ކުރާނެ ކަމެއް ނެތި، މަޖިލީހުގެ ޖަލްސާތައް ކުރުކޮށްލަން ޖެހި، މަސައްކަތްތައް ކުރިއަށް ނުދަނީ ސަރުކާރުން މަޖިލިހަށް އަތްގަދަކޮށްފައި އޮތުމުން ކަމަށް، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޕީޖީ ގްރޫޕުން ބުނެފިއެވެ.
މި އަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް ފަށައިގެން ތިން ދުވަސް ވެފައިވާއިރު، ވަޒީރުންނާ ސުވާލު ކުރުމަށް ފަހު، އެއްވެސް މަސައްކަތެއް ނެތް ކަމަށް ބުނެ، ޖަލްސާތައް ވަނީ ކުރުކޮށްލާފައެވެ. އެކަމާ ކަންބޮޑުވުން ފާޅުކޮށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު މެންބަރުން ވަނީ ސަރުކާރުން މަޖިލީހުގެ މަސައްކަތްތަކަށް ހުރަސަ އަޅާ ކަމަށް ތުހުމަތު ކޮށްފައެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ، ސަރުކާރުން ކޮންމެ ގޮތަކަށް ކަން ކުރި ކަމުގައި ވިޔަސް އިދިކޮޅުގެ އަޑު އާންމުންނަށް އިއްވަމުން ގެންދާނެ ކަމަށާއި، އާންމުންގެ އަޑުތައް އިއްވުން ސަރުކާރުން ރާވާ ރޭވުންތަކަށް އިދިކޮޅުން ފުރުސަތު ނުދޭނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި:
- ރައްޔިތުން ކަންބޮޑުވާ ބައިވަރު މައްސަލަ އެބަހުރި
- ރައްޔިތުންގެ ކަންބޮޑުވުން ހުރި އެތައް މައްސަލައެއް މަޖިލިހަށް ހުށަހަޅާފައި ވާނެ
އާދަމް ޝަރީފް ވަނީ މަޖިލިހަށް ސަރުކާރުން އަތްގަދަކޮށްފައި ވަނީ ގަސްތުގައި ރާވައިގެން ކަމަށް ތުހުމަތު ކުރައްވާފައެވެ.
އެއީ ރައްޔިތުންގެ އަޑު ކަނޑުވާލުމަށް ސަރުކާރުން ކޮށްފައިވާ ޒިންމާދާރު ކަން ކުޑަ، އަދި ހަޑި އަމަލެއްގެ ގޮތުގައި އޭނާ ވަނީ ސިފަ ކުރައްވައިފައެވެ.
"ސަރުކާރު ޖަވާބުދާރީ ކުރުވާ ތަނަކަށް މަޖިލިސް ހެދުމަށް ނަޝީދު މަސައްކަތް ކުރެއްވި."
އާދަމް ޝަރީފް ވިދާޅުވީ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ރިޔާސަތުގައި، މަޖިލީހަކީ އާންމުންނަށް ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ގާނޫނުއަސާސީން ލާޒިމްކޮށްފައިވާ ކަންކަން ފުރިހަމަ ކުރުމަށް މަގުފަހި ކޮށްދޭ ތަނެއްގެ ގޮތުގައި އެ ތަން ހެދުމަށް އެމަނިކުފާނު މަސައްކަތް ކުރެއްވި ކަމަށެވެ.
ނަމަވެސް އޭރުވެސް ސަރުކާރުގެ އަމާޒަކަށްވީ ބާރުތައް އެއްކޮށްގެން ވެރިކަން ކުރާ ތަނަކަށް މަޖިލިސް ހެދުން ކަމަށް ވާތީވެ، ތަފާތު ގޮންޖެހުންތަށް ދިމާވި ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވެ، މަޖިލީހުން އެންމެ ފުރިހަމައަށް މިއަދު ނަތީޖާ ނުނެރެވޭ ކަމަށްވެސް ވިދާޅުވިއެވެ.
"ކޮމިޓީތައްވެސް މި ކުރިއަށްދަނީ ސަރުކާރުން ބޭނުންވާ ގޮތެއްގަ، ސަރުކާރުން ބޭނުންވާ އަމާޒަކަށް ކުރިއަށް ދިއުމަށް ކަމަށް. ކޮމިޓީތަކުގައިވެސް އަސްލު ރައްޔިތުން ބޭނުންވާ ކަހަލަ މަންޒިލަކަށް ރައްޔިތުން ބޭނުންވާ ކަހަލަ ލަނޑުދަނޑިއެއް ހާސިލްކުރެވޭ ގޮތަކަށް ކަންކަން ކުރެވެމުންދާ ތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ."