ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީ އަށް މީހަކު ހަމަލާ ދިން މައްސަލައިގައި ހުކުމް ކުރެއްވި ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރު އަލީ ޝަރީފްގެ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފިއެވެ.

މިދިޔަ އަހަރު ތެރޭ ފޮނަދޫ ބޯޅަދަނޑެއް ކައިރިން ސައިކަލުގައި ދަނިކޮށް، މަސްއޫދު ހިލްމީ އާއި އޭނާގެ އަންހެނުން ފާތިމަތު އާސިޔާއަށް މީހަކު އައިސް ދަގަނޑުބުރިއަކުން ޖަހާ ވަނީ ހަމަލާދީފައެވެ. މިމައްސަލަ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ވަނީ ވީޑިއޯގެ އިތުރުން 11 ހެއްކެއް ހުށަހަޅާފައެވެ. ނަމަވެސް ކޯޓުން ވަނީ އެ މައްސަލަ ސާބިތު ނުވާ ކަމަށް ނިންމާފައެވެ.

މިމައްސަލަ ޖޭއެސްސީއަށް ހުށަހެޅީ ކުރީގެ ޕޮރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިންގެ އެޑަވަކަސީ ޗެމްބާގެ ފަރާތުންނެވެ. ޖޭއެސްސީއަށް ހުށަހެޅި މި މައްސަލާގައި ބުނެފައި ވަނީ އަލީ ޝަރީފް ފަޑިޔާރެއްގެ މަގާމުގައި ބަހައްޓަން އެކަށީގެން ނުވާފަދަ އަމަލެއް ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ދައުވާ ސާބިތު ކުރުމަށް ދައުލަތުގެ ފަރާތުން ކުރިން ހުށަހެޅި ހެކިތަކުގެ ތެރެއިން މަސްއޫދާއި އޭނާގެ އަންހެނުންގެ ހެކިބަސް ބަލައިގަނެވޭނެ ކަމަށް ޝަރީއަތުން ނިންމާފައިވާ ކަމަށާއި އެ ޝަރީއަތުގެ ކުރިން ހުށަހަޅާފައިވާ ހުށަހެޅުންތަކާމެދު ނިންމި ގޮތް މައްސަލާގައި ހިމެނޭ އެއްވެސް ފަރާތަކުން އިސްތިއުނާފު ވެސް ކޮށްފައި ނުވާ ކަމަށް ހުށަހެޅި މައްސަލައިގައި ބުނެއެވެ.

ނަމަވެސް ހުކުމް ކޮށްފައި ވަނީ އެ ދެ ފަރާތުގެ ހެކި ބަސް ޝަރީއަތަށް ބަލައިގަނެވެން ނެތް ކަމަށް ވެސް ހުށަހެޅި މައްސަލައިގައި ބުނެއެވެ.

އެމައްސަލާގައި އިތުރަށް ބުނީ، އަލީ ޝަރީފް ހުކުމް ކުރުމުގައި ހެކިބަސް ބަލައިނުގަތުމާއި ގުޅޭ ގޮތުން ޝަރީއަތުން ފާހަގަކޮށްފައިވާ ދެ ހާލަތަކީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާއި މެދު ގޮތް ނިންމި އިރުވެސް ވުޖޫދުގައި އޮތް ހާލަތެއް ކަމަށާއި އަދި ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާއި މެދު ގޮތް ނިންމި އިރު، އެ ދެފަރާތުގެ ހެކިބަސް ބަލައިގަތުމަށް ނިންމާފައި ވަނީ އެހާލަތަށް ރިއާޔަތްކުރުމަށް ފަހުގައި ކަން އެނގޭ ކަމަށެވެ.

އަލީ ޝަރީފަކީ ދަށު ކޯޓުތަކުން ޖޭއެސްސީއަށް އިންތިހާބުކޮށްފައިވާ މެންބަރެވެ.