މިދިޔަ އަހަރު ރޯދަމަހު ތެރޭ ލެމަން ގްރާސް ކުރިމަތިން ދިޔަ އަންހެނަކު ގަދަ ކަމުން ގެންގޮސް ގޯޅިގަނޑަކަށް ވައްދާ އެ އަންހެން މީހާއަށް އަނިޔާ ކުރި މައްސަލައިގައި އާދަމް ވިޝާމް 3 މަހާއި 13 ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

މާލޭގައި މި ހާދިސާ ހިނގާފައި ވަނީ، މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 16 ވަނަ ދުވަހުގެ ރޭ 7:45 ހާއިރުއެވެ. އެ ވަގުތު އުމުރުން 18 އަހަރުގެ، މަރިޔަމް މާއީން، މާލޭގެ މާފަންނު ގައި ހުންނަ ލެމަން ގްރާސް ކުރިމަތިން، އީދު މިސްކިތުގައި ތަރާވީހަށް މީހުން ތިބި ވަގުތެއްގައި ހިނގާފައި ދިޔަ އިރު، ވިނަރެސް، ހދ. ނޭކުރެންދޫ، އާދަމް ވިޝާން (18) އަދި މިލާފަރު، ހދ. ވައިކަރަދޫ، އަލީ ރަޝީދު (23) ވަނީ އޭނާ ހިފަހައްޓައި ގަދަކަމުން މ. ފުށެތިކާލުގެ ހުންނަ ގޯޅިގަނޑު ގަނޑުތެރެއަށް ވައްދާފައެވެ. އަތާއި ފައިގައި ހިފާ އުފުލާލާއިގެން މާއީން އެ ގޯޅި ތެރެއަށް އެ ދެމީހުން ވައްދާ ސީސީތީވީ ފުޓެޖްވެސް ވަނީ އެ ދުވަސްވަރު އާންމުވެފައެވެ.

މި މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ވަނީ އާދަމް ވިޝާނަށް ހުކުމް ކޮށްފައެވެ. އެ ގޮތުން މި މައްސަލައިގައި އޭނާގެ މައްޗަށް ކުރި ދައުވާގެ ތެރެއިން ދެ ދައުވާއެއް ސާބިތުވެ ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އެގޮތުން ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހައްޓައި އަނިޔާ ކުރި ކަމަށް ވިޝާން ވަނީ އިއުތިރާފްވެފައެވެ.

ހުއްދަ ނޫން ގޮތުގައި މީހަކު ހިފެއްހެއްޓުމުގެ ކުށުގައި، ކްރިމިނަލް ކޯޓުން ވިސާންގެ މައްޗަށް ހުކުމް ކުރީ، 3 މަހާއި 18 ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން ވިޝާން ވަނީ ބަންދުގައި 32 ދުވަސް ހޭދަކޮށްފައި ކަމުން އޭނާގެ ހުކުމުން އެ މުއްދަތު އުނި ކުރުމަށްފަހު އޭނާގެ މައްޗަށް ކަނޑައެޅި އަދަބުން ތަންފީޒު ކުރަންޖެހޭނީ 2 މަހާއި 16 ދުވަހުގެ ޖަލު އަދަބެއް ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.

އަދި މީހަކަށް އަނިޔާ ދިނުމުގެ ކުށް ސާބިތުވެ އަދި އެ ކުށަށް ވިޝާން އިއުތިރާފްވެފައި ވާތީ، އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ 27 ދުވަހަށް ޖަލަށް ލުމަށެވެ. އެހެންކަމުން ދެ ކުށުގެ އަދަބަށް ޖުމްލަ 3 މަހާއި 13 ދުވަހުގެ ޖަލު ހުކުމެއް ވިޝާން ތަންފިޒް ކުރަން ޖެހެއެވެ.

މި ހާދިސާ ހިނގި އިރު އެ ސަރަހައްދުގައި ހުރި ސީސީޓީވީއަކުން ނަގާފައިވާ ވީޑިއޯއިން ފެންނަނީ ފިރިހެނަކު މާއީންގެ އަތުގައި ހިފާ ދަމާފައި ގެންދާ މަންޒަރެވެ. އޭރުވެސް އެ މާއީން ގަދަހަދަމުން ދެއެވެ. އަދި އެ މަގުގައި ހުރި ގޯޅިއެއްގެ ތެރެއަށް އެ އަންހެންމީހާ ވައްދަން މަސައްކަތް ކުރި ވަގުތު އެ އަންހެންމީހާ މަގުމައްޗަށް ވެއްޓޭ ހިސާބުން އެކަކު އޭނާގެ ފައިގައި ހިފާ ދަމާފައި ގެންދަން މަސައްކަތް ކުރާ މަންޒަރު ފެނެއެވެ. އަދި ދެން އިތުރު ފިރިހެނަކު މާއީންގެ ކޮނޑުގައި ހިފާ އުފުލާލައިގެން އެ ގޯޅިތެރެއަށް ވައްދައެވެ.

މި މައްސަލައިގައި ދެން ތުހުނަތު އުފުލާފައިވާ އަލީ ރަޝީދުގެ މައްސަލަ ވަކި ގަސިއްޔާއަކުން ނިންމައި އެ މައްސަލަ ނިންމުމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ.