މި މަހުގެ 14 ވަނަ ދުވަހު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނުގައި އަތުލައިގެން 12 ކިލޯގެ މަސްތުވާތަކެއްޗާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ ތެރެއިން އިންޑިއާ މީހާ ފިޔަވާ ދެން ތިބި މީހުން ބަންދުން ދޫކޮށްލައިފިއެވެ.
އެ މީހުން ހައްޔަރުކުރީ ކަނޑުމަގުން ދިވެހި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ޑިޕާޓްމަންޓާއި ޑްރަގް އެންފޯސްމަންޓު އަދި މެރިން ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި 12.6 ކިލޯގެ މަސްތުވާތަކެއްޗާއެކުއެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ ނ. ވެލިދޫ، މަރިޔާޒް, މުހައްމަދު އަބްދުއްލަތީފާއި އިންޑިއާގެ މީހެއް ކަމަށްވާ ސްމޭޝް ކޭއޭ ކްރިޝްނާން ކުޓީ އާއި ބަންގްލަދޭޝްގެ ކަވްސަރު އަލަމްއެވެ.
އެ ތިން މީހުން ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދަން ކޯޓުން ދިން މުއްދަތު އިއްޔެ ހަމަވުން މުހައްމަދު އަބްދުއްލަތީފާއި ކަވްސަރު އަލަމް ކޯޓަށް ހާޒިރުނުކޮށް ވަނީ ދޫކޮށްލައިފައެވެ. އެހެންނަމަވެސް އިންޑިއާގެ މީހާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން އިއްޔެ 15 ދުވަސް ވަނީ އިތުރުކޮށްފައެވެ.
މި މަހުގެ 11 ވަނަ ދުވަހު ފުލުހުން ޕީޖީ އޮފީހަށް ހުށަހެޅި މި މައްސަލައިގައި ދެ މީހެއްގެ މައްޗަށް ދައުވާ ނުކުރަން ނިންމިއިރު، ފުލުހުން ކުރިން ކޯޓުގައި ބުނެފައިވާ ގޮތުން ތުހުމަތު ކުރެވޭ ތިން މީހުން ދަތުރުކުރި ލޯންޗު ދުއްވަން އިނީ މުހައްމަދު އަބްދުއްލަތީފެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުންނާއި މޮބައިލް އެކްސްޓްރެކްޝަން ރިޕޯޓުގައި ހުރި މެސެޖުތަކަށް ބަލާއިރު އޭނާ މަސްތުވާތަކެތި ބަލާދާކަން އެނގޭ ކަމަށް ބެލެވޭ ފަދަ މެސެޖުތަކެއް ވެސް ވަނީ ފެނިފައެވެ.
މީގެ އިތުރުން މުހައްމަދު އަބްދުއްލަތީފު ވެސް ފިލަން މަސައްކަތް ކުރި ކަމަށާއި އޭނާގެ ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މުހައްމަދު އަބްދުއްލަތީފަކީ ވެސް ވައްކަމާއި މާރާމާރީއާއި މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެއް ކަަމަށާއި މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް އޭނާއަކީ ހަމައެކަނި ލޯންޗު ދުއްވާ މީހާ ކަމަށާއި އެ އުޅަނދުގައި ގެންދަނީ ކޮން އެއްޗެއްކަން ނޭނގޭ ކަމަށް ކޯޓުގައި އޭނާ ވަނީ ބުނެފައެވެ.
ފުލުހުން ވަނީ އިންޑިއާ މީހާ ހުއްޓުވަން އުޅުމުން ކޮނޑުގައި އޮތް ދަބަސް އެއްލާލުމަށްފަހު ފިލަން މަސައްކަތް ކުރި ކަމަށާއި އެ ދަބަހުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހުރި ކަމަށް ބުނެފައެވެ. އިންޑިއާ މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ މީހެއް ކަމަށާއި އޭނާއަކީ މީގެކުރިން ވެސް މަސްތުވާތަކެއްޗާއި ބަނގުރާގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރާއާއެކު ހައްޔަރުކޮށްފައިވަނިކޮށް ކޯޓުން ދޫކޮށްލާފައިވާ މީހެކެވެ. އަދި އެ މީހާއަކީ މަސްތުވާތަކެއްޗާއި މާރާމާރީގެ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށްވެސް ފުލުހުން ބުނެއެވެ.