ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް އަދި ފަނޑިޔާރު އަބްދުﷲ ހަމީދު ފަނޑިޔާރުކަމުން ވަކި ކުރަން ނިންމީ ގާނޫނީ އިޖުރާއަތުގައިވާ ކަންކަން ފުރިހަމަ ކުރުމަށް ފަހުގައި ކަމަށާއި އެ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.
ޖޭއެސްސީން މިހެން ބުނީ ހައި ކޯޓުގެ ދެ ފަނޑިޔާރުން ގާނޫނުއަސާސީއާ ހިލާފަށް ފްލެޓް ހޯދި މައްސަލަ އެ ކޮމިޝަނުން ކުރިއަށް ގެންގޮސްފައި ވަނީ އިޖުރާއަތާ ހިލާފަށް ކަމަށާއި އެ މައްސަލައިގެ ސީޣާއާ ނުގުޅޭ ކަންތައްތަކަކަށް ރިއާޔަތްކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމަވާފައި ވާތީއެވެ.
ޖޭއެސްސީން ބުނީ، އެ ދެ ފަނޑިޔާރުންނާ މެދު އެ ކޮމިޝަނުން ބަލަން ނިންމި ސުލޫކީ މައްސަލައިގެ އިބާރާތުގައި އޮންނަނީ މައްސަލަ ރައްދުވާ ފަނޑިޔާރުން ގާނޫނުއަސާސީއާ ގާނޫނާ ހިލާފަށް އިނާޔަތެއް ލިބިގަނެ ބަލައިގެންފައިވާ ކަމަށެވެ. އެ މައްސަލައިގެ މައިގަނޑު ނިންމުން ނިންމާފައި ވަނީ އެ ދެ ފަނދީޔާރުން ގާނޫނުއަސާސީއާ ހިލާފަށް 20،000 ރުފިޔާގެ ޑައުން ޕޭމަންޓަކަށް ކުރީގެ ހައުސިން މިނިސްޓްރީ މެދުވެރިވެ މާލެއިން ފްލެޓް ހޯދާފައިވާތީ، އެކަން އެ ގޮތުގެ މަތިން ހިނގާފައިވާކަން ސާބިތުވާތީ ކަމަށާއި މައްސަލައިގެ ސީޣާއިން ނުވަތަ މައުލޫއިން ބޭރުން އެއްވެސް ކަމެއް ތަހުގީގުކުރެވި ގޮތް ނިންމާފައި ނުވާ ކަމަށް ޖޭއެސްސީން ބުނެއެވެ.
އެ ކޮމިޓީން ފާހަގަ ކުރި ދެވަނަ މައްސަަލައަކީ އެ މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށް ނުވަތަ ފައިނަލް ރިޕޯޓަށް ޖަވާބުދާރީވުމުގެ ފުރުސަތު ދީފައި ނުވާ ކަމެވެ. އެ ކަމަށް ރައްދު ދެއްވަމުން ޖޭއެސްސީން ބުނީ، އެ މައްސަލަ ނިންމަން ފެންނަ ގޮތް ކަނޑައަޅައި ތައްޔާރު ކުރާ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަކީ ސީދާ ކޮމިޝަނަށް ހުށަހަޅައި ކޮމިޝަނުން ގޮތެއް ނިންމަން ޖެހޭ ރިޕޯޓެއް ކަމަށެވެ. ގާނޫނުގައި ބަޔާންކުރަނީ މައްސަލައާމެދު ގޮތެއް ނިންމުމުގެ ކުރިން ނުވަތަ މައްސަލަ ނިމުނުގޮތުގެ ރިޕޯޓް ތައްޔާރުކުރުމުގެ ކުރިން ތަހުގީގު ރިޕޯޓެއް ތައްޔާރުކޮށް ލިޔުމުން އަދި އަނގަބަހުން މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތް ޖަވާބުދާރީ ވުމަށް ފުރުސަތު ދޭން ޖެހޭނެ ކަމަށެވެ.
އެހެންކަމުން އެ ކޮމިޝަނުން ތަހުގީގުކުރި ސުލޫކީ މައްސަލައިގައި، މައްސަލައިގެ ތަހުގީގު ރިޕޯޓް ފަނޑިޔާރުންނާ ހިއްސާކޮށް އެރިޕޯޓަށް ލިޔުމުން ޖަވާބުދަރީވުމަށް ފުރުސަތު ދިިން ކަމަށް ޖޭއެސްސީން ބުނެއެވެ. އެ ފުރުސަތުގެ ބޭނުން ފަނޑިޔާރުން ހިފައި ޖަވާބުދާރީވެފައި ވާ ކަމަށް ވެސް ޖޭއެސްސީން ބުނެއެވެ. އަދި މައްސަލައާ މެދެ ގޮތެއް ނިންމުމުގެ ކުރިން ބާއްވަން ޖެހޭ ފަހުގެ އަޑުއެހުމަށް ހާޒިރުވެ ޖަވާބުދާރީވުމުގެ ފުރުސަތު ވެސް އެ ދެ ފަނޑިޔާރުންނަށް ދީފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.
ޖޭއެސްސީގެ ގާނޫނަށް އެންމެފަހުން ގެނައި އިސްލާހުގައި މައްސަލަ ނިމުނުގޮތުގެ ރިޕޯޓު ނުވަތަ ފައިނަލް ރިޕޯޓަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށް ބަޔާންކޮށްފައި ނުވާތީ އެގޮތަށް ތަހުގީގުކޮށް ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަތަކަކީ އިޖުރާއަތާ އެއްގޮތަށް ހިންގާފައިވާ ތަހުގީގުތަކެއް ކަމަށް ޖުޑިޝަރީ ކޮމިޓީން ނިންމާފައިވާ ކަމަށާއި އަދި ރައްޔިތުންގެ މަޖިލީހުން ވެސް އެ ގޮތަށް އެ މައްސަލަތައް ފާސްކޮށްފައިވާ ކަަމަށް ޖޭއެސްސީން ފާހަގަ ކުރެއެވެ.
ޖުޑިޝަރީ ކޮމިޓީން ފާހަގަކުރާ އަނެއް ކަމަކީ މައްސަލަ ތަހުގީގުކުރަން ދެ ކޮމިޓީއެއް ހަދައި ކޮމިޓީގެ ނިންމުން ބަދަލުވެފައިވާ ވާހަކަ ކަމަށާއި އެގޮތަށް ކޮމިޓީއަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށް ޖޭއެސްސީން ބުނެއެވެ. ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް އަދި ފަނޑިޔާރު އަބްދުﷲ ހަމީދުގެ ސުލޫކީ މައްސަލަ ތަހުގީގު ކުރުމަށް ދެ ކޮމިޓީއެއް ހަދާފައި ނުވާނެ ކަމަށާއި ނަމަވެސް މައްސަލަ ތަހުގީގުކުރި ކޮމިޓީގައި ހިމެނޭ މެންބަރަކު ކޮމިޓީން ވަކިވުމުން އެ މެންބަރުގެ ބަދަލުގައި ކޮމިޓީއަށް އެހެން މެންބަރަކު އައްޔަނު ކުރި ކަމަށް ޖޭއެސްސީން ބުނެއެވެ.
އެހެންކަމުން ހައިކޯޓުގެ ދެ ފނަޑީޔާރުން ވަކި ކުރަން ނިންމި މައްސަލައިގައި އެގޮތަށް ނިންމީ ގާނޫނީ އިޖުރާއަތުގައިވާ ކަންކަން ފުރިހަމަ ކުރުމަށް ފަހުގައި ކަމަށާއި އެ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ޖޭއެސްސީން ބުނެއެވެ.