ދުނިޔޭގެ އެންމެ އަގުހުރި ކުންފުނީގެ މަގާމުގައި އޮތް އެމެރިކާގެ އެޕަލް ކުންފުނި ވައްޓާލުމަށްފަހު، ސައުދީ އަރަބިއްޔާގެ ތެލާއި ގޭސް ކުންފުނި (އަރަމްކޯ) އިން އެ މަގާމު ކަށަވަރު ކޮށްފިއެވެ.

މިއީ ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައި ވާ އައިފޯން އުފައްދާ އެޕަލް ކުންފުނި ފަހަތަށް ޖެއްސުމަށްފަހު، ފާއިތުވީ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި އަރަމްކޯއަށް އެ ޝަރަފު ހާސިލު ކުރެވުނު ފުރަތަމަ ފަހަރެވެ.

މި ދަނޑިވަޅަކީ ޓެކްނޮލޮޖީ ކުންފުނިތަކުގައި ހިއްސާގެ ގޮތުގައި ކޮށްފައިވާ އިންވެސްޓްމަންޓްތައް އަނބުރާ ނަގަމުންދާ ދަނޑިވަޅެކެވެ. އިންވެސްޓަރުން، ޓެކްނޮލޮޖީ ސިނާއަތުގައި ކުރި އިންވެސްޓްމަންޓްތައް އަނބުރާ ނަގަން ފަށާފައި ވަނީ ނުރައްކާ ބޮޑު އެސެޓެއްގެ ބިރާއެކުގައެވެ.

ބިޓްކޮއިންއާއި އެނޫންވެސް ވަރުގަދަ ކްރިޕްޓޯކަރަންސީތަކުގެ އެސެޓްތައްވެސް ބާރު ސްޕީޑްގައި ވެއްޓެމުން ދާކަން ފާހަގަ ކުރަން ޖެހެއެވެ.

އެޕަލް ކުންފުނީގެ ހިއްސާގެ އަގުން 5 ޕަސެންޓް ދަށަށް ގޮސް، އެ ކުންފުނީގެ އަގު ވަނީ 2.37 ޓްރިލިއަން ޑޮލަރަށް ވެއްޓިފައެވެ. ސައުދީގެ ތެލާއި ގޭސް ކުންފުނީގެ އަގަކީ 2.42 ޓްރިލިއަން ޑޮލަރެވެ. މުޅި އަހަރަށް ބަލާއިރު އެޕަލް ކުންފުނީގެ ހިއްސާގެ އަގުން 20 ޕަސެންޓް ވަނީ ދަށަށް ގޮސްފައެވެ.

މިއީ 2020 ވަނަ އަހަރަށް ފަހު، ދުނިޔޭގެ އެންމެ އަގު ހުރި ކުންފުނީގެ ލަގަބު، އަރަމްކޯއަށް ލިބުނު ފުރަތަމަ ފަހަރެވެ. ސާފު ނުކުރާ ތެލާއި ގުދުރަތީ ގޭހުގެ އަގުތައް މިއަހަރު އުފުލެން ފެށުމާއިއެކު ހަކަތަ އުފައްދާ ފަރާތްތަކުގެ ހިއްސާގެ އަގުތައްވެސް ދަނީ އުފުލެމުން ކަން ފާހަގަ ކުރަން ޖެހެއެވެ.