މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާއަށް މެންބަރަކު ހޮވުމަށް ބޭއްވި ބައި-އިލެކްޝަންގެ މުހިއްޔުދީން ސްކޫލްގައި ބެހެއްޓި ވޯޓު ފޮއްޓެއްގެ ދެ ވޯޓު ކަރުދާސް ޗެކް ކުރުމުންވެސް ކާމިޔާބުވީ ޕީޕީއެމް ކެންޑިޑޭޓް ފާތިމަތު ނާޒިމާ ކަމަށް ނިންމައިފިއެވެ.

މި އިންތިހާބު ނާޒިމާއަށް 359 ވޯޓު ލިބިފައިވާއިރު، ޝީޒާއަށް ލިބުނީ 358 ވޯޓެވެ. އަދި ވޯޓު އަލުން ގުނައިދިނުމަށް އެދި އެމްއެންޕީއިން ވަނީ މައްސަލަ ހުށައަޅާފައެވެ. އެހެންނަމަވެސް އިލެކްޝަން ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު ވިދާޅުވީ ބެލިބެލުމުން އަލުން ގުނަން ޖެހޭނެ ސަބަބެއް އޮތް ކަމަށް ފެނިވަޑައިގެންފާ ނުވާ ކަމަށާއި އެހެންނަމަވެސް ގުނުމުގެ ތެރޭގައި ދެ ވޯޓު ކަރުދާސް ކޮޅެއްގެ މައްސަލަ އައިސްފައިވާ ވުމުން އެކަން ބަލަމުން އަންނަ ކަމަށެވެ.

އެ ދެ ވޯޓު ކަރުދާހުގެ މައްސަލައާ ގުޅިގެން މިރޭ ވިލިމާލެ މުހިއްޔުދީން ސްކޫލްގައި ބެހެއްޓި އެއް ނަންބަރު ވޯޓު ފޮށި ކަނޑައި ވަނީ ބަލާފައެވެ.

މި އިންތިހާބުގައި ވޯޓު ލުމުގެ ޝަރުތު ފުރިހަމަވެފައި ވަނީ 2،900 މީހުންނެވެ. ނަމަވެސް މި ވޯޓުގައި ބައިވެރިވެފައި ވަނީ 729 މީހުންނެވެ. އޭގެތެރެއިން 717 މީހުންގެ ވޯޓު ސައްހަ ވޯޓުގެ ގޮތުގައި ބަލާފައި ވާއިރު، 12 ވޯޓަކީ ބާތިލް ވޯޓުގެ ގޮތުގައި ވަގުތީ ނަތީޖާއިން ދައްކައެވެ.

ވިލިމާލެ ދާއިރާގެ ބައި އިލެކްޝަނެއް ބާއްވައިފާ ވަނީ އެ ދާއިރާގެ އަންހެނުންގެ ކޮމިޓީގެ ތަމްސީލު ކުރެއްވި، އަދި އެ ކޮމިޓީގެ ނައިބު ރައީސްކަން ވެސް ކުރެއްވި އާމިނަތު އީމާން މިދިޔަ މާޗު މަހު ހިނގި އެކްސިޑެންޓެއްގައި ނިޔާވުމާ ގުޅިގެންނެވެ.