ވެރިކަންކުރާ ޕާޓީ އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އެތެރޭގެ އިންތިހާބުގައި އެ މަގާމަށް ވާދަ ކުރައްވާ އިކޮނޮމިކް މިނިސްޓަރު އަދި ލ. ގަމު ދާއިރާގެ ރައީސް ފައްޔާޒް އިސްމާއީލް ވޯޓު ލައްވައިފިއެވެ.
ފައްޔާޒް ވޯޓު ލައްވާފައި ވަނީ ޖަމާލުއްދީން ސްކޫލްގައި ބަހައްޓާފައި ހުރި ވޯޓު ފޮށްޓަށް، މިއަދު 10:00 ހާއިރެވެ.
އޭނާގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް މި އިންތިހާބުގައި ވޯޓު ލައްވާފައިވެއެވެ. ނަޝީދު ވޯޓު ލައްވާފައި ވަނީ ޖަމާލުއްދީން ސްކޫލްގައި ބަހައްޓާފައި ހުރި ފޮށްޓަށް، މިއަދު 10:15 ހާއިރެވެ. އަދި ރައީސް ވޯޓު ލައްވާފައިވަނީ މިއަދު 10:30 ހާއިރު، ދަރުމަވަންތަ ސްކޫލްގައި ހުރި ވޯޓު ފޮށްޓަށެވެ.
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ މި އިންތިހާބުގައި ފައްޔާޒުގެ އިތުރުން ދެން ވާދަ ކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީއެވެ.
ފޯރިގަދަ ކެމްޕެއިނަކަށް ފަހު މިއަދު ހެނދުނު 9 އިން ފެށިގެން ހަވީރު 4 އަށް ވޯޓު ލުން ކުރިއަށް ދާއިރު، މާލެއާއި އަތޮޅުތަކުގައި ޖުމްލަ 194 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. އޭގެ ތެރެއިން 87 ފޮށި ހުރީ މާލޭގައެވެ. މާލޭގެ ފޮށިތައް ހުންނާނީ ސްކޫލުތަކުގައެވެ. ހުޅުމާލޭގައި ގާޒީ ސްކޫލުގައި ފޮށި ބަހައްޓާފައި ވާއިރު، ވިލިމާލޭގައި ހުންނާނީ ޔޫތު ސެންޓަރުގައެވެ
މި އިންތިހާބުގައި ޗެއާޕާސަން ހޮވަން 94،211 މެމްބަރުންނަށް ވޯޓު ލެވޭ އިރު، އަންހެނުންގެ ރޫހުގެ ރައީސް ހޮވަން 41،027 މެމްބަރުންނަށް ވޯޓު ލެވޭނެއެވެ. އަދި ޔޫތު ވިންގުގެ ރައީސް ހޮވަން 32،057 މެމްބަރުންނަށް ވޯޓު ލެވޭނެއެވެ.
ޗެއާޕާސަންގެ އިތުރުން، އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާއި ޔޫތު ވިންގުގެ ރައީސް ވެސް މިއަދު ހޮވާނެއެވެ.