ދިވެހިރާއްޖެއަށް އިމްޕޯޓް ކުރުން މަނާ ސިންގަލް ޔޫސް ޕްލާސްޓިކް ގެ ބާވަތްތައް މަނާވާ ތާރީހުގެ ކުރިން ބީއެލް ނުވަތަ އެއާވޭ ބިލް ދޫކޮށްފައިވާނަމަ އެމުދަލެއް އެތެރެކުރުމަށް ކަސްޓަމްސްއިން ފުރުސަތު ދޭން ނިންމައިފިއެވެ.
ދިވެހިރާއްޖެއަށް އިމްޕޯޓް ކުރުން މަނާ ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެހީގެ ތެރެއިން، ސިންގަލް ޔޫސް ޕްލާސްޓިކުގެ ގޮތުގައި ބައެއް ތަކެތި ކަނޑައެޅުމާބެހޭ ގަރާރުގެ ދަށުން ރާއްޖެއަށް އެތެރެކުރުން މަނާ ބާވަތްތައް އިމްޕޯޓުކުރުމުގެ ސުންގަނޑި ކަސްޓަމްސްއިން ވަނީ ކަނޑައަޅާފައެވެ.
އެގޮތުން ކަސްޓަމްސްއިން ބުނީ ދިވެހިރާއްޖެއަށް އިމްޕޯޓް ކުރުން މަނާ ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓުގައިވާ މަނާކުރާ ތާރީހުން ފެށިގެން ރާއްޖެއަށް ގެންނަ ޝިޕްމަންޓެއް ނަމަ އެ މުދަލެއްގެ ބިލް އޮފް ލެޑިން ނުވަތަ އެއާވޭ ބިލް ލިސްޓުގައި ބަޔާންކޮށްފައިވާ މަނާކުރާ ތާރީޙުގެ ކުރިން ދޫކޮށްފައި ވާނަމަ މުދާ އެތެރެކުރުމަށް އެ ސާވިސްއިން ފުރުުސަތު ދޭނެ ކަމަށެވެ.
ޖޫން 1، 2022 ވަނަ ދުވަހުން ފެށިގެން އުފެއްދުމާއި ބާޒާރަށް ނެރުން މަނާ ކޮށްފައިވާ ޕްލާސްޓިކްގެ ބާވަތްތައް:
- ދިޔާތަކެތި ބުއިމަށް ބޭނުން ކުރާ އެއްފަހަރު ބޭނުން ކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކުން ހަދާފައި ހުންނަ ޕްލާސްޓިކް ހޮޅި
- ޕްލާސްޓިކުން ހަދާފައި ހުންނަ ކާ ތަށި، ސަމުސާ، ވަޅި، އޫ، އަދި ދިޔާތަކެތި ގިރުމަށް ބޭނުން ކުރާ ޕްލާސްޓިކް ދަނޑިކޮޅު
- ކާބޯތަކެތި ބަންދު ކުރާ ސްޓައިރަފޯމް ފޮށި
- ބާޒާރު ކުރަން ބޭނުން ކުރާ 30 ސެންޓިމީޓަރަށްވުރެ ކުދި ޕްލާސްޓިކް ކޮތަޅު (އޮކްސޯޑީގްރޭޑަބަލް އަދި ސިންތެޓިކް ޕޮލިމަރއިން އުފައްދާފައިވާ، އަމިއްލަ ޒާތުގެ ނެތިފަނާވާ (ޑީގްރޭޑަބަލް) ޕްލާސްޓިކް ވެސް ހިމެނޭ ގޮތަށް)
- ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ އިމްޕޯޓު ކުރާ ސުޕާރީ
- 250 މިލިމީޓަރަށްވުރެ ކުޑަ، އެއްފަހަރު ބޭނުން ކުރެވޭ ދިޔާތަކެތި ބުއިމަށް ބޭނުން ކުރާ ޕްލާސްޓިކް ތަށިޕްލާސްޓިކް ދަނޑިކޮޅުލާފައިވާ ކަފަބުރު
- 50 މިލިލީޓަރާއި 50 މިލިލީޓަރަށްވުރެ ކުދި ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ޝޭމްޕޫ، ސައިބޯނި، ކޮންޑިޝަނާ އަދި ލޯޝަން
ޖޫން 1، 2022 ދުވަހުން ފެށިގެން އުފެއްދުން މަނާ އަދި ސެޕްޓެމްބަރު 1، 2022 ދުވަހުން ފެށިގެން ބާޒާރަށް ނެރުން މަނާ ކޮށްފައިވާ ޕްލާސްޓިކްގެ ބާވަތްތައް:
- ރާއްޖޭގައި އުފައްދާ އަދި ބޭނުން ކުރާ 500 މިލިލީޓަރަށް ވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދު ކޮށްފައި ހުންނަ ފެން
- ރާއްޖޭގައި އުފައްދާ އަދި ބޭނުން ކުރާ 500 މިލިލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދު ކޮށްފައި ހުންނަ ތައްޔާރީ ބުއިންތައް (ފެން ފިޔަވައި)
ރާއްޖެއަކީ ޕްލާސްޓިކްގެ ގިނަ ބާވަތްތައް ބޭނުން ކުރާ ގައުމަކަށް ވާއިރު މޫދަށާއި އެއްގަމަށް އުކާލާ ޕްލާސްޓިކް އިންތިހާއަށް ގިނަ އެވެ.