ހިޔާލުފާޅުކަމުގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ބާރުގެ ބޭނުން ކުރުން އިތުރު ވުން ކުށްވެރި ކުރާ ކަމަށް އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލުން ބުނެފިއެވެ.

އެމްނެސްޓީން މިހެން ބުނީ ރޭ އިދިކޮޅުން ބޭއްވި "އިންޑިއާ އައުޓް" ހިނގާލުން ރޫޅާލުމަށް ސިފައިންގެ މީހެއް މުޒާހަރާގެ ބައިވެރިއެއްގެ ފަހަތުން ދުވެފައިދާ ވީޑިއޯއެއް ވައިރަލް ވުމުންނެވެ.

އެމްނެސްޓީން ބުނީ، ރާއްޖޭގައި ސުލްހަވެރި މުޒާހަރާ ކުރާ ފަރާތްތަކާއި ނޫސްވެރިންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ ރިޕޯޓްތަކާއި، އެކަމުގެ ތަސައްވުރުތައް ފެންނަމުންދާ ކަމަށެވެ. އަދި "އިންޑިއާ އައުޓް" ކެމްޕެއިންގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އަމަލުތައް ހިންގާކަމަށް ބުނެ، ރާއްޖޭގައި މުޒާހަރާކުރުމުގެ ހައްގު ހަނިކޮށް، ދާދިފަހުން ނެރުނު ގަރާރަކީ ކަންބޮޑުވާ ކަމެއް ކަމަށް އެމްނެސްޓީން ބުނެއެވެ.

ސުލްހަވެރި ކަމާއެކު މުޒާހަރާ ކުރުމާއި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަށް އެއްވެސް ހުރަހެއް އެޅޭ ނަމަ، އެ ހައްގަކީ، ބޭނުންތެރި، އަދި ގާނޫނުން ލިބިދޭ ހައްގަކަށް ހެދުމަށް، ދިވެހި ކަމާބެހޭ ފަރާތްތަކަށް އިލްތިމާސް ކުރާ ކަމަށް އެމްނެސްޓީން ބުނެއެވެ. މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ބާރުގެ ބޭނުން ކުރުން އިތުރު ވުން ކުށްވެރި ކުރާ ކަމަށާއި އެކަން ވަގުތުން ވަގުތަށް އަދި އަދުލުވެރިކަމާ އެކު ތަހުގީގު ކުރަން ޖެހޭ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ސަރުކާރުން ކަނޑައަޅައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގަރާރެއް ނެރުއްވުމުން ވެސް އިދިކޮޅު ކޯލިޝަނުން އެ ހަރަކާތް ހިންގާތީ، އެ ހަރަކާތް ހުއްޓުވުމަށް ފުލުހުން ދަނީ ބާރުގެ ބޭނުން ކުރުމުންނެވެ.

އެގޮތުން ރޭގެ ވަގުތެއްގައި އިންޑިއާ އައުޓް ގޮވާލައި ޕީޕީއެމް އޮފީސް ދޮރުމަތިން ފެށި ހިނގާލުން ހުއްޓުވުމަށް ޕެޕާ ސްޕްރޭ ބޭނުން ކޮށް އެ ހިނގާލުން ރޫޅާލުމަށް ސިފައިން ވަނީ ހަރަކާތްތެރި ވެފައެވެ. އެ ހަރަކާތުގެ ތެރެއިން 7 މީހަކު ފުލުހުން ހައްޔަރު ކޮށްފައިވާ އިރު 2 މީހަކަށް ވަނީ ހޮސްޕިޓަލުން ފަރުވާ ދީފައެވެ.