އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން 1.05 މިލިއަން ރުފިޔާގެ ބަނގުރަލާއި ބިޔަރު ފަދަ ތަކެތި ނައްތާލައިފިއެވެ.
ފުލުހުން ބުނި ގޮތުގައި މިއަދު ދޫނިދޫގައި ނައްތާލާފައިވަނީ މިދިޔަ އޭޕްރިލްގެ ނިޔަލަށް ފުލުހުންގެ ޑްރަގް އެންފޯސްމަންޓްގެ ދަށުގައި ހުރި، ދައުވާ ނުކުރުމަށް ނިންމައި ފައިލްކޮށްފައި ހުރި މައްސަލަތަކުގައި ހިމެނޭ ތަކެއްޗެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ވެލާނާ އެއާޕޯޓުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރާ
- ވަކި ފަރާތަކަށް ތުހުމަތު ނުކުރެވޭ ގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރާ
- އެ ބަނގުރާ ގެނެސްފައިވަނީ ޓޫރިސްޓު ޕޮލިސް އާއި ހުޅުމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް
އެގޮތުން، ޖުމްލަ 42 މައްސަލައަކާ ގުޅުން ހުރި ބަނގުރަލާއި ބިޔަރު ފަދަ ތަކެތި ނައްތާލާފައިވާއިރު، އެ 42 މައްސަލައަކީ:
- ވަކި ފަރާތަކަށް ތުހުމަތު ނުކުރެވޭ 25 އިންސިޑެންސެއް
- 2021 ގެ ތިން މައްސަލައެއް
- 2022 ގެ 14 މައްސަލައެއް
ތިރީގައި މި ވަނީ ފުލުހުން މިއަދު ދޫނިދޫގައި ނައްތާލި ތަކެތީގެ ތަފްސީލެވެ.
އެހެނިހެން ތަކެތީގެ ގޮތުގައި ހިމެނެނީ ނޫސް ކަރުދާހާއި، ކޮތަޅާއި، ކަރުދާސް ފޮށިގަނޑާއި، ދަބަސް ފަދަ ތަކެއްޗެވެ.
ފުލުހުން ބުނި ގޮތުގައި އެ ތަކެތީގެ މާކެޓް އަގު 1.05 މިލިއަން ރުފިޔާ އަށް އަރައެވެ.
އޭގެ އިތުރުން މިއަދު ގއ. ވިލިނގިލީ ފުލުހުންގެ ދަށުގައި ހުރި ބަނގުރާ ވެސް މިއަދު ނައްތާލާފައިވާއިރު، ފުލުހުން ބުނި ގޮތުގައި، ނައްތައިލާފައިވަނީ 262 ފުޅި ބަނގުރަލާއި 112 ދަޅު ބިޔަރެވެ. އެއީ މިދިޔަ މާޗު 12 އިން މި މަހުގެ ފަހަކަށް ކޫއްޑޫ އެއާޕޯޓަށް ފުރަން ދިޔަ ފަތުރުވެރިންގެ އަތުން ނަގައި ސިފައިން ފުލުހުންނާ ހަވާލުކުރި ތަކެތި ކަމަށް ފުލުހުން ބުނެފައިވެއެވެ.
ބަނގުރާ ނައްތާލުން ދޫނިދޫ އާއި ވިލިނގިލީގައި ކުރިއަށް ގެންގޮސްފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ބަނގުރަލާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު ދަށުން، އެކަމަށް އެކުލަަވައިލި ޓީމަކުން ކަމަށް ފުލުހުން ބުންޏެވެ.
1.05 މިލިއަން ރުފިޔާއަށް ތިކެތި އަގުކުރެވޭނެ ގޮތެއް ނުވިސްނުނު. ތިހިރީ ވިސްކީގެ ފުޅިތަކެއް. އަހަރެމެންގެ ސަފާރީގައުޅޭ ގެސްޓުންނަށް ދޭންވެގެން ތީގެން ފުޅިއެއް ހުޅުލޭ ބޮންޑުން ގަތީމާ ޖެހިފައިހުރީ 2 ޑޮލަރަށް 2.5 ޑޮލަރަށް. ބިއަރު ދަޅަކަށް 1 ޑޮލަރު ނާރާ. ފުލުހުން އަގު ތިނެރޭގޮތެއް އެއްގޮތަކަށްވެސް ހަމަ ނުވިސްނުނު