3 ރަށެއްގައި މަޝްރޫއުތަކެއް ކުރިއަށް ގެންދަން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
އެގޮތުން އއ. އުކުޅަހާއި އދ. ދިގުރަށު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއާއި ތ. ވިލުފުށި ގޮޑުދޮށް ހިމާޔަތް ކުރުމަށް ޕްލޭނިން މިނިސްޓްރީއިން ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ.
މި ތިން މަޝްރޫއު ހަވާލުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ.
އެމްޓީސީސީއިން ބުނީ އުކުޅަހު ގެސްޓްހައުސް ވިޔަފާރިއާއެކު އެ ރަށުގައި ޑައިވިން ދޯނިފަހަރާއި ލޯންޗް އަދި ޑިންގީތައް އިތުރުވާން ފަށާފައިވާ ކަމަށާއި 1998 ގައި ސިމެންތި ބަސްތާ ޖައްސައިގެން ހަދާފައިވާ ކުރީގެ ބަނދަރު މަރާމަތަށާއި އިތުރަށް ތަރައްގީ ކުރުމަށް ބޭނުންވެފައި ކަމަށެވެ.
އެކުޅަހު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، 4,954 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި ބަނދަރު ބޮޑުކުރުމަށް 264 މީޓަރު އެއްގަމު ތޮށި އަދި 5 މީޓަރުގެ ބޭރުތޮށި ލުމުގެ އިތުރުން 553 މީޓަރު ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. އަދި 1,640 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި ނެރު ބައްތި އާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރެވިގެންދާނެ ކަމަށާއި ކޮންކްރީޓް ޖެޓީއެއް ހެދުމާއެކު ކަނެކްޓިވިޓީ ބްރިޖެއްގެ މަސައްކަތްވެސް ކުރެވިގެންދާނެ ކަމަށް އެމްޓީސީސީއިން ބުނެއެވެ.
އެ ކޮންކްރީޓް ޖެޓީގެ ސަބަބުން ޑިންގީތަކާއި ކުދި ލޯންޗްފަހަރު އެޅުމުގައި އިތުރު ޖާގައިގެ ތަނަވަސްކަން ލިބިގެން ދާނެ ކަމަށް އެމްޓީސީސީއިން ބުނެއެވެ. އެ މަޝްރޫއަކީ 37,282,051.06 މިލިޔަން ރުފިޔާއަށް 365 ދުވަހުގެ ތެރޭގަ ނިންމަން ހަވާލުކުރި މަޝްރޫއެކެވެ.
ދިގުރަށު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު:
ދިގުރަށު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީއާ ހަވާލުކުރީ 570 ދުވަސް ތެރޭގައި ނިންމުމަށް 53,025,367.58 މިލިޔަން ރުފިޔާއަށެވެ. އެ މަޝްރޫއުގެ ދަށުން 64,416 ކިއުިބކް މީޓަރުގެ ބަނދަރު ފުންކުރުމާއި 6,770 މީޓަރުގެ ނެރުފުން ކުރުމާއި 294 މީޓަރު އެއްގަމު ތޮށި އަދި 287 މީޓަރުގެ ބޭރުތޮށިލުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން 98 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި މޫރިން ބޮއެ ހަރުކުރުމާއި 2,324 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި ނެރު ަބއްތި އާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް އެ މަޝްރޫއުގެ ދަށުން ކުރިއަށްދާނެ ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ. މިމަސައްކަތާއެކު ދިގުރަށުގެ ބަނދަރުގެ މިހާރު އޮތް ޖާގަ ދެގުނައަށް ބޮޑުވެގެންދާއިރު ކޮންކްރީޓް ޖެޓީއެއް ހެދުމާއި ރޭމްޕެއް ހެދުމުގެ މަސައްކަތްވެސް ކުރެވިގެންދާނެ ކަމަށް އެމްޓީސީސީއިން ބުނެއެވެ.
ވިލުފުށި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު:
2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއަށްފަހު ފަޅުކުރުމަށްފަހު އަލުން 2009 ގައި އާ ބާދުކޮށްފައިވާ ވިލުފުށީގައި މީހުން އަލުން އާބާދުކުރުމުގެ ކުރިން އެ ރަށަށް ގެނެވިފައިވާ ބަދަލުތަކުގެ ތެރޭގައި ބިން ހިއްކުމަށްފަހު ފަސްގަނޑު ވަނީ އުސްކޮށްފައެވެ. އަދި ރަށް ވަށައިގެން 2 ކިލޯމީޓަރުގެ ރިވެޓްމަންޓްއެއް ވަނީ ޖަހާފައިވާއިރު މިވަގުތު ރަށްގިރުމުގެ މައްސަލަ ކުރިމަތިވެފައިވަނީ ރަށުގެ ހުޅަނގު ފަރާތުގެ ބަނދަރާ ދިމާލުގައި ރިވެޓްމަންޓް ނުޖަހާ އޮތް ސަރަހައްދުގަ ކަމަށް އެމްޓީސީސީއިން ފާހަގަކުރެއެވެ. ރަށްގިރުމާއި ވަށައިގެން ރިވެޓްމަންޓް ޖަހާފައިއޮތުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް ރީތި ގޮނޑުދޮށެއް އަދި ފަތާލާނެ ހިތްގައިމު ސަރަހައްދަކުން ވަނީ މަހުރޫމްވެފައެވެ.
އެމްޓީސީސީއިން ބުނީ އެ މަޝްރޫއުގެ ދަށުން، 3,047 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި 1,869 ކިއުބިކް މީޓަރުގެ ފަތާ ސަރަހައްދު ފުންކުރުމާއި 135 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި 184 މީޓަރު ރިވެޓްމެންޓް ޖެހުމުގެ އިތުރުން ފަތާ ސަރަހައްދު ވަކިކުރުމަށް ބެރިޔާ ފްލޯޓްސް އެޅުމަށް ވަނީ ހަމަޖެހިފާ ކަމަށެވެ.
ޕްލޭނިން މިނިސްޓްރީއިން އެމްޓީސީސީއާ ހަވާލުކުރި އެ މަޝްރޫއު 130 ނިންމަން ޖެހޭއިރު އެ މަޝްރޫއުގެ އަގަކީ 11,192,295.14 މިލިޔަން ރުފިޔާއެވެ.