމާކުރަން ފެށުމުން ހައިކަލް އަމިއްލަ ނަފްސް ދިފާޢުކުރަމުން ބުނެލިއެވެ. "ހޫން ދެންހެވޭ ކިތަންމެ ރީތި ވިޔަސް ދާން އާދޭ ކާރު އައިއްސި..." އެކުދިން ދެއްކި ވާހަކަ އަޑުއަހަން ދުރުގައި ހުރި މީޝާ ގެ އަޑުއިވުނީ ހަމަ އެވަގުތެވެ.
- ނުނިމޭ