ހއ. ތަކަންދޫ ނެރުގެ ފައިކަށި އަޕްގްރޭޑްކުރުމާއި އުތުރު ކުޅި ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

އެ އެއްބަަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ.

240 ދުވަސް ތެރޭގައި ނިންމާ ގޮތަށް އެމްޓީސީސީއާ ހަވާލުކުރި މި މަސައްކަތުގެ އަގަކީ 22 މިލިއަން ރުފިޔާއެވެ.

ތަކަންދޫ ނެރު ފައިކަށި އަޕްގްރޭޑްކުރުމުގެ ދަށުން ބަނދަރު ފުން ކުރުމާއި ބަނދަރަށް ވަންނަ ނެރު ފުން ކުރުމާއި 126 މީޓަރު ގްރޮއިން ޖެހުމާއި 252 މީޓަރު ބޮޑު ހިލައިގެ ބޭރުތޮށި ޖެހުލުން ހިމެނެއެވެ. މީގެއިތުރުން މި މަޝްރޫއުގެ ދަށުން 160 މީޓަރު ރިވެޓްމެންޓް ޖެހުމާއި ދެ ނެވިގޭޝަން ލައިޓް ހަރުކުރުމާއި އަށް މޫރިން ބޮއި ހަރުކުރުމާއި 10 މަގު ބައްތި ހަރުކުރުމުގެ އިތުރުން، 883.38 އަކަ މީޓަރު ޕޭވްމަންޓް ހެދުން ހިމެނެއެެވެ.