ޔޫއޭއީ ގެ ނުފޫޒުގަދަ ޝައިހް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން (އެމްބީޒީ)، އެ ގައުމުގެ ރައީސް ކަމުގެ އިންތިހާބު ކުރެވުނީ ބޭބޭފުޅު އަވަހާރަ ވުމާ ގުޅިގެން، ހޮނިހިރު ދުވަހުގެ ވަގުތެއްގައެވެ. އެމްބީޒީއަކީ މެދުއިރުމަތިގެ ތަސްވީރު އާ މޭރުމަކުން ކުރެއްވި ސިޔާސީ ޝަހްސެކެވެ. އިޒްރޭލާއެކު އިރާނާ ދެކޮޅު އޮއެވަރެއްގައި މެދުއިރުމަތީގެ ގައުމުތައް ޖެއްސެވުމުގައި އިސްކޮށް ހުންނެވި އެމްބީޒީ އަކީ، އެ ސަރަހައްދުގައި ދީން ސިޔާސީ ކުރުމާ ދެކޮޅަށް ތެދުވެވަޑައިގެންވި މޭސްތިރިއެކެވެ. ފަރުދާގެ ފުރަގަހުގައި ހަވާސާވެވަޑައިގެން ހުންނަވާ، ޝައިހް މުހައްމަދު، 61، ވަނީ، ޔޫއޭއީގެ އަސްކަރިއްޔާއަކީ ޒަމާނީ ޓެކްނޮލޮޖީގެ ކުރިއެރުން ހާސިލުކޮށްފައިވާ ފައުޖަކަށް ހައްދަވާފައެވެ. އަދި ތެލުގެ މުއްސަނދި ކަމާއެކު ވިޔަފާރި ހަބަކަށް ޔޫއޭއީ ހައްދަވާ، ބައިނަލްއަގުވާމީ މައިދާނުގައި "އިމާރާތީ" ނުފޫޒު ގަދަ ކުރެއްވުމުގައިވެސް އެމްބީޒީގެ ދައުރު ބޮޑެވެ.

ޔޫއޭއީގެ ސިޔާސީ މައިދާނުގައި އެމްބީޒީ ނުފޫޒު ގަދަ ކުރައްވަން ފެއްޓެވީ، މިދިޔަ ހުކުރު ދުވަހު އަވަހާރަވީ ރައީސް ޝައިހް ހަލީފާ ބިން ޒައިދަށް ސިއްހީ މައްސަލަތަކެއް ކުރިމަތިވެވަޑައިގަތުމުން 2014 ވަނަ އަހަރުއެވެ.

ސިޔާސީ މަސްރަހުގައި އެމްބީޒީގެ ވަނަމުން މުހާތަބު ކުރެވޭ ޝައިހު މުހައްމަދަކީ އަރަބި ގަލްފުގެ މައިގަނޑު މަދަދުވެރިއެއްގެ ގޮތުގައި އެމެރިކާއަށް އިތުބާރު ކުރެވެން ނެތް ކަމަށް ބަޔާންކުރާ ފިކުރުގެ މޭސްތިރިވެސް މެއެވެ. ވަކިން ހާއްސަކޮށް 2011 ވަނަ އަހަރުގެ އަރަބި ބަހާރުގައި، އެމެރިކާއިން، މިސްރުގެ އޭރުގެ ރައީސް ހުސްވި މުބާރަކު ދޫކޮށްލެއްވުމުގެ ސަބަބުންނެވެ.

އޭނާގެ ނުފޫޒު އެންމެ ގަދައަށް އޮތް އަބޫދާބީގައި ހުންނަވާ، ޝައިހް މުހައްމަދު ވަނީ، އެމެރިކާގެ އޭރުގެ ރައީސް ބަރާކް އޮބާމާއަށް ފިނި އިންޒާރެއްވެސް ދެއްވާފައެވެ. އެގޮތުން ގަލްފުގެ ހާންދާނީ ވެރިކަމަށް ނުރައްކާ ކުރިމަތި ކުރުވަފާނެ އަދި ފެތުރިގެން ހިނގައިދާނެ "އުތުރި އެރުމަކަށް" ނުވަތަ ހަމަނުޖެހުމަކަށް ތާއީދު ނުކުރެއްވުމަށް އެމްބީޒީ ވަނީ އޮބާމާއަށް އިންޒާރު ކުރައްވާފައެވެ. އެމްބީޒީއަކީ އެންމެ ދުރުވިސްނިވަޑައިގެންނެވި އަރަބި ލީޑަރު ކަމަށް އޮބާމާ ވަނީ، އޭނާގެ ހަޔާތުގެ ނަމާގައިވެސް ސިފަ ކުރައްވާފައެވެ.

މި ދަނޑިވަޅަކީވެސް އެމެރިކާއާއި ޔޫއޭއީގެ ގުޅުން މާ ރަނގަޅު ދުވަސްވަރެއް ނޫނެވެ. ނަމަވެސް އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރު އޮފިޝަލަކު ސިފަ ކުރެއްވި ގޮތުގައި އެމްބީޒީއަކީ މަޝްވަރާގެ މޭޒަށް، "ތާރީހީ" ނަޒަރިއްޔާ ތިލަ ކުރައްވާ އިސްތިރާޖީ މުޝީރެކެވެ.

މިސްރުގެ އިންތިހާބީ ރައީސް މުހައްމަދު މޫރުސީގެ ވެރިކަން ވައްޓާލުމަށް އެ ގައުމުގެ އަސްކަރިއްޔާއިން ހިންގި ހަރަކާތަކަށް އެމްބީޒީ ތައުރީފު ކުރެއްވިއެވެ. ސައުދީ އަރަބިއްޔާގެ ޝާހީ ގަނޑުވަރުގައި ބަޣާވާތް ކުރައްވައިގެން ނުފޫޒު ހޯއްދެވި ވަލީ އަހުދު މުހައްމަދު ބިން ސަލްމާން (އެމްބީއެސް) އަށް ތާއީދު ކުރެއްވިއެވެ. އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕާއެކު އޮތް ބަދަހި ގުޅުމެއްގެ ތެރެއިން އީރާނާ ދެކޮޅަށް ވަރުގަދައަށް ލޮބީ ކުރެއްވިއެވެ. އަދި އަވަށްޓެރި ގަތަރު ބޮއިކޮޓް ކުރެއްވިއެވެ. އަދި އީރާނުގެ ތާއީދާއެކު ޔަމަނުގެ ކޮންޓްރޯލް ނެގުމަށް މަސައްކަތް ކުރަމުން ދިޔަ ހޫތީންނާ ދެކޮޅަށް ކުރަމުންދާ ވަރުގަދަ ހަނގުރާމައަށް ތާއީދު ކުރެއްވިއެވެ.

މީގެ އިތުރުން ޓްރަމްޕް އިސްކޮށް ހުންނަވައިގެން އިސްރޭލާއި އަރަބި ގަލްފާ ދެމެދު ގުޅުން ބަދަހި ކުރުމަށް ހިންގެވި ވަރުގަދަ ކެމްޕެއިން "އަބްރަހަމް އެކޯޑްސް"ގެ ފަހަތުގައިވެސް އެމްބީޒީ ހުންނެވިއެވެ. އިނގިރޭސިވިލާތުން ތައުލީމު ހާސިލު ކުރައްވައިގެން ހުންނެވި އެމްބީޒީއަކީ މި ހުރިހާ ކަމަކާއެކުގައިވެސް އާންމުންގެ މެދުގައި މަގުބޫލު ބޭފުޅެކެވެ.