ޕެންޝަނާ ބެހޭ މައްސަލައަށް ވާހަކަދައްކަން ބޭނުންނުވާ މަޖިލީހަކުން ރައްޔިތުންގެ ހައްގޭ ކިޔާ ވާހަކަ ނުދެއްކުން ރަނގަޅުވާނެ ކަމަށް ވިދާޅުވެ ކުރީގެ ޖްންޑާ މިނިސްޓަރު އަދި ގައުމީ އިނާމާ ބެހޭ ކޮމިޓީގެ ޗެއާޕާސްން އަނީސާ އަހްމަދު މަޖިލީހަށް ފާޑުވިދާޅުވެއްޖެއެވެ.

އަނީސާ މިފަދައިން ވިދާޅުވީ ޕެންޝަން ގާނޫނުގައި ކަށަވަރުކޮށްދީފައި ވާ ހައްގުތައް ޕެންޝަން ފަންޑުގެ ބައިވެރިންނަށް އެދެވޭ ގޮތެއްގައި ލިބެމުން ނުދާ ކަމަށް ވިދާޅުވެ ތިމަރަފުށީ ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ އެއް ނައިބު ރައީސް އަބްދުﷲ ރިޔާޒު ހުށައެޅުއްވި މައްސަލަ ބޭރުކޮށްލުމާ ގުޅިގެންނެވެ.

އިއްޔެގެ މަޖިލީހުގެ ޖަލްސާގައި ރިޔާޒު ހުށައެޅުއްވި މައްސަލައިގައި ވަނީ ޕެންޝަން ގާނޫނަށް ރައްޔިތުންގެ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހަށް ފަހު ޕެންޝަން ފަންޑުން އަސާސީ ޕެންޝަނުގެ ގޮތުގައި ކޮންމެ މަހަކު 5،000 ރުފިޔާ ލިބެން ޖެހޭ މީހުންނަށް އެގޮތަށް އެ ފައިސާ ނުލިބޭ ކަމަށް ވިދާޅުވެފައެވެ.

ރިޓަޔާމަންޓް ޕެންޝަނާއި އުމުރުން ދުވަސްވީ މީހުންނަށް ދޭ 5،000 ރުފިޔާގެ އިނާޔަތަކީ މުޅިން ދެ އެއްޗެއް ކަމަށާއި އެހެން ކަމުން އެ ދެ ސްކީމުގެ ދަށުން ފައިސާ ލިބެންޖެހޭ ގޮތަށް ފައިސާ ނުލިބުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމުގައި ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ހުށަހެޅުއްވި ޕެންޝަނާ ގުޅޭ މައްސަލަ މަޖިލީހަށް ބަލައިގަތުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ހުޅުވާލުމުން އެ މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސްކުރަން ވޯޓު ދެއްވީ ފަސް މެންބަރުންނެވެ. މައްސަލަ ބޭރުކޮށްލީ 19 މެންބަރުންގެ ވޯޓާ އެކުއެވެ.

މިކަމަށް ފާޑުވިދާޅުވެ އަނީސާ ވަނީ ދައުލަތުގެ ވަޒީފާގަ މުޅި އުމުރު ހޭދަކޮށް ރިޓަޔާ ކުރި މީހުންނާއި އެނޫން މީހުންނާ އެއްވަރަށް އަސާސީ ޕެންޝަން ދިނުމަކީ އިންސާފުވެރި ގޮތަކަށް ނުވާ ކަމަށާއި އެ ގާނޫނު އިސްލާހުކުރުމަށް ހުށަހެޅުމުން އެ ވާހަކަ ދައްކަން ވެސް ބޭނުން ނުވި މަޖިލީހަކުން ރައްޔިތުންގެ ހައްގޭ ނުކިޔުން ރަނގަޅު ވާނެ ކަމަށް ވިދާޅުވެފައެވެ.

އެ މައްސަލަ ބޭރުކޮށްލުމުން ރިޔާޒު ވަނީ އެމްޑީޕީއަށްވެސް ފާޑުވިދާޅުވެފަައެވެ. ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ ބައެއް މީހުންގެ ހައްގުތަައް ޕެންސަން ގާނޫނުން ގެއްލިފައިވާ މައްސަލަ ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް ހުށަހެޅި މައްސަލައަށް އެމްޑީޕީއިން ތާއިދު ނުކުރުމަކީ އެ މީހުން ގައުމަށް ދިގު މުއްދަތަށް ކޮށްދިން ހިދުމަތުގެ އަގުވަޒަން ނުކުރުން ކަމަށް ރިޔާޒު ވިދާޅުވިއެވެ.