ޒޯން 1 ގެ 6 ރަށެއްގައި ފަސިންޖަރުންނަށް ފަސޭހައިން އަރާ ފޭބުމަށް ބޭނުންވާ ޕްލެޓްފޯމް ގާއިމްކުރުމަށް އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

ދިވެހިރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" ގެ ޒޯން 1 ގައި ހިމެނޭ 6 ރަށެއްގައި ފަސިންޖަރުންނަށް ފަސޭހައިން އަރާ ފޭބުމަށް ބޭނުންވާ ޕްލެޓްފޯމް ގާއިމްކުރުމަށް އެމްޓީސީސީއާއި ވަނީ ހަވާލުކޮށްފައެވެ.

އެގޮތުން އެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކުރުމަށް މިއަދު ބޭއްވުނު ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ ޕާމަނެންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ.

އެމްޓީސީސީއިން ބުނީ ފަސޭހައިން އަރާ ފޭބުމަށް ބޭނުންވާ ޕްލެޓްފޯމް ގާއިމްކުރުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި ހއ. ހޯރަފުށި، ހއ. ދިއްދޫ، ހއ. ކެލާ، ހދ. ކުޅުދުއްފުށި، ހދ. ހަނިމާދޫ، އަދި ހދ. ނޮޅިވަރަންފަރު ހިމެނޭ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން ސްޕީޑް ފެރީތަކަށް ފަސިންޖަރުންނަށް ފަސޭހައިން އަރާ ފޭބޭނެހެން ޕްލެޓްފޯމް ތައްޔާރުކުރުމާއި މޫރިން ބޮލާޑްސް ހަރުކުރުމާއި ބަނދަރު ޕޭވްމެންޓް ރީކޮންސްޓްރަކްޓް ކުރުން ހިމެނޭއިރު އެ މަޝްރޫއަކީ 5,041,269.26 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.

ރާއްޖޭގެ ހުރިހާ އަތޮޅެއް ހައި ސްޕީޑް ފެރީ ނެޓްވޯކްގެ ނިޒާމަކުން ގުޅާލުމުގެ މަސައްކަތް ކުރެވެމުންދާއިރު އެމްޓީސީސީގެ އަމާޒަކީ ހިދުމަތް ލިބިގަންނަ ކަސްޓަމަރުންނަށް ވީހާވެސް ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ. ރާއްޖޭގައި ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން އެމްޓީސީސީއިން ބުނީ މަގްސަދަކީ ހެޔޮ އަގުގައި ފަސޭހަކަމާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިތިބުން ކަމަށެވެ.