މި މަހުގެ ދެވަނަ ދުވަހު ޏ. ފުވައްމުލަކު ނެރު ކައިރިއަށް ޑައިވް ކުރަނިކޮށް ހާލު ދެރަވި މަހުމޫދު ފާއިޒަށް އިތުރު ފަރުވާ ދޭން އިންޑިއާއަށް ފުރުވާލައިފިއެވެ.
މިހާދިސާގައި މަހުމޫދު އާ އެކު ފީނަން ފޭބި ތަޖުރިބާކާރު ޑައިވަރު މުހައްމަދު ސައީދު (މޯޑު) ގެއްލިފައި ވާއިރު އޭނާ ހޯދުމުގެ އޮޕަރޭޝަން މިހާރު ވަނީ ހުއްޓާލައިފައެވެ.
މަހުމޫދަށް ދ. ކަނޑިންމަ ރިސޯޓުން ފަރުވާދީފައި ވާއިރު އެކަށީގެންވާ ކުރިއެރުމެއް ނުލިބުމުން އޭނާ ވަނީ ކުރެއްދޫ ރިސޯޓަށް ގެންގޮސްފައެވެ. އަދި އެއަށްފަހު އިތުރު ފަރުވާއަށް ވަނީ މާލެ ގެނެސްފައެވެ.
މަހުމޫދު އިތުރު ފަރުވާއަށް އިންޑިއާއަށް ފުރުވާލައިފައި ވަނީ އިތުރު ފަރުވާ ބޭނުންވާ ކަމަށް ކުރެއްދޫގައި ފަރުވާ ދިން ޑޮކްޓަރާއި އައިޖީއެމްއެޗްގައި އޭނާ ބެލި ޑޮކްޓަރުން ލަފާ ދިނުމާ ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ.
މައުލޫމަތު ލިބިފައިވާ ގޮތުގައި މަހުމޫދު އިންޑިއާގެ އަމްރިތާ ހޮސްޕިޓަލްގައި އިތުރު ހައިޕާބޭރިކް އޮކްސިޖަން ތެރަޕީ އާއި ފިޒިއޮތެރަޕީ ނަގަން ވަނީ ހަމަޖެހިފައެވެ.
މިހާދިސާގައި ގެއްލުނު ސައީދު ހޯދުމަށް ކޯސްޓްގާޑުގެ ޑައިވަރުންގެ އިތުރުން ކޯސްޓްގާޑް ހާބަރު ޕެޓްރޯލް އުޅަނދުތަކާއި އެމްއެންޑީއެފް ޑޯނިއާއާއި ހެލިކޮޕްޓަރު ވެސް ވަނީ ބޭނުން ކޮށްފައެވެ.
ޑައިވަރު ގެއްލުނު ސަރަހައްދުގައި ކޯސްޓްގާޑް ޑައިވަރުން ޑައިވް ކުރުމުގެ ތެރޭގައި 59 މީޓަރު އަޑިން ސައީދު މަސް ހިފުމަށް ބޭނުން ކުރިކަމަށް ލަފާކުރެވޭ އާލާތެއް މި މަހުގެ 3 ވަނަ ދުވަހު ވަނީ ހޯދާފައެވެ. އަދި އެއަށް ފަހު ކަނޑުގެ އަޑިން 550 މީޓަރުގެ ސަރަހައްދެއް ކޯސްޓްގާޑުގެ ޑައިވިން ޓީމުން ވަނީ ބަލާފައެވެ. މީގެ އިތުރުން މި މަހުގެ 4 ވަނަ ދުވަހު ކުރި ޑައިވްގައި ކަނޑުގެ 68 މީޓަރު އަޑިން ޑައިވް ބެލްޓެއް ވެސް ވަނީ ފެނިފައެވެ. ނަމަވެސް މިމަހު 8 ވަނަ ދުވަހު އެ އޮޕަރޭޝަން ނިންމާލި އިރު ވެސް ސައީދު ފެނިފައެއް ނުވެއެވެ.