ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ ފަލަސްތީނުގެ ރައްޔިތުން، މެއި 15 ފާހަގަ ކުރަނީ "ނަކްބާ" ދުވަހުގެ ގޮތުގައެވެ. ނުވަތަ ފަލަސްތީނުގެ ނަސްލު ދޮވެލުމަށް 1948 ވަނަ އަހަރު ލާއިންސާނީ ޖަރީމާއެއްގެ ފެށުމުގެ ހިތްދަތި ހަނދާންތަކުގައެވެ.

ފަލަސްތީނުގައި އިޒްރޭލުގެ ޔަހޫދީ ދައުލަތެއް ގާއިމު ކުރީ، އިނގިރޭސި ސަރުކާރުގެ ތާއީދާއެކުގައެވެ. އިނގިރޭސިންގެ މެންޑޭޓް ނިމުމާއެކު މެއި 14، 1948 ވަނަ ދުވަހު، އިޒްރޭލުގެ ޒައެނިސްޓް ފައުޖުތަކުން، އިޒްރޭލުގެ ހުދުމުހުތާރު ދައުލަތް އުފައްދާ، ފުރަތަމަ އަރަބި-އިޒްރޭލީ ހަނގުރާމަ ފެށިއެވެ.

އެނިސްޓް އަސްކަރީ ބާރުތަކުން، ފަލަސްތީނުގެ 750000 އެއްހާ މީހުން، އެބައި މީހުންގެ ގެތަކާއި ބިންތަކުން ބޭރު ކޮށް، ގަދީމީ ފަލަސްތީނުގެ 78 ޕަސެންޓް ހިފިއެވެ. ބާކީ އޮތް 22 ބައި ކުރީ، އަދުގެ ދުނިޔޭގައި ފެންނަން އޮތް، އިޒްރޭލުން ވެރިވެގެންފައިވާ ހުޅަނގު އައްސޭރިއާއި ގައްޒާއަށެވެ.

އިޒްރޭލާއި މިސްރު އަދި ލުބްނާން، އުރުދުން އަދި ސޫރިޔާއާ ދެމެދު އެއްބަސްވުމެއް އެކުލަވާލެވެން ދެން ޖެނުއަރީ 1949 ގެ ނިޔަލަށް ހަނގުރާމަ ކުރިއަށް ދިޔައެވެ. 1949 ގެ އެއްބަސްވުމާއެކު އިޒްރޭލާއި ހުޅަނގު އައްސޭރި ބައި ކުރާ އިން ވަކި ކުރިއެވެ. 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުގެ ގޮތުގައިވެސް ރިއާޔަތް ކުރަނީ އެ ރޮނގަށެވެ. އެއީ ޖޫން 1967ގައި އިޒްރޭލުން ކުރި ހަނގުރާމާގައި ބާކީ އޮތް ބައި އަތުލުމުގެ ކުރިން އޮތް ސަރަހައްދަށް ރިއާޔަތް ކޮށެވެ.

ޔަހޫދީން ޕަލަސްތީން ހިފަމުން ދިޔަ ގޮތް ފެންނަ ޗާޓުތައް

1947 ވަނަ އަހަރާއި 1949 ވަނަ އަހަރާ ދެމެދު ޒައެނިސްޓް އަސްކަރީ ފައުޖުތަކުން، ފަލަސްތީނުގެ ބޮޑެތި ސިޓީތަކަށް ހަމަލާ ދީ، 530 އަވަށެއް ސުންނާފަތި ކޮށްލިއެވެ. ވަރުގަދަ ޖަރީމާތަކާއި ގަތުލުއާންމުތަކުގައި ފަލަސްތީނުގެ 15000 އެއްހާ މީހުންގެ ފުރާނަ ދުއްވާލިއެވެ. ޒައެނިސްޓުންގެ ޝިކާރައަކަށް ވީ މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަ ކުދިންވެސް ހިމެނެއެވެ.

ފަލަސްތީނުގެ ރެފިއުޖީންގެ ދަފްތަރު މިއަދު 6 މިލިއަނަށް އަރައެވެ. ދިރިއުޅެމުން ދަނީ ފަލަސްތީނުގެ އެކި ހިސާބުތަކަށް ފެތުރިފައިވާ 58 ކޭމްޕަކާއި އަވަށްޓެރި ގައުމުތަކުގައެވެ. ގައްޒާގެ 70 ޕަސެންޓް މީހުންނަކީ ރެފިއުޖީންނެވެ. 1.5 މިލިއަނެއްހާ ރެފިއުޖީން ދިރިއުޅެމުން ދަނީ ގައްޒާ ވަށައިގެންވާ 8 ކޭމްޕެއްގައެވެ. ބައިނަލްއަގުވާމީ ގާނޫނު ބުނާ ގޮތުގައި އެބައެއްގެ އަމިއްލަ ބިންތަކާއި ގެތަކުން ބޭރު ކޮށްފައިވާ މީހުންނަށް، އަމިއްލަ ވަޒަނަށް ރުޖޫއަ ވުމުގެ ފުރުސަތު އެބައޮތެވެ. ފަލަސްތީނުގެ ގިނަ ބަޔަކު އަދިވެސް ތިބީ އެ އުއްމީދުގައެވެ. ފަލަސްތީނުގެ ރެފިއުޖީ މައްސަލައަކީ، ދުނިޔޭގައި އެންމެ ދިގުލާ ގޮސްފައިވާ ރެފިއުޖީ ކާރިސާއެވެ.

އިޒްރޭލުން ފަލަސްތީނަށް ވެރިވެގަތުމުގެ އަސަރު، ދިރިއުޅުމުގެ ހުރިހާ ހިސާބަކަށް ވަނީ ފޯރާފައެވެ. ހޯދޭނެ ހިދުމަތްތަކުން ފެށިގެން، ދަތުރު ކުރެވޭނެ ތަންތަނާއި ކައިވެނި ކުރެވޭނެ މީހުންނާއި، ދިރިއުޅޭނެ ތަންތަންވެސް ކަނޑައަޅަނީ އިޒްރޭލުންނެވެ.

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދަނީ ލާއިންސާނީ ޖަރީމާކަމަށް، އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ހިއުމަން ރައިޓްސް ވޮޗްއާއި އެނޫންވެސް ފަރާތްތަކުން ބުނެއެވެ.

ޕަލަސްތީންގެ ދިފާއުގައި ދުނިޔޭގެ ކަންކޮޅުތަކުގައި ކުރަމުން ދާ މުޒާހަރާތަކުގެ ތެރެއިން

ކޮންމެ އަހަރަކުވެސް އިޒްރޭލުން ދަނީ ފަލަސްތީނުގެ އެތައް ސަތޭކަ ގެއެއް ބިމާ ހަމަ ކުރަމުންނެވެ. 2009 އާއި 2022 ވަނަ އަހަރާ ދެމެދު، ފަލަސްތީނު މީހުންގެ މިލްކުގައިވީ ތަންތަނުގެ ތެރެއިން 8413 ތަނެއް، އިޒްރޭލުގެ ބާރުތަކުން ސުންނާފަތިކޮށް، 12491 މީހެއްގެ ގެދޮރު ގެއްލުވާލިއެވެ.

ފަލަސްތީނުގެ 4450 ރައްޔިތުން ތިބީ އިޒްރޭލުގެ ގައިދީންގެ ގޮތުގައެވެ. 160 ކުޑަކުދިންނާއި، 32 އަންހެނުންގެ އިތުރުން 530 އިދާރީ ގައިދީން ޖަލުތަކުގައި އެބަތިއްބެވެ. ކޮންމެ އަހަރެއްގެ އޭޕްރިލް 17 ވަނަ ދުވަސް ފާހަގަ ކުރަނީ ފަލަސްތީނުގެ ގައިދީންގެ ދުވަހުގެ ގޮތުގައެވެ.

ޣައިރު ގާނޫނީ ގޮތެއްގައި އިޒްރޭލުން ފޭރިގެންފައިވާ ފަލަސްތީނުގެ ބިންތަކުގައި ވަޒަންވެރިވުމުގެ މަސައްކަތަށް އިޒްރޭލުން ނިމުމެއް ނުގެނެއެވެ. ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސްގައި އެކަނިވެސް، އިޒްރޭލުގެ 750000 މީހުން ދިރިއުޅެމުންދަނީ ޣައިރު ގާނޫނީ އާބާދުތަކުގައެވެ. އެގޮތަށް ވަޒަންވެރިވެގެން އުޅޭ އިޒްރޭލު މީހުން، ފަލަސްތީނު ރައްޔިތުންނާއި އެމީހުންގެ މުދަލަށް ގެއްލުން ދިނުމަކީ އާންމު ކަމެކެވެ. ޔަހޫދީން ވަޒަންވެރި ކުރުމަށް ހަރަދުކޮށް، ސަބްސިޑީޒް ދެނީވެސް ހުދު އިޒްރޭލުގެ ސަރުކާރުންނެވެ. ނަތީޖާއެއްގެ ގޮތުން، އިޒްރޭލުގެ އާބާދީއަށް ވުރެ، އިރުމަތީ ގުދުސްއާއި ހުޅަނގު އައްސޭރީގައި ވަޒަންވެރިވަމުންދާ އިޒްރޭލު އަބާދީ އިތުރުވާ ދުވެލި މާ ބާރެވެ.

އަލްޖަޒީރާ ނޫސްވެރިޔާ، ޝިރީން ބޮލަށް ބަޑިޖެހުމުން ވެއްޓިފައި، ކައިރީގައި އިތުރު ނޫސްވެރިޔަކު ކޮޅަށް / ފޮޓޯ: އަލްޖަޒީރާ

މިއީ ނަކްބާ ދުވަހުގެ ގޮތުގައި ފަލަސްތީނުން މެއި 15 ފާހަގަ ކުރި 74 ވަނަ އަހަރެވެ. މި ދަނޑިވަޅަކީ އިޒްރޭލުގެ އުދުވާންތަކުގައި ނޫސްވެރިޔާ ޝީރީން އަބު އަކްލީގެ ފުރާނަ ދުއްވާލި ހާދިސާއާ ގުޅިގެން، އިޒްރޭލުގެ ރަހުމެއްތެ ނެތް އުދުވާންތަކުގެ ވާހަކަ އެންމެ ބާރަށް ދެކެވެމުންދާ ވަގުތެއްވެސްމެއެވެ. އިޒްރޭލުގެ ބާރުތަކުން ޖެހި ބަޑީގެ ހަމަލާއެއް މޫނަށް އަމާޒުވެގެން މި ދުނިޔެއަށް ފަހު ނޭވާ ދޫކޮށްލި ޝީރީން އެންމެ ފަހުން ރިޕޯޓް ކޮށްފައި ވަނީވެސް ނަކްބާއާ ބެހޭ ގޮތުން ކަމަށް އަލްޖަޒީރާއިން ހަބަރުދެއެވެ. ނަކްބާ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ހުޅަނގު އައްސޭރީގެ ރާމައްޟޯގައި 74 ސިކުންތު ވަންދެން ސައިރަންގެ އަޑު ނުކެނޑި ހުއްޓެވެ.

ނަކްބާ ދުވަހާ ދިމާކޮށް ފަލަސްތީނުގައި އިއްޔެ ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި އެކަނިވެސް 16 މީހަކު، އިޒްރޭލުގެ ބާރުތަކުގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ހަބަރު ލިބެއެވެ. އިޒްރޭލުގެ އަމަލުތައް ކޮންމެ ގޮތަކަށް ހުރި ކަމުގައި ވީ ނަމަވެސް، ވަކިވެފައިވާ މިނިވަން 2 ދައުލަތުގެ ގޮތުގައި އިޒްރޭލާއި ފަލަސްތީނު އުފެއްދިގެން ދިއުމުގެ ފުރުސަތު އަދިވެސް އެބަ އޮތް ކަމަށް ފަލަސްތީނުގެ ބޮޑޫވަޒީރު މުހައްމަދު ޝަތިއްޔާ ވިދާޅުވެއެވެ.