ށ. އަތޮޅު މިލަންދޫގައި 18 އަހަރު ނުވާ ފިރިހެން ކުއްޖަކު ވަލައް ވައްދާ އަނިޔާ ކުރި މައްސަލައެއް ތަހުގީގު ކުރަމުން ދާ ކަމަށް ފުލުހުން ބުނެފިއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ކުދިން ތަކެއް އެ ކުއްޖާ ވަލަށް ތެރެއަށް ވައްދާ އަނިޔާ ކުރާ މަންޒަރު ފެނެއެވެ. އަަދި އެ ކުއްޖާ ގައިގައި އެއްޗަކުން ތަޅާ މަންޒަރު ވެސް ފެނިގެން ދެއެވެ.

އެކަމާ ގުޅޭ ގޮތުން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އަދި އެމައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މިހާދިސާ ހިނގާފައިވަނީ މިލަންދޫ ފުޓުބޯޅަ ދަނޑު ހުންނަ ހިސާބުގައެވެ. އެމަންޒަރު ބަލަން އެސަރަހައްދުގައި ކުދިން އަދި ބައެއް މީހުން ވެސް ތިއްބެވެ.

އެވީޑިއޯއާ ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިމައްސަލައާ ގުޅިގެން އަދި ޖެންޑާ މިނިސްޓްރީގެ ބަހެއް ނުލިބެއެވެ.