އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްއޮނެޑް ޕިނެޑާ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އައިޖީއެމްއެޗްގެ ނަރުސް ހަލީމަތު ލަމްހާއަށް އެއްވެސް މަނާ ބޭހެއް އަދި އައިޖީއެމްއެޗްގެ އެއްޗެއް ގެންގުޅެފައި ނުވާ ކަމަށް އޭނާގެ ދިފާއީ ވަކީލް އަބްދުﷲ ޝާއިރު ވިދާޅުވެއްޖެއެވެ.
މި މައްސަލައިގެ ދެ ދައުވާއެއް މިއަދު ވަނީ އިއްވާފައެވެ. އެއީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއެވެ. ލަމްހާގެ މައްޗަށް އުފުލާފައިވާ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އަށް ވެސް އޭނާ ވަނީ މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި އިންކާރުކޮށްފައެވެ.
މިއަދު އިއްވި ދެ ދައުވާގައި ދައުލަތުން ބުނެފައިވަނީ މޭރީ މަރާލުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި ލަމްހާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު ހަމައެކަނި ހޮސްޕިޓަލުގައި ބޭނުންކުރުމުގެ ހުއްދަ އޮތް ބޭސްތަކެއް އެ ގެއިން ފެނިފައިވާ ކަމަށާއި އެ ބޭސްތަކަކީ ފާމަސީތަކުން ވެސް ލިބޭނެ ބޭސްތަކަކަށް ނުވާއިރު، މިއީ ވަކި ހާއްސަ ހުއްދަ އޮންނަ ފަރާތްތަކަށް ދޫކުރެވޭ ބޭސްތަކެއް ކަމަށެވެ. އެކަމަށް ރައްދުދެއްވާ ދިފާއުން ވަނީ އެ ބޭސްތަކަކީ އައިޖީއެމްއެޗްގެ ބޭސްތަކެއްކަން އެނގެނީ ކޮން ގޮތަކުންތޯ ސުވާލުކޮށް ދައުލަތުން ދައުވާ އުފުލީ ހަމައެކަނި ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ސިޓީއެއްގެ މައްޗަށް ބިނާކޮށް ކަމަށް ބުނެފައެވެ.
ދައުލަތުން ބުނީ އެ ބޭސްތަކަކީ "އެޗް-1" ދަރަޖައިގެ ބޭސްތަކެއް ކަމަށާއި އެފަދަ ބޭސްތަކަކީ ހަމައެކަނި ހޮސްޕިޓަލްތަކަށް އެކަނި ދޫކުރެވޭ ބޭސްތަކެއް ކަމަށެވެ. އަދި ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހުއްދައެއް ލަމްހާގެ އަތުގައި ނެތް ކަމަށާއި ލަމްހާ ދިރިއުޅޭ ގެއަކީ ހޮސްޕިޓަލެއް ނޫން ކަމަށްވެސް ދައުލަތުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ލަމްހާގެ ގެއިން ފެނުނު ބޭސްތަކުގެ ބެޗް ނަންބަރުން އެއީ އެސްޓީއޯ އިން އައިޖީއެމްއެޗަށް ވިއްކާފައިވާ ބޭސްތަކެއްކަން އެނގޭ ކަމަށާއި އެ ބޭސްތައް ނަގާފައިވަނީ ސިއްރުންކަން ހޮސްޕިޓަލުގެ ޑިރެކްޓަރުގެ ސިޓީއަކުން ކަށަވަރުވާ ކަމަށްވެސް ދައުލަތުން ވަނީ ބުނެފައެވެ. އެ ދެ ދައުވާއަށް ވެސް ލަމްހާ ވަނީ އިންކާރުކޮށްފައެވެ.
މިއަދުގެ އަޑުއެހުމުގައި ލަމްހާގެ ދިފާއުން ވަނީ އޭނާގެ މައިބަދައިގެ ރެދެއް ލާފައިވުމުން އޭނާ "ބެޑް ރެސްޓް" ކުރަން ހުޅުމާލެ ހޮސްޕިޓަލުން ލަފާ ދިން ނަމަވެސް, އެ ގޮތަށް ކަރެކްޝަންސްއިން އަމަލު ކޮށްފައި ނެތުމުންނާއި ބަންދަށް ވެސް ލުޔެއް ލިބިފައި ނުވާތީ އެ މައްސަލަ އެޗްއާރުސީއެމްއަށް ހުށަހަޅާފައިވާ ކަމަށް ބުނެފައެވެ.
ދައުލަތުން ބުނީ ޑޮކްޓަރުގެ ލަފަޔާއި ގުޅިގެން އަމިއްލައަށް އެއްޗެތި ދޮވުމުގެ ބަދަލުގައި ކަރެކްޝަނަލް ސާވިސްގެ ލޯންޑަރީ ބައިން އެކަން ކުރެވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށާއި ބާލިދީގައި ފެން އުފުލަން އުނދަގޫވާތީ، އުފުލޭ ވަރަށް ބާލިދީއަށް ފެން އެޅުމަށް އަންގައި އަދި ފަސޭހަ ކުރުމަށް ހޮޅިއެއް ވެސް ގުޅައިދީފައިވާ ކަަމަށެވެ. ލަމްހާގެ ވަކީލު ވަނީ ޖަލު ގޮޅިއެއްގައި "ބެޑް ރެސްޓް" ކުރެވޭނެ ބުއްދީގެ ހަމައެއް ނެތް ކަމަށާއި އެ ގޮތަށް ޑޮކްޓަރަކު ލަފާ ދޭނީ ބެޑް ރެސްޓް ނުކޮށްފިނަމަ އެ މީހެއްގެ ފުރާނައަށް ނުރައްކާވާ ވަރަށް ކަންކަން ގޮސްދާނެ ކަމަށް ބެލެވޭ ހާލަތުގައި ކަމަށެވެ.
