ޔޫރަޕްގެ އިތުރު ގައުމުތަކުން ރާއްޖެއިން ޝެންގެން ވިސާ ނެގޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ، ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޔޫރަޕް ޑޭ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވީޑިއޯ މެސެޖެއްގައި މާލޭގައި ހުންނަ ވީއެފްއެސް ގްލޯބަލްގެ ވިސާ ސެންޓަރުން ދިވެހިންނަށް އެގައުމުތަކަށް ދިޔުމަށް ޝެންގެން ވިސާ ނެގޭނެ އިންތިޒާމް ހަމަޖައްސާދީފައިވާތީ ޖަރުމަންވިލާތާއި، ޗެކް ރިޕަބްލިކް އަދި އޮސްޓްރިއާ އާއި އިޓަލީވިލާތުގެ ސަރުކާރުތަކަށް ޝާހިދު ޝުކުރު އަދާކުރައްވާފައިވާ ކަމަށެވެ.
އަދި ޔޫރަޕްގެ އިއްތިހާދާއިއެކު އޮންނަ ގުޅުން ބަދަހިވުމުގެ ނަތީޖާއެއްގެ ގޮތުން ދާދި އަވަހަށް ދިވެހިންނަށް ކުރިން ވިސާ ނެގުމަކާ ނުލައި ޔޫރަޕްގެ އިއްތިހާދުގެ ގައުމުތަކަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް މިނިސްޓަރު ވަނީ ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ޝާހިދު ވަނީ ކޮވިޑް-19 ގެ ހާލަތުގައި ޔޫރަޕްގެ އިއްތިހާދުން ދިވެހިރާއްޖެއަށް ފޯރުކޮށްދިން އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.
އެގޮތުން ސިއްހީ ދާއިރާއަށް 1 މިލިއަން ޔޫރޯ އަދި ފަތުރުވެރިކަން އަލުން ކޮޅަށް ޖެހުމަށް 2 މިލިއަން ޔޫރޯގެ ހިލޭ އެހީ ޔޫރަޕިއަން ޔޫނިއަން އިން ދިންކަން ޝާހިދު ފާހަގަކުރެއްވިއެވެ.
ޝާހިދު އިތުރަށް ވިދާޅުވީ ފުރަތަމަ ފަހަރަށް އީޔޫގެ 7 އަހަރަށް ކަނޑައަޅާ ބަޖެޓް ސައިކަލްގައި ދިވެހިރާއްޖެއަށް ވަކިން ހާއްސަކޮށް އެހީ ދިނުމަށް ކަނޑައަޅާފައިވާކަން ފާހަގަކުރައްވާ، އެކަމުގެ ސަބަބުން ސަރުކާރުން ރާއްޖޭގެ އިގްތިސާދު ސިންދަފާތުކުރުމަށް ކުރަމުންގެންދާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.
އަދި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުންވެސް ރާއްޖެއަށް 40 މިލިއަން ޔޫރޯގެ އެހީތެރިކަން ދާދިފަހުން ދިންކަން ފާހަގަކުރައްވާ، އެކަމަށްވެސް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ޔޫރަޕަކީ ރާއްޖޭގެ ވިޔަފާރީގެ މުހިއްމު ބައިވެރިއެއްކަން ފާހަގަކުރައްވާ، ރާއްޖެއިން ބޭރުކުރާ މަހުގެ ބާވަތްތަކުގެ ބޮޑު އިންސައްތައެއް ޔޫރަޕަށް އެތެރެކުރާކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ރާއްޖެއިން ކުރަމުން އަންނަ ދެމެހެއްޓެނިވި މަސްވެރިކަމުގެ ސަގާފަތް ބަލައިގަނެ، ޔޫރަޕްގެ ގައުމުތަކުން ރާއްޖޭގެ ކަނޑު މަހަށް ނަގަމުން އަންނަ ޓެރިފް ދާދި އަވަހަށް އުވާލާނެކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމްއާއި ޔޫރަޕްގެ އިއްތިހާދުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑެނިސް ޗައިބީއާއި ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.