ހއ.އިހަވަންދޫ ފެރީ ޓަރމިނަލް ޕްރޮޖެކްޓްގެ މަސައްކަތް ނިމިއްޖެ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

އެމްޓީސީސީއިން ބުނީ އެ ފެރީ ޓާމިނަލް އަކީ އިންޓަގްރޭޓޭޑް ޕަބްލިކް ފެރީ ނެޓްވޯކް ޕްރޮޖެކްޓްގެ ޒޯން 1 އަށް ހިދުމަތް ދިނުމަށް އިމާރާތް ކުރެވިފައިވާ ޓާމިނަލެއް ކަމަށެވެ. އަދި އަލަށް ނިމިފައިވާ މި ޓާމިނަލްގައި ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ހިދުމަތެއް ދިނުމަށްޓަކައި ކޮމާޝަލް އޭރިއާއަކާއި ޕޭރެންޓް ރޫމަކާއި ލަގެޖް ރޫމަކާއި ޓަކް ޝޯޕެއްގެ އިތުރުން ދެ ޖިންސުގެ ބޭފޫޅުންނަށް ވަކިން ފާހަނަ ހުންނާނެ ކަމަށް އެމްޓީސީސީއިން ބުނެއެވެ.

ހައި ސްޕީޑް ފެރީ ހިދުމަތް ފޯރުކޮށް ދިނުމުގެ ފުރަތަމަ ފިޔަވަހީގެ ގޮތުން ކަނޑައަޅާފައިވަނީ ހއ، ހދ އަދި ށ އަތޮޅެވެ.

ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ ދަށުން މި ފެރީ ނިޒާމް ގާއިމް ކުރުމަށް ވަނީ ހަމަޖެހިފައިވާ ޒޯންތަކުގެ ތެރޭގައި ހިމެނެނީ ނ އަތޮލޫން ފެށިގެން ސ އަތޮޅާ ދެމެދުގައި ހުރި 17 އަތޮޅެވެ. އެ ގޮތުން ޒޯން 2 (ނ، ރ، ބ އަދި ޅ)، ޒޯން 3 (ކ، އއ، އދ، އަދި ވ)، ޒޯން 4 (މ، ފ، ދ، ތ، އަދި ލ)، ޒޯން 5 (ގއ އަދި ގދ)، ޒޯން 6 ( ސ އަދި ޏ) ގައި ހިމެނޭ ރަށްތަކަށް ސްޕީޑް ފެރީގެ ހިދުމަތް ފޯރުކޮށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ ޒޯންތަކަށް ހިދުމަތް ދިނުމަށް ޖުމްލަ 65 ލޯންޗް އުފައްދާ ތައްޔާރު ކުރަން ނިންމާފައިވާއިރު އެއާކޯން ކޮށްފައިވާ ލޯންޗުތައް ހުންނާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން އަރާ ފޭބޭގޮތަށް އަދި ބަލިމީހުން އުފުލުމަށް ވެސް ފަސޭހަ ވާނެ ގޮތަށް ފަރުމާކޮށްފައެވެ.

ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ ދަށުން ޖުމްލަ 149 ޓާމިނަލް އަޅަން ނިންމާފައިވާ އިރު، ޒޯން ޓާމިނަލްގެ ގޮތުގައި 5 ޓަރމިނަލްއާއި، 31 ފެރީ ޓާމިނަލްގެ އިތުރުން 113 ފެރީ ސްޓޮޕް ހަދަން ވަނީ ނިންމާފައެވެ.