ޑޮކްޓަރު ލަފާދީފައި ވަނީ ބެޑްރެސްޓް ކުރަން ނޫން ކަމަށާއި އެއީ ހަމައެކަނި އަނިޔާ ލިބިފައިވާ ތަން ރެސްޓް ކުރުން ކަމަށް ދައުލަތުން ވަނީ ބުނެފައެވެ. މީގެ އިތުރުން ފިޒިއޮތެރަޕީގެ ކަންކަން ކުރިއަށް ގެންދިއުމަށް ކަރެކްޝަނަލް ސާވިސްއަށް އަންގާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
ދައުލަތުން ބުނީ ހަމަ ބޭސްފަރުވާއަށް ބަންދުން ދޫކޮށްލަން ނުވާނެ ކަމަށެވެ. އެހެންނަމަވެސް ހައިކޯޓުން ދާދިފަހުން ނެރުނު ގަޒިއްޔާގައިވާ ހާލަތާއި މި ހާލަތު ތަފާތު ކަމަށް ބުނެ ލަމްހާގެ ހާލަތު ނާޒުކު ކަމަށް އޭނާގެ ވަކީލުން ވަނީ ބުނެފައެވެ.
ޝަރީއަތް ނިމެންދެން ބަންދުގައި ހުރި ލަމްހާގެ ބަންދު މުރާޖައާއަށް ހުށަހެޅީ ދައުލަތުންނެވެ. އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން ޝަރީއަތް ނިމެންދެން ބަންދުގައި ހުންނަ މީހަކު ބަންދު ކުރި ސަބަބު ދެމިއޮތްކަން ކޮންމެ 30 ދުވަހަކުން ބަލަން ޖެހޭނެ ކަމަށް އޮންނާތީއެވެ. އަދި ލަމްހާ ބަންދު ކުރަން ޝަރީއަތުން ނިންމި ސަބަބަށް އެއްވެސް ބަދަލެއް އައިސްފައި ނެތުމުން އޭނާ ބަންދު ކުރަން ކުރިން ނިންމި ނިންމުން ދެމެހެއްޓުމަށް ދައުލަތުން ވަނީ އެދިފައެވެ.
ލަމްހާގެ ބަންދު މުރާޖައާއާ ގުޅޭ ގޮތުން މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު މިއަދު ވެސް ގޮތެއް ނުނިންމައެވެ. ގާޒީ ނިންމެވީ ޑޮކްޓަރު ދީފައިވާ ލަފައާ ގުޅޭ ގޮތުން އަދިވެސް ބަލަން ޖެހޭ ކަންކަން ހުރުމުން، ދިފާއުން ފާހަގަކޮށްފައިވާ ކަންކަމަށް ދައުލަތުން ލިޔުމުން ފަސް ދުވަހުގެ ތެރޭގައި ޖަވާބެއް އެރުވުމަށެވެ. އަދި އެ ޖަވާބު ލިބުމުން ދެން އޮންނަ އަޑުއެހުމެއްގައި އެ ކަމުގައި ގޮތެއް ނިންމެވުމަށެވެ.
ދެން މި މައްސަލައިގެ އަޑުއެހުމެއް ބާއްވަން ނިންމާފައި ވަނީ އަންނަ ބުރާސްފަތި ދުވަހަށެވެ. އެ ދުވަހު ބަންދާ މެދު ގޮތެއް ނިންމުމުގެ އިތުރަށް ދައުލަތުންނާއި ދިފާއުން ހުށަހަޅާ ހެކި ހާމަކުރުން އޮންނާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.
މޭރީގެ މަރުގެ މައްސަލައިގާ އޭނާގެ ފިރިމީހާއާއި ލަމްހާ ވަނީ ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. އެ މައްސަލައިގައި ލަމްހާގެ މައްޗަށް ވަނީ ތިން ދައުވާއެއް ކޮށްފައެވެ. އެ ތިން ދައުވާތަކަކީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވިކަމުގެ ދައުވާއާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާއެވެ. ލަމްހާގެ މައްޗަށް މި ތިން ދައުވާ ސާބިތުވެއްޖެ ނަމަ، އޭނާގެ މައްޗަށް ދިހަ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ފިލިޕީންސަށް ނިސްބަތްވާ، އައިޖީއެމްއެޗްގެ ޑައަލިސިސް ޔުނިޓުގައި މަސައްކަތް ކުރާ މޭރީ ގްރޭސް މަރުވީ ދަންޖެހިގެން ކަމަށް ބުނެ ސޯޝަލް މީޑިއާގައި މިދިޔަ އޮކްޓޯބަރު މަހު ވަނީ ހަބަރު ފަތުރާފައެވެ. ނަމަވެސް އޭނާ މަރުވީ ބޮލަށް ލިބުނު ބޮޑެތި ޒަހަމްތަކާ ގުޅިގެން ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.
މިހާރު ޖަލަށްލާ ކޮންމެ މީހަކުވެސް މި ޮޮނަނެެ މައިބަދައިގާ ރެނދުލާފަބާ! ތިކަހަލަ ހުއްޖަތްތައް ދެއްކުމަށްވުރެ މާރަނގަޅުވާނެ ރަށުގެ ރައީސަށް ދަންނަވައިގެން ބޯދަމައިގަނެބަލަ.