މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި މާލޭގައި ހިންގާ ޕްރީ ސްކޫލެއް ކަމަށްވާ ގަލޮޅު މަދަރުސާގައި ތައުލީމް ހާސިލްކުރަމުން ދިޔަ އުމުރުން ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް އެތަނުގެ މުވައްޒަފެއްގެ ފަރާތުން ޖިންސީ އަނިޔާ ލިބުނު ކަމަށް ބުނާ މައްސަލައިގެ ތަހުގީގަށް ތުހުމަތު ކުރި މުވައްޒަފުގެ އެއްވެސް މައްސަލައެއް ފާހަގަކުރެވިފައި ނުވާތީ އެ މައްސަލަ ފައިލް ކޮށްފިއެވެ.

ގަލޮޅު މަދަރުސާއިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ، އެ ސްކޫލްގެ މުވައްޒަފަކު ހަތަރު އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކޮށް ނޫސްތަކާއި ސޯޝަލް މީޑިއާގައި އެކި ގޮތްގޮތަށް ހަގީގަތާ ހިލާފަށް ވާހަކަތައް ދައުރު ކުރި ކަމަށެވެ. އެ މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށް ފަހު ތުހުމަތުވާ މީހާއަށް ދައުވާ ނުކުރުމަށް ފުލުހުން ނިންމާފައިވާ ކަމަށާއި އެ މައްސަލައިގެ ތަހުގީގުން މުވައްޒަފާ މެދު އެއްވެސް ކަންބޮޑުވުމެއް ފާހަގަކުރެވިފައި ނުވާތީ މި މައްސަލަ ފައިލްކޮށްފައިވާ ކަން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެ ސްކޫލާ ހިއްސާކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބުނެއެވެ.

"މިފަދަ ނާޒުކު ހާލަތެއް ދިމާވުމުން ސްކޫލުގެ ޓީޗަރުންނާއި މުވައްޒަފުންދެއްކެވި ކެތްތެރިކަމާއި ނަމޫނާ ފާހަގަކޮށް އެކަމަށް ސްކޫލްގެ މެނޭޖްމަންޓުންޓުގެ ފަރާތުން ޝުކުރު ދަންނަވަން. މީގެ އިތުރުން ލޮބުވެތި ބެލެނިވެރިން އަދި ހާއްސަކޮށް ޕީ.ޓީ.އޭގެ ފަރާތުން މެދުނުކެނޑި ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް އެކަމަށް ވެސް ޝުކުރު ދަންނަވަން."
ގަލޮޅު މަދަރުސާ

އެ މައްސަލަ ފެންމަތުިވެގެން އައުމާ އެކު އެކަން ވާނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިގެން ކަމާގުޅުން ހުރި މުއައްސަސާތަކުގެ ލަފައާއި އިރުޝާދާއެކު އަވަސް ފިޔަވަޅުތަކެއް އަޅާފައި ކަމަށް ސްކޫލުން ބުނެއެވެ. މި މައްސަލައިގެ ހުރިހާ މަރުހަލާއެއްގައި ވެސް އެންމެ އިސްކަމެއް ދީފައި ވާނީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށް އެ ސްކޫލުން ބުނެއެވެ. މިއީ ދަރިވަރެއްގެ ރައްކާތެރިކަމާއި ގުޅުން ހުރި ތުހުމަތެއް ކަމަށް ވާތީ މިފަދަ މައްސަލަތަކުގައި އަމަލު ކުރުމަށް ހަމަޖެހިފައިވާ އުސޫލުތަކާއި އެއްގޮތަށް އެ މައްސަލަ ވަނީ ފުލުހުންނާއި ޖެންޑާ މިނިސްޓްރީއަށް އޭރު ހުށަހަޅާފައި ކަމަށް ސްކޫލުން ބުނެއެވެ.މި

އުނގެނުމަށް ފަހި، ރައްކާތެރި މާހައުލެއް ގާއިމްވެފައިވާ ތަނެއްކަން ކަށަވަރު ކުރުމަށް އެ ސްކޫލްގައި ހަރުދަނާ އުސޫލުތަކާއި އިޖުރާއަތްތަކެއް ގާއިމްކޮށްފައިވާނެ ކަމަށް އެ ސްކޫލުން ބުނެއެވެ. އަދި ދަރިވަރުންގެ ރައްކާތެރި ކަމަކީ އެންމެ އިސްކަމެއް ދީގެން ބަލަމުންދާ ކަމެއްކަން ބެލެނިވެރިންނަށާއި އާންމު ރައްޔިތުންނަށް ޔަގީން ކޮށްދޭ ކަމަށް އެ ސްކޫލުން ބުނެއެވެ.

އެ މައްސަލައިގައި ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވެނީ އެ ސްކޫލުގައި މަސައްކަތު މީހެއް ކަން އެނގިފައި އޮތަސް އޭރު އެއީ ކާކުކަން ދެނެގަނެވިފައެއް ނުވެއެވެ. އެހެންކަމުން މައްސަލަަ ބެލުމަށް ފަހު އެ ސްކޫލުގައި މަސައްކަތް ކުރާ ހުރިހާ މަސައްކަތު މީހުން ސަސްޕެންޑް ކޮށް އެ ސްކޫލަގައި ވަނީ ސީސީޓީވީ ކެމެރާ ވެސް ހަރުކޮށްފައެވެ. ދެން އެ މައްސަލައިގައި ތަހުގީގު ކުރިއަށް ގެންދިއުމަށް ފަހު ހައްޔަރު ކުރީ އުމުރުން 63 އަހަރުގެ ދިވެހި އަންހެނެކެވެ. އަދި އެމީހާ ވަނީ އެ އަހަރުގެ ނޮވެމްބަރު މަސް ފެށުނު އިރު ބަންދުން ދޫކޮށްލާފައެވެ.