ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ފޭރުމާއި، ފޮށުމާއި، ޖިންސީ ގޯނާ ކުރުމާއި ކިޑްނެޕް ކުރުމާއި އަދި މި ނޫންވެސް އެތައް ކުށްތަކެއް އިތުރުވަމުން އަންނަ މި މުޖުތަމައުގައި ގެއިން ބޭރަށް ނިކުންނަ މީހުން ސަމާލުވާން ޖެހޭ ހިސާބަށް ވަނީ އައިސްފައެވެ. ހާއްސަކޮށް އެކަނިމާ އެކަނި ތަނަކަށް ދާ އަންހެނެއް ނުވަތަ ކުޑަކުއްޖެއް ވިއްޔާ މަދުން ނަމަވެސް އެފަދަ އުނދަގޫތައް ތަހައްމަލު ކުރަން ޖެހޭ ފަހަރު އާދެއެވެ. މީގެ އިތުރުން ރައްކާތެރި މާހައުލެއް ކަމަށް ދެކޭ ގޭތެރެއިން ވެސް ގެވެށި އަނިޔާ ފަދަ އަނިޔާތައް ލިބޭ އަންހެނުންނާއި ކުޑަކުދިން މަދެއް ނޫނެވެ.

މިފަދަ މައްސަލަތައް މުޖުތަމައު ތެރޭގައި ގިނަވަމުން އަންނާތީ އެކަމުން ސަލާމަތް ވުމަށް ބައެއް ކަހަލަ ކަންކަން ދަސްކުރުމަކީ ތިމާގެ ފުރާނަ ސަލާމަތް ކުރުމަށް ކުރެވޭނެ ބޮޑު ކަމެއް ކަން ޔަގީނެވެ. އެ ގޮތުން ހއ. ކެލާގެ އަންހެނުންނާއި ކުޑަކުދިންނަށް ސެލްފް ޑިފެންސްގެ އުކުޅުތައް ދަސްކޮށްދޭ ޕްރޮގްރާމެއް އެ ރަށު އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީން ހިންގަމުން އަންނަ ކަން ފާހަގަ ކޮށްލަން ޖެހެއެވެ.

ގެވެށި އަނިޔާ ރަމްޒުކޮށްދޭ ޕޯސްޓަރެއް / ފޮޓޯ: ޑަބްލިއުވީ

ކެލާ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސް ހައްވާ ފަޒުނާ ވިދާޅުވީ، ސެލްފް ޑިފެންސް އުކުޅުތައް ދަސްކޮށްދޭ ޕްރޮގްރާމެއް އެ ރަށުގައި ހިންގަން ނިންމީ އެރަށުގެ ކުޑަކުދިންނާއި އަންހެނުން، ބޭރުތެރޭގައި އުޅޭ އުޅުމުގައި ކުރިމަތިވެދާނެ ނުރައްކަލަކުން ރައްކާތެރިވުމަށް އަމިއްލައަށް ކުރެވޭނެ ކަންކަން ދަސްކޮށް ދިނުމުގެ މުހިންމު މަގްސަދުގައި ކަމަށެވެ. މި ޕްރޮގްރާމްގައި މިހާރު ވެސް އެ ރަށުގެ އަންހެނުންނާއި ކުދިން ބައިވެރިވެފައިވާ ކަމީ އެ ޕްރޮގްރާމަށް އެ ރަށުގައި އޮތް ތަރުހީބު ދައްކުވައިދޭ ކަމެއް ކަން ކަށަވަރެވެ.

މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމް މާދަމާ ނިމެނޭނެއެވެ. މި ޕްރޮގްރާމް ފުރިހަމަ ކަމާ އެކީ ކުރިއަށް ގެންދެވެނީ ކެލާ ކައުންސިލާއި، އެ ރަށު ސްކޫލް އާއި އަދި ސިއްހީ މަރުކަޒުގެ ފަރާތުން ދޭ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމާ އެކުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ކެލާގައި ހިންގާ ސެލްފް ޑިފެންސްގެ އުކުޅުތައް ދަސްކޮށްދޭ ޕްރޮގްރާމްގައި އެ އުކުޅުތައް ދަސްކޮށްދޭ އިންސްޓްރަކްޓަރަކީ އެ ރަށުގެ ރައްޔިތެއް ކަމަށް ވާ "ކްރަވޮލޫޝަންގެ" އިންސްޓްރަކްޓަރު އަހްމަދު ޝާމެވެ. ޝާމް ބުނީ، މިހާރަކަށް އައިސް ބޭރު ތެރެއިން އެކި ކަހަލަ ނުރައްކާތަކާ ކުދި ބޮޑު އެންމެންނަށް ވެސް ކުރިމަތި ލާން ޖެހޭ ކަމަށެވެ. އެފަދަ ނުރައްކާތަކުން ސަލާމަތް ވުމަށް މި ޕްރޮގްރާމްގައި ދަސްކޮށްދޭ އުކުޅުތަކަކީ ކޮންމެ މީހަކަށް ވެސް އެނގެން މުހިއްމު އުކުޅު ތަކެކެވެ.

އެގޮތުން އޭނާ މީގެ ކުރިން ކްލާސް ނަގައިދިން ދަރިވަރަކަށް ދިމާވި ހާދިސާއެއް ހިއްސާ ކުރަމުން ބުނީ، ހުަވަދު އަތޮޅުގެ ރަށެއްގައި މިފަދަ ކްލާހެއް ނަގައިދިން ރެއެއްގައި ކްލާސް ނިންމާފައި ގެއަށް ދިޔަ އަންހެނަކަށް ނުރައްކަލަކާ ކުރިމަތިލާން ޖެހުނު ކަމަށާއި އެ ދުވަހު އެ އަންހެން މީހާއާ ދިމާވި ކަންތަކުން ސަލާމަތް ވެވުނީ އެރޭ ކްލާހުގައި ދަސްކޮށްދިން "ކްރަވް މަގާ" ގެ މޮޅު އުކުޅުތައް ބޭނުންކޮށްގެން ކަމަށެވެ. ކްރަވް މަގާއަކީ ކަރާޓީ އުކުޅުތަކަކަށް ކިޔާ ނަމެކެވެ. އަދި ސަލާމަތް ވުމަށް ފަހު އެ އަންހެން މީހާ ވަނީ އެ މައްސަލަ ފުލުހަށް ވެސް ރިޕޯޓްކޮށްފައި ކަމަށް އޭނާ ބުނެއެވެ.

އަންހެނުންނަށް ކުރާ އަނިޔާ ރަމްޒުކޮށްދޭ ޕޯސްޓަރެއް

ކޮންމެ މީހަކަށް ވެސް އެފަދަ ނުރައްކަލެއް ކޮންމެ ތަނެއްގައި ހުއްޓާވެސް ދިމާވެދާނެ ކަމީ ގަބޫލު ކުރަން ޖެހޭ ކަމެކެވެ. ހާއްސަކޮށް އެފަދަ ހާލަތެއް ދިމާވެއްޖެ ނަމަ އަންހެނުންނާއި ކުޑަކުދިންނަކީ ގިނަފަހަރު ހަދާނެ ގޮތެއް ނޭނގި ތިބެވޭ ބައެކެވެ. އެހެންކަމުން ދިމާވެދާނެ ނުރައްކަލަކުން އަމިއްލަ އަށް ސަލާމަތްވާން ކުރެވޭނެ ކަންކަން ނުވަތަ މިފަދަ ސެލްފް ޑިފެންސް އުކުޅުތައް ދަސްވެފައި ހުރުމަކީ މުހިއްމު ކަމެކެވެ. ހާއްސަކޮށް ކުށްތައް ގިނަވަމުން އަންނަ މި މުޖުތަމައު ތެރޭގައި މިފަދަ އުކުޅުތައް ދަސްކޮށްގެން ތިބުމަކީ ފަހަށް އަންނަ ޖީލުތައް ރައްކާތެރި ކުރަންވެސް މުހިންމު ކަމެކެވެ.

ކެލާ އަންހެނުން ފަދައިން މި މުޖުތަމައުގައި އުޅޭ ހުރިހާ އަންހެނުން ވެސް މި ފަދަ އުކުޅުތައް ދަސް ކުރުމަކީ މުހިއްމު ކަމެއް ނޫން ހެއްޔެވެ. "ރައްކާވެ ތިބިއްޔާ ދަތުރޭ" ބުނާ ފަދައިން ކަމެއް ވެދާނެތީ ބިރުން ގެއިން ނުނިކުމެ "ހޮރުހޮރަށް" ވަދެ ފިލާ ތިބުމަށް ވުރެ މިފަދަ އުކުޅެއް ދަސްކޮށްގެން އަމިއްލަ މީހާގެ ރައްކާތެރިކަން ހޯދަން މަސައްކަތް ކުރުމަކީ ބުއްދިވެރި ކަމެއް ކަން ޔަގީނެވެ.