އިންޑިއާގެ މުސްލިމުންގެ ދިފާއުގައި ޕީޕީއެމްއިން ނުކުންނާނެ ފުޅާމިނެއް އަދި ނުނިމާ ކަމަށް އިދިކޮޅު ކޯލިޝަންގެ ޖޮއިންޓް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ރައީސް އަބްދުއްރަހްމާން އަބްދުﷲ (އަދުރޭ) ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާގެ ހަރުކަށި ހިންދޫން އެ ގައުމުގެ މުސްލިމް އަހުންނާއި އުހުތުންނަށް ދެމުން ގެންދާ އަނިޔާތަކާހެދި އެ ގައުމުގެ މުސްލިމުންގެ ހައްގުގައި އަޑު އުފުލުމުގެ ހަރަކާތަކަށް އިދިކޮޅުން ނުކުންނަން ތައްޔާރުވަމުން އަންނަ ކަމަށެވެ.
އެކަމާ ގުޅޭ އިތުރު ތަފްސީލު "ދަ ޕްރެސް" އަށް ދެއްވަމުން ހީނާ ވިދާޅުވީ، އިންޑިއާގެ މުސްލިމުންގެ ދިފާއުގައި ނިކުތުމުގެ ވިސްނުމަކީ ޕާޓީގެ ވިސްނުމެއް ކަމަށެވެ. އަދި އެކަން ކުރިއަށް ދާނެ ގޮތާއި ކުރިއަށް ގެންދާނެ ތަނާ މެދު ސްޓޭކްހޯލްޑަރުން މިހާރު މަޝްވަރާކުރަމުން ދާ ކަމަށެވެ. އަދި މި ހަރަކާތް ކުރިއަށް ގެންދާނެ ތާރީހެއް ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް ވެސް ހީނާ ވަނީ ވިދާޅުވެފައެވެ.
ހީނާ ވިދާޅުވީ، މި ހަރަކާތަކީ އިންޑިއާގެ މުސްލިމުންނާ ދެކޮޅަށް އިންޑިއާ ސަރުކާރުން ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް، އެކަމާ ދެކޮޅަށް އަޑުއުފުލުމަށް ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.
އިންޑިއާ މުސްލިމުންގެ ހައްގުގައި އަޑު އުފުލަން ޕީޕީއެމްއިން ނުކުންނަން ތައްޔާރުވާ އިރު، ރާއްޖޭގެ އެކި ރަށްރަށުގައި ގާއިމްވެ ތިބި އިންޑިއާ ސިފައިން ބޭއްވުމަށް ގޮވާލައި އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ދަށުން، "އިންޑިއާ އައުޓް" އެކި ސިފަ ސިފައިގައި ޖަހާފައިވާ ބެނާތައް އެކި ގޭގޭގައި މި ފަހުން ދަމާފައި ވެއެވެ. ނަމަވެސް ފުލުހުން ވަނީ އެ ގެތަކަށް ވަދެ ބެނާތައް ނަގައިފައެވެ. އެއާއެކު އެކި އެކި ގޭގޭގެ ފާރުތަކުގައާއި ބައެއް މަގުތަކުގެ ތާރު މައްޗަށް އިންޑިއާ އައުޓް ގްރެފިޓީ ސްޕްރޭ ކޮސްފައިވެސް ވެއެވެ.
އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ނިންމަވައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އެ ހަރަކާތް ހުއްޓުވުމަށް ތަންފީޒީ އިދާރާތަކަށް އަންގަވައި ގަރާރެއް ނެރުއްވާފައެވެ.
ނަމަވެސް، އިންޑިއާ އައުޓް ހަރަކާތް ހުއްޓުމެއް ނެތި އަދިވެސް ކުރިއަށް ދާނެ ކަމަށް އިދިކޮޅުން ބުނެއެވެ.