މީގެ އަހަރެއް ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާ ފޮރުވަން ސަރުކާރަށް ވާގިވެރިވާ އެއް ބޭފުޅަކީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ކަމަށް ވިދާޅުވެ، ނަޝީދު ކުރެއްވި ތުހުމަތުތައް މަޖިލީހުގެ އިމްތިޔާޒާއި ސުލޫކީ ކޮމިޓީން ބަލަން މިއަދު އެޖެންޑާ ކޮށްފިއެވެ.

ނަޝީދަށް އަމާޒުކޮށް ދިން ހަމަލައަށް އަހަރެއް ވެފައި ވާއިރު، މި މަހުގެ އަށް ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބެވި ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖުތަކެއްގައި ހުސައިނަށް ތުހުމަތު ކުރައްވައި ނަޝީދު ވިދާޅުވެފައި ވަނީ، އެމަނިކުފާނު އަވަހާރަކޮށްލަން ދިން ހަމަލައަކީ ހަމައެކަނި ހުސައިންގެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް އެކަން ފޮރުވަން ކުރާ މަސައްކަތުގައި ހުސައިން ބައިވެރިވެވަޑައިގެންފައިވާ ކަމަށް ނަޝީދު ތުހުމަތު ކުރެއްވިއެވެ.

"މާތް ރަސްކަލާނގެ ގަންދީ ހުވާކޮށް އަޅުގަނޑު މި ދަންނަވަނީ، އަޅުގަނޑަށް އިނގިފައިވާ މިންވަރުން އަޅުގަނޑު މަރާލަން ރޭވި ރޭވުން ފޮރުވަން ސަރުކާރަށް ވާގި ދެއްވާ އެއް ބޭފުޅަކީ ތި ބޭފުޅާ އާއި އާރުކާޓީ."
ނަޝީދު

އެ މައްސަލަ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކީ ކޮމިޓީން ބަލަން މިއަދު 10:00 ޖަހާއިރަށް ވަނީ އެޖެންޑާ ކޮށްފައެވެ.

އެނގިފައިވާ ގޮތުގައި މަޖިލީހުގެ އިތުރު ކޮމިޓީއަކުން ވެސް އެ މައްސަލަ ދަނީ ބަލަމުންނެވެ.

ޝަހީމް ވިދާޅުވީ، އޭނާގެ ލޯޔަރުން ނިންމާ ތާރީހެއްގައި އެބޭފުޅުން އެ މައްސަލައާ ގުޅޭ ކަންކަން ހާމަ ކުރައްވާނެ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

މި މަހުގެ އަށް ވަނަ ދުވަހު ނަޝީދު ކުރެއްވި މެސެޖަށް ރައްދު ދެއްވައި ހުސައިން ވިދާޅުވީ، ނަޝީދަށް ދިން ހަމަލާގެ ތަހުގީގަކީ އޭނާ ކުރައްވާ ތަހުގީގެއް ނޫން ކަމަށާއި، ތަހުގީގު ކުރިއަށް ނުދަންޏާ އެކަން ބަލަން ޖެހޭނީ ޖޭއެސްސީ ނުވަތަ މަޖިލީހުން ކަމަށެވެ. އަދި އޭނާ އަކީ އެފަދަ ތަހުގީގެއް ހިންގޭނެ ބޭފުޅެއް ނޫން ކަން ވެސް ނަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށް ހުސައިން ވިދާޅުވިއެވެ.

ހުސައިންގެ މެސެޖަށް ރައްދު ދެއްވައި ނަޝީދު ވިދާޅުވީ، އެއީ އެމަނިކުފާނަށް އެކަން އެނގިވަޑައިގަންނަވާތީ ވިދާޅުވާ އެއްޗެއް ކަމަށާއި، އެކަން ފޮރުވަން ސަރުކާރަށް ވާގި ދޭ އެއް ބޭފުޅަކީ ހުސައިން ކަން އެނގިވަޑައިގަންނަވާ ކަަމަށެވެ. އަދި އެ މަސައްކަތުގައި ސަރުކާރަށް ތާއީދު ކުރައްވާ އާރުކާޓީވެސް ހިމެނޭ ކަމަށް ވިދާޅުވާ ވިދާޅުވުން އެމަނިކުފާނު ތަކުރާރު ކުރައްވާފައިވެއެވެ.

މިދިޔަ އަހަރުގެ މޭ މަހުގެ ހަވަނަ ދުވަހުގެ ރޭ ނަޝީދުގެ ގެކޮޅުން ނުކުމެވަޑައިގެން، މަޖީދީމަގުގައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަންނަވަން ހިންގަވަނިކޮށް އައިއީޑީ ގޮއްވާލި ހާދިސާގައި އެމަނިކުފާނުގެ ފުރާނަފުޅަށް ވަނީ ނުރައްކާވެފައެވެ.

އެ ދުވަހު ދިން ހަމަލާއަށް ފަހު ނަޝީދަށް ފުރަތަމަ ފަރުވާކުރީ އޭޑީކޭ ހޮސްޕިޓަލްގައެވެ. އެ މަނިކުފާނުގެ ފުރާނަ ސަލާމަތްކުރުމަށް ވަގުތުން ކުރަން ޖެހުނު ގިނަ އޮޕަރޭޝަންތައްް އެ ހޮސްޕިޓަލްގައި ކުރުމަށް ފަހު އިތުުރު ފަރުވާއަށް ވަޑައިގަތީ ޖަރުނަމަށާއި އިނގިރޭސިވިލާތަށެވެ.

ނަޝީދުގެ އާއިލާއިން މި މަހުގެ ފަސްވަނަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ ހަމަލާ ހިންގުމަށް ފައިސާ ހަރަދު ކުރި ފަރާތްތައް ހޯދުމަށްޓަކައި، ވަރުގަދަ ތަހްގީގެއް ހިންގުމަށް އެދިފައެވެ.