ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާ ފޮރުވަން ސަރުކާރަށް ވާގިވެރިވާ އެއް ބޭފުޅަކީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ކަމަށް ވިދާޅުވެ، ނަޝީދު ހުސައިނަށް ތުހުމަތު ކުރައްވައި ކުރެއްވި މެސެޖުތައް އެ މައްސަލައިގެ ތަހުގީގަށް ދޭން ފެންނަ ކަމަށް ކޮމިޓީން ފާސްކޮށްފިއެވެ.
ނަޝީދުގެ ތުހުމަތުތަކާ ގުޅިގެން އެ މައްސަލަ ބަލައިދިނުމަށް އެދި ހުސައިން ވަނީ މަޖިލީހަށް ސިޓީއެއް ފޮނުއްވައިފައެވެ. އެ ސިޓީގައި އޭނާ ވިދާޅުވީ، އެ ހަމަލާތަކުގެ ފަހަތުގައި އޭނާގެ ބައިވެރިވުމެއް އޮތް ކަމަށް ތުހުމަތު ކުރައްވައި، މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ނަޝީދު ފޮނުއްވި މެސެޖުތަކަކީ އޭނާގެ އިމްތިޔާޒުތަކާއި ހައްގުތަކަށް އުނިކަން އަންނާނެ ވާހަކަތަކެއް ކަމަށެވެ. އަދި އެ މެސެޖުތަކުގެ ކޮޕީއެއް ތަހުގީގީ އިދާރާއަށް ހުށަހެޅުމަށްޓަކައި އޭނާ އަށް ދިނުމަށް ވެސް އެ ސިޓީގައި އެދިވަޑައިގެންފައި ވެއެވެ.
އެހެންވެ، ނަޝީދު ވަނީ މިކަމުގައި އާންމު ކޮމިޓީގެ ލަފައަކަށް މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެދިވަޑައިގެންފައެވެ. މިއަދު އެ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ހުސައިނަށް އެ މެސެޖުތައް ދިނުމަށް ފާސްކޮށްފައި ވާއިރު، އެގޮތަށް ފާސްކުރަން ހުށަހަޅުއްވާފައި ވަނީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ.
އެ ހުށަހެޅުން ހުށަހަޅުއްވައި ޝާހިދު ވިދާޅުވި ގޮތުގައި، ތަހުގީގީ އިދާރާއަށް މައްސަލަ ހުށަހެޅުމަށް މެންބަރަށް ލިޔުންތައް ދިނުމަކީ ތަހުގީގީ އިދާރާއަކަށް އެ ލިޔުންތައް ދިނުން ކަމަށް ވިޔަސް، އެ މެންބަރަކާ ގުޅޭ ގޮތުން ކުރެވޭ ތުހުމަތުތައް ބަލަން އެދެވެން ވާނެއެވެ. ޝާހިދުގެ ހުށަހެޅުމަށް ތާއީދު ކުރައްވާފައި ވަނީ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދެވެ.
އެހެންކަމުން، ކޮމިޓީގެ މުގައްރިރު އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވަނީ ވޯޓަށް އައްސަވައިފައެވެ. ހުސައިނަށް މެސެޖުތަކުގެ ކޮޕީއެއް ދިނުމަށް ފާސްވީ ހާޒިރުވެވަޑައިގަތް ހުރިހާ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
އާންމު ކޮމިޓީން ހުސައިނަށް މެސެޖުތަކުގެ ކޮޕީއެއް ދިނުމަށް މިއަދު ފާސްކޮށްފައިވާއިރު، މަޖިލީހުގެ އިމްތިޔާޒާއި ސުލޫކީ ކޮމިޓީން ވަނީ ނަޝީދު ކުރެއްވި ތުހުމަތުތައް ބަލަން އިއްޔެ ނިންމައިފައެވެ.
ނަޝީދަށް އަމާޒުކޮށް ދިން ހަމަލައަށް އަހަރެއް ވެފައި ވާއިރު، މި މަހުގެ އަށް ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބެވި ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖުތަކެއްގައި ހުސައިނަށް ތުހުމަތު ކުރައްވައި ނަޝީދު ވިދާޅުވެފައި ވަނީ، އެމަނިކުފާނު އަވަހާރަކޮށްލަން ދިން ހަމަލައަކީ ހަމައެކަނި ހުސައިންގެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް އެކަން ފޮރުވަން ކުރާ މަސައްކަތުގައި ހުސައިން ބައިވެރިވެވަޑައިގެންފައިވާ ކަމަށް ނަޝީދު ތުހުމަތު ކުރެއްވިއެވެ.
އެ މެސެޖުތަކަށް ރައްދު ދެއްވައި ހުސައިން ވިދާޅުވީ، ނަޝީދަށް ދިން ހަމަލާގެ ތަހުގީގަކީ އޭނާ ކުރައްވާ ތަހުގީގެއް ނޫން ކަމަށާއި، ތަހުގީގު ކުރިއަށް ނުދަންޏާ އެކަން ބަލަން ޖެހޭނީ ޖޭއެސްސީ ނުވަތަ މަޖިލީހުން ކަމަށެވެ. އަދި އޭނާ އަކީ އެފަދަ ތަހުގީގެއް ހިންގޭނެ ބޭފުޅެއް ނޫން ކަން ވެސް ނަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށް ހުސައިން އޭރު ވިދާޅުވެފައިވެއެވެ.