ޖުމްލަ އެއް މިލިއަން ރުފިޔާގެ އިނާމުތަކާ އެކު، ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ އިސްލާމީ މަރުކަޒުގެ ޑިޒައިން ތައްޔާރު ކުރުމަށް އިސްލާމިކް މިނިސްޓްރީން ފުރުސަތު ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ދެވަނަ ފިޔަވަހީގައި ތަފާތު ހިޔާލަކަށް އިމާރާތްކުރާ އިސްލާމީ މަރުކަޒުގެ ޑިޒައިން ތައްޔާރު ކުރުމަށް ދިވެހި ކޮންމެ އާކިޓެކްޗަރަކަށް ވެސް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެ ޑިޒައިންގައި ހިމަނަން ޖެހޭ ބައިތަކަކީ:

  • ނަމާދު ކުރެވޭނެ ތަނެއް
  • ޕާކިން އޭރިއާ އެއް
  • އޮފީސް ބައެއް
  • މަލްޓިޕާޕޮސް ހޯލެއް
  • ސެމިނާ ރޫމެއް
  • ކުތުބުހާނާ އެއް
  • ސްޓާފް ކެންޓީނެއް
  • ކްލާސްރޫމް
  • ކޮމާޝަލް އަދި ރެކްރިއޭޝަނަލް އޭރިއާ

އެ މިނިސްޓްރީން ބުނި ގޮތުގައި، މިނިސްޓްރީ އަށް ހުށަހަޅާ އެއްވެސް ކުރެހުމަކީ މިހާތަނަށް ބޭނުންކޮށްފައިވާ ޑިޒައިނަކަށް ވެގެނެއް ނުވާނެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ އިސްލާމީ މަރުކަޒުގެ ޑިޒައިން ކުރަހައި، އިސްލާމިކް މިނިސްޓްރީ އަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެއްވަނަ އަށް ހަތް ލައްކަ ރުފިޔާ، ދެވަނަ އަށް ދެ ލައްކަ ރުފިޔާ، އަދި ތިންވަނަ އަށް އަށް އެއް ލައްކަ ރުފިޔާ އިނާމުގެ ގޮތުގައި ދިނުމަށް ނިންމާފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އެ މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފޯމާއި މުބާރާތުގެ ތަފްސީލް އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެއެވެ. އަދި އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އޮގަސްޓް 25 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

އެ މުބާރާތާ ބެހޭ ކަމެއް ސާފު ކުރަން ބޭނުން ނަމަ، އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ކުރިން އެ ކަމެއް އީމެއިލް ކުރުމަށް އިސްލާމިކް މިނިސްޓްރީން އެދެއެވެ.

މާލޭގައި ހުންނަ އިސްލާމީ މަރުކަޒުގެ އިތުރުން، ރާއްޖޭގެ ބައެއް ރަށްރަށުގައި ވެސް އިސްލާމީ މަރުކަޒުތަކެއް އިމާރާތް ކޮށްފައި ހުރެއެވެ. މާލޭގައި ހުންނަ އިސްލާމީ މަރުކަޒަށް 38 އަހަރު ވާން ވަނީ ކައިރިވެފައެވެ.