ޔޫއޭއީގެ ރައީސް ޝައިހް ހަލީފާ ބިން ޒައިދް އަލް ނަހްޔާން ފެނިގެން ގޮސްފައިވަނީ އެ ގައުމުގެ ތަރައްގީއަށް މަސައްކަތް ކޮށްދެއްވި، ދުރު ވިސްނުންފުޅެއް ގެންގުޅުއްވި ލީޑަރެއްގެ ގޮތުގައި ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ޔޫއޭއީގެ ރައީސް އަވަހާރަވުމާ ގުޅިގެން، އެ ގައުމުގެ ވަގުތީ ރައީސް، ބޮޑުވަޒީރު، ޑިފެންސް މިނިސްޓަރު، އަދި ދުބާއީގެ ވެރިޔާ ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަކްތޫމަށާއި، އެ ގައުމުގެ ސިފައިންގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރު އަދި އަބޫދާބީގެ ވަލީއަހުދު ޝައިހް މުހައްމަދު ބިން ޒައިދު އަލް ނަހްޔާނަށް ވަކިވަކިން ފޮނުއްވި ތައުޒިޔާގެ މެސެޖުގައެވެ.

އެ މެސެޖުގައި ރައީސް ވިދާޅުވީ، ޔޫއޭއީގެ ރައީސް އަވަހާރަވި ހަބަރު އެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށެވެ. އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އެމަނިކުފާނު ވަނީ ޔޫއޭއީގެ ވަގުތީ ރައީސް އަދި ބޮޑުވަޒީރަށާއި، އަބޫދާބީގެ ވަލީއަހުދަށާއި، އެމަނިކުފާނުގެ އާއިލާގެ އިތުރުން، އެ ގައުމުގެ ރައްޔިތުންނަށް ތައުޒިޔާ ފޮނުއްވާފައެވެ.

ރައީސްގެ މެސެޖުގައި:

  • ޔޫއޭއީގެ ރައީސް ފެނިގެން ގޮސްފައިވަނީ އެ ގައުމުގެ ކުރިއެރުމަށް ގިނަ މަސައްކަތްތައް ކޮށްދެއްވި، ދުރު ވިސްނުންފުޅު ގެންގުޅުއްވިި ލީޑަރެއްގެ ގޮތުގައި ކަން ފާހަގަ ކުރެއްވި
  • ރާއްޖޭގެ ތަރައްގީއަށް އިސްކަން ދެއްވި، އަދި ދެ ގައުމުގެ ދެމެދު ގާތް ގުޅުމެއް ބެހެއްޓެވިކަން ފާހަގަ ކުރެއްވި
  • ޔޫއޭއީގެ ރައީސްގެ ހިދުމަތަކީ ފަހުގެ ޖީލުތަކުން ހަނދާން ކުރާނެ ހިދުމަތްތަކެއްކަން ފާހަގަ ކުރެއްވި

ޔޫއޭއީގެ ރައީސް ޝައިހް ހަލީފާ ބިން ޒައިދު އަލް ނަހްޔާން އަވަހާރަވެފައިވަނީ އުމުރުން 73 އަހަރުފުޅުގައި، އާލާސްކަންފުޅެއްގައި އުޅުއްވާތާ ގިނަ ދުވަސްތަކެއް ފަހުންނެވެ.

އެމަނިކުފާނަކީ 2004 އިން ފެށިގެން ޔޫއޭއީގެ ރައީސެވެ. ނަމަވެސް 2014 ވަނަ އަހަރު ޖެހުނު ސްޓްރޯކަކާ ގުޅިގެން ވެރިކަމުގެ ގިނަ ބާރުތަކެއް ވަނީ ވަލީ އަހުދު މުހައްމަދު ބިން ޒައިދް އަލް ނަހްޔާންއާ ހަވާލު ކުރައްވައިފައެވެ.

އޫއޭއީގެ ރައީސް އަވަހާރަވުމުގެ ހިތާމައިގައި، މިއަދުން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ރައީސް ވަނީ ނިންމަވައިފައެވެ.