ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ސިލްސިލާ ގޮތެއްގައި ކުރިއަށްގެންދާ "އިންޑިއާ އައުޓް" ހަރަކާތްތަކުގެ ތެރެއިން ރޭ ކުރިއަށް ގެންދިޔަ ހަރަކާތް ރޫޅާލުމަށްޓަކައި ފުލުހުންގެ އިތުރުން ސިފައިންވެސް ބައިވެރިވިއެވެ.

ރޭ ޕީޕީއެމް އޮފީސް ދޮރު މަތިން ފެށި އެ ހިނގާލުން ރޫޅާލުމަށްޓަކައި އެސްއޯ ފުލުހުން ވަނީ ހިނގާލުމުގެ ބައިވެރިންގެ ގަޔަށް ޕެޕާސްޕްރޭ ޖަހާފައެވެ. އަދި އޭގެ ފަހުން ސިފައިންވެސް އެ ހިނގާލުން ރޫޅާލަން މަސައްކަތްކުރި ތަން ފެނިގެންދިޔައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި އިންޑިއާ އައުޓް ލިޔެފައި އޮތް ދިދައެއް ހިފައިގެން ހުރި މީހަކު ފަހަތުން ސިފައިންގެ މީހަކު ދުވާ މަންޒަރު ފެނިގެންދެއެވެ. އެކަމަށް ގިނަބަޔަކު ފާޑުކިޔަމުން އަންނައިރު ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ ރައީސް ސޯލިހާއި އެމްޑީޕީގެ ޑިމޮކްރަސީއަކީ މިއީ ކަމަށެވެ.

ރޭ ކުރިއަށް ގެންދިޔަ ހިނގާލުމުގެ ތެރެއިން 7 މީހަކު ހައްޔަރުކޮށްފައި ވާއިރު ދެ މީހަކަށް ހޮސްޕިޓަލުގައި ވަނީ ފަރުވާދީފައެވެ